ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުންޔާ މައުމޫން ސަރުކާރުން އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ސަރުކާރުން އިސްތިއުފާ ދެއްވިކަން ރޮއިޓަރޒް ނިއުސް އެޖެންސީއަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އިސްތިއުފާ ދެއްކިކަން ހާމަނުކުރެއްވި ނަމަވެސް އެކަމަނާ ވަނީ އިރުއޮއްސުނު ފަހުން ޓްވީޓެއް ކުރައްވާފައެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
— Dunya Maumoon (@dunyamaumoon) February 27, 2018
ދުންޔާ ވަނީ އިސްތިއުފާ ދެއްވުމަށް ފަހު، ރާއްޖޭގައި މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ.
ދުންޔާ އިސްތިއުފާ ދެއްވިއިރު، އެކަމަނާ ހުންނެވީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ޗުއްޓީގައެވެ. ޣައިރު ގާނޫނީ ގޮތުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނުގެ ދިފާޢުގައި ގިނަ ޓްވީޓްތަކެއް ކުރެއްވި ނަމަވެސް، މައުމޫންގެ އަނެއް ދަރިކަނބަލުން ޔުމްނާ މައުމޫން ކުރައްވާ މިންވަރަށް ދުންޔާ މަސައްކަތް ނުކުރައްވާތީ އާއި، ރައީސް މައުމޫނާއި ކޮއްކޯފުޅު ފާރިސް މައުމޫން ހައްޔަރުކޮށްފައިވީ ނަމަވެސް ސަރުކާރުގެ މަޤާމުން އިސްތިއުފާ ނުދެއްވާތީ އެކަމަނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އެކަމަނާ ވިދާޅުވެފައި ވަނީ މިހާލަތުގައި އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކުރައްވާފައެވެ. އަދި އެފަދަ ދަނޑިވަޅެއް އަތުވެއްޖެ ނަމަ އިސްތިއުފާ ދެއްވަން ކެރިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއވެެ.
ސަރުކާރަށް އެކަމަނާ ފާޑުވިދާޅުވާން ފެއްޓެވުމުން އެކަމަނާ ކޮންމެވެސް އެއް ގޮތެއް ނިންމެވުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގޮވާލައްވާފައެވެ.
އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން ދުންޔާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ދުންޔާ ވަނީ މީގެ ކުރިން މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. ނަމަވެސް ރައީސް ޔާމީނާއި ބައްޕާފުޅު މައުމޫނާ ޖެހުނު މައްސަލަތަކަށް ފަހު އެކަމަނާ އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. އޭރު އެކަމަނާ ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އޭރު ސަރުކާރަށް ފާޑުވިދާޅުވި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެސް ސަރުކާރާ ގުޅިވަޑައިގެން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވިއެވެ.