ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކައުންސިލުން ރާއްޖެއާ މެދު ނިންމި ނިންމުންތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.
އެމިނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީޔޫގެ ކައުންސިލުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
Welcome the EU’s calls upon Pres Yameen’s Government to abide by the decision of the SC of Maldives, on 1st Feb 2018 calling into question the validity of criminal proceedings against leading political figures, ordering their immediate release and the reinstatement of 12 MPs.
— Mohamed Nasheed (@MohamedNasheed) February 26, 2018
އީޔޫ ކައުންސިލުން ވަނީ ހޯމަ ދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއާ ގުޅޭ ގޮތުން 7 ނުކުތާއެއް ފާހަގަކޮށް އެއްބަސްވެފައެވެ. ވިލާތުގެ އިއްތިހާދުގެ ކައުންސިލުން ރާއްޖެއާ މެދު މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މިއީ އެ ކައުންސިލުން ރާއްޖެއާ މެދު މިފަދަ ނިންމުމެއް މިގޮތަށް ނިންމި ފުރަތަމަ ފަހަރެވެ. މި އެއްބަސްވުންތަކުގައި ވެސް ވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ.
އީޔޫގައި ހިމެނޭ މުހިންމު ބޮޑު ގައުމުތަކަކުން ވަނީ ވެސް މި އަމުރު ތަންފީޒުކުރުމަށް ގޮވާލާފައެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން ވަނީ މި އަމުރު ތަންފީޒުކުރުމަށް ދެކޮޅު ހަދާފައެވެ.