ފުލުހުން ހެކި އުފައްދާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވި މައްސަލަ ޖިނާއި ކުށެއްގެ ގޮތުގައި ތަހްގީގް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހޯމަ ދުވަހު ނޫސްވެރިންނަށް ބަޔާން އިއްވުމަށް ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ބައެއް ވަކީލުންގެ ފަރާތުން ދަށު ދަރަޖައިގެ އަމަލުތައް ފެނިގެންދިޔުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"ހާއްސަކޮށް މި މައްސަލައިގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހުސެއިން ޝަމީމް ފެބްރުއަރީ 13 ވަނަ ދުވަހުގެ 20:58 ގައި މިޑިއާގެ ފަރާތްތަކާއި ބައްދަލުކުރައްވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ތަހްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާއި ގަރީނާ ސައްހަކަމާއި މެދު ވާހަކަ ދައްކަވައި، ފުލުހުން ހެކި އުފައްދާ ކަމަށް ވިދާޅުވެ، ފުލުހުންނަށް ގާނޫނުން މަތިކޮށްފައިވާ މަސައްކަތާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތުކަން އުފެދޭ ގޮތަށް މީޑިއާގައި ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާ، ފުލުހުންގެ ގާނޫނީ މަސައްކަތް ކުރުމަށް ދަތިކޮށް، ފުލުހުން ކުރަމުންދާ ތަހްގީގެއްގެ މަގްސަދު ހާސިލްވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކޮށްފައިވާކަން އަޅުގަނޑުމެން ފާހަގަކުރަން" ޝިފާން ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ ކަންކަމަކީ ޖިނާއި ކުށެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ހިނދު، އެ މައްސަލަ ބަލައި ތަހްގީގް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހިންގަމުންދާ ތަހްގީގުތަކާ ގުޅިގެން ކަނޑައެޅިގެން ދޮގު މައުލޫމާތު ވަކީލުން މީޑިއާތަކުގައާއި މީހުންގެ ތެރޭގައި ދައްކަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި މިގޮތަށް އަމަލު ކުރަމުންދަނީ ފުލުހުން ހިންގަމުންދާ ތަހްގީގުތަކަށާއި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންދޭ އިތުބާރު ކިލަނބު ކުރުމުގެ މަގްސަދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަކީލުންގެ އަމަލުތައް ގާނޫނީ ތަރަހައިގެ ތެރެއިން ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.