ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރި ފަރާތްތަކުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި މޯލްޑިވްސް ޕޮލީސް ސަރވިސްގެ 50 އަށްވުރެ ގިނަ އޮފިސަރުން ބަންދުކޮށްފައިވާ ކަމަށް ވިދާޅުވެ، ރައީސް މުޙައްމަދު ނަޝީދު އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ބައެއް އޮފިސަރުން އެހެން ފަރާތްތަކާއި މުއާމަލާތު ނުކުރެވޭ ގޮތަށް އެމީހުންގެ ބެރެކްސްގައި ބަންދުކޮށްފައިވާ ކަމަށާއި، އަދި ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) އަށް ނިސްބަތްވާ ސީނިއަރ ބައެއް އޮފިސަރުން ދޫނިދޫގައި ބަންދުކޮށްފައިވާތީ އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދި އެހުރިހާ ފަރާތްތައް މިނިވަން ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.
Yameen loyalists have detained more than 50 MNDF and Police Officers. Some being detained in their barracks incommunicado; while senior SO police held in Dhoonidhoo. This is worrying. They must be freed.
— Mohamed Nasheed (@MohamedNasheed) February 27, 2018
ހައްޔަރު ކޮށްފައިވާ ސިފައިންނާއި ފުލުހުން ދޫކޮށްލުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން ސިފައިންގެ 7 މީހަކު ހައްޔަރު ކޮށްފައިވާކަން ކަށަވަރުވެފައިވެއެވެ. އޭގެ ތެރޭގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތަށްފަހު ފުލުހުންގެ ބަޔަކު ހައްޔަރު ކޮށްފައިވާކަން މޯލްޑިވްސް ޕޮލީސް ސަރވިސް އިން ކަށަވަރު ކޮށްދެއެވެ. ހައްޔަރު ކޮށްފައިވާ ފުލުހުންގެ ތެރޭގައި ސްވޮޓްގެ ސްޕެޝަލް އޮޕަރޭޝަންސްގެ ކުރީގެ ކޮމާޏްޑަރު ސައިފް ހުސެއިންގެ އިތުރުން ސްވޮޓް އެސްއޯގެ އިތުރު ފުލުހުން ހިމެނެއެވެ.