ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް މިވަގުތު އެ ތިއްބެވީ ރަހީނުކޮށްފައި ކަމަށާއި އެ ބޭފުޅުންގެ މައްޗަށް ތުހްމަތުކުރާ މައްސަލާގައި ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ފުލުހުން ހަދަމުންދަނީ ދޮގު ކަމަށް އެ ބޭފުޅުންގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނާއި ފާރިސްގެ އިތުރުން ނަދީމްގެ ގާނޫނީ ވަކީލުން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ރައީސް މައުމޫނާއި ފާރިސް އާއި ނަދީމާ ދެކޮޅަށް ހުރި ކަމަށް ބުނެ ފުލުހުން ނިއުސްކޮންފަރެންސްގައި ދައްކަވާ ވާހަކައަކީ ދޮގެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެއީ ރަނގަޅު ވާހަކަތަކެއް ނަމަ އެ ހެކިތަކާ ގުޅޭ ގޮތުން އެ ބޭފުޅުންނާއި ސުވާލު ކުރައްވާނެ ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ. އަދި ފުލުހުން މީޑިޔާތައް އެއްކޮށްގެން ބާއްވާ ޕްރެސްކޮންފަރެންސްއަކީ މީޑިޔާތައް ކުރިމަތީ ފުލުހުން ޝަރީއަތް ކުރެއްވުން ކަމަށް ވަނީ ސިފަ ކުރައްވާފައެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޖިނާއީ އިޖްރާއަތުގެ ގާނޫނު ސަސްޕެންޑްކޮށްފައި ވަނީ އެ ގާނޫނު ދެކެ ބިރުން ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ފައިސަލް ވިދާޅުވީ ރައީސް މައުމޫނު ބަންދުގައި ހުންނަވާތާ 23 ދުވަސް ފާއިތުވިއިރު އެއްވެސް ސުވާލެއް ކޮށްފައިނުވާއިރު ހަމަ އެކަނިކުރާ ކަމަކީ އެތަނުން އަނެއް ތަނުން ބަދަލު ކުރެއްވުން ކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކެއްގައި ވަކީލުންނަށް ވެސް ޚަބަރެއް ނުވެވޭނެ ގޮތަށް ރައީސް މައުމޫނު އެއް ރަށުން އަނެއް ރަށަށް ބަދަލު ކުރައްވާތީ ފައިސަލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ވިދާޅުވީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ރަހީނުކޮށްގެން 23 ދުވަސްވަންދެން ގެންގުޅުއްވާއިރު ތުހްމަތުކުރާ މައްސަލައެއްގައި ފުލުހުނަށް ސުވާލެއް ނުކުރެވުމުން އެއީ އެއްވެސް އަސްލެއްގެ މައްޗަށް ކުރާ ތުހްމަތުތަކެއް ނޫންކަން އެނގޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. ހަމަ އެހެންމެ ރައީސް މައުމޫނާ ދެކޮޅަށް ވަރަށް ގިނަ ހެކި ހުރި ކަމަށް ވިދާޅުވެ ފުލުހުން ޕްރެސްކޮންފަރެންސްތަކުގައި ދައްކަވާ ވާހަކަތަކަކީ އެމަނިކުފާނަކީ ކުށްވެރިއެއް ކަމަށް ދައްކަން ކުރައްވާ ކަމެއް ގޮތުގައި ވެސް ފައިސަލް ސިފަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިބްރާހިމް ޝަމީލް ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކޮށްފައިވާ ތުހްމަތާ ގުޅޭ ގޮތުން އަދި މިވީހާ ތަނަށް ފުލުހުން ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. ފަރީސް އާއި ނަދީމާއި މައުމޫނު ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރުންނަށް ރިޝްވަތުދިން ކަމުގެ ތުހްމަތުގައި ކަމަށްބުނާއިރު އެ ބޭފުޅުން ހައްޔަރުކުރި ފަހުން 23 ދުވަސް ފާއިތުވެގެން ހިނގައްޖެ ކަން ޝަމީލް ފާހަގަ ކުރެއްވި އެވެ. ފާރިސް އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުނަށް ރިޝްވަތު ދެއްވި ކަމަށްބުނެ ތުހްމަތުކުރެވޭ މައްސަލައެއްގައި ކަމަށްވާއިރު އެ މައްސަލާގައި ވެސް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ވެސް ތުހްމަތުކޮށްފައިވާ ކަމަށް ވެސް ޝަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމީލް ވިދާޅުވީ ފާރިސްއާއި ނަދީމް ބޭސް ފަރުވާގެ ހައްގުން މަހްރޫމްކޮށްފައިވާއިރު އެ ބޭފުޅުން ބައިތިއްބާފައިވަނީވެސް އިންސާނުން ތިބެން ހެޔޮވާވަރުގެ ތަނެއްގައި ނޫން ކަމަށެވެ. އަދި ނަދީމާއި ފާރިސްގެ ހާލަތާ ގުޅޭ ގޮތުން ދެއްކެވި އެ ވާހަކަތައް ފުލުހުންނަށް ދޮގު ނުކުރެވޭނެ ކަމަށްވެސް ޝަމީލް ވިދާޅުވި އެވެ.