ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ދާޚިލީ މައްސަލަތަކަކީ ބައިނަލްއަޤްވާމީ މުޖްތަމައުން ހައްލުކުރަން ޖެހޭ މައްސަލަތަކެއް ކަމަށް ޤަބޫލުކުރެވުން ކަމަށް ރާއްޖެ އިން ވިލާތުގެ އިއްތިޙާދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން ވިދާޅުވެއްޖެއެވެ.
ވިލާތުގެ އިއްތިހާދުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން ރާއްޖެ ޓީވީގެ ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވީ އަޅުގަނޑުމެންގެ އަމިއްލަ މައްސަލަތައް ހައްލުކުރަން އަބަދު ދާން ޖެހެނީ ބޭރު ބައެއްގެ ކައިރިއަށް ކަމަށާއި، ބޭރުގެ ބަޔަކަށް ބަރޯސާވެގެން ލިބޭނެ މާބޮޑު މަންފާއެއް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ ފަރާތެއްގެ ކައިރިއަށް ދިޔަޔަސް، އެހެން ދިޔުމުން ލިބޭނީ ގެއްލުން ކަމަށް ޝިޔާން ވިދާޅުވިއެވެ.
"މިހާރު ކަންތައް މިއޮތް ހިސާބުން އަބަދުވެސް ކިރިޔާ ކަމެއް ވާއިރަށް މިދަނީ ބައިނަލްއަޤްވާމީ މުޖްތަމައު ކައިރިއަށް ނުވަތަ ކޮންމެވެސް ގާތް އަވަށްޓެރި ޤައުމެއް ކައިރިއަށް. ދިޔައީމަ އެމީސް މީހުން ބޭނުންވާ ކަންތައްތައް އަންނާނީ. އެއަކީ ދިވެހިންނަށް ނުވަތަ ދިވެހިރާއްޖެއަށް ފައިދާވާނެ ކަންކަމެއް ނޫން. ކޮންމެ ފަރާތަކުން ކުރިކަމުގައިވިޔަސް މިއީ މިކަން މިއޮތް ގޮތަކީ،" ޝިޔާން ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ ވިލާތުގެ އިއްތިޙާދުން ހޯމަ ދުވަހު ނިންމި ނިންމުމާ މެދުވެސް އެކި ފަރާތްތަކުން ދެކޭނީ އެކި ގޮތަށް ކަމަށެވެ. އަދި ވިލާތުގެ އިއްތިޙާދުން ގޮވާލާފައިވާ ކަންކަމާ ބެހޭ ގޮތުން އެ އިއްތިޙާދުގެ މެމްބަރު ޤައުމުތަކަށް ދޭން ޖެހޭ މައުލޫމާތު ދިވެހި ސަރުކާރުން އަރުވާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ ވިލާތުގެ އިއްތިޙާދަކީ ޤައުމުތަކާ މެދު ފިޔަވަޅު އަޅައި، ޖައްސާލައިގެން އުޅޭ ޖަމާޢަތެއް ނޫން ކަމަށެވެ. އަދި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ބަރުމާގައި ހިންގި ޤަތުލު އާއްމުގެ މައްސަލައިގައި ވެސް އެ އިއްތިޙާދުން ފިޔަވަޅު އަޅާފައި ނުވާއިރު، ރާއްޖެ ފަދަ ޤައުމެއްގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވިލާތުގެ އިއްތިޙާދުން ފިޔަވަޅު އަޅާފާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޝިޔާން ވިދާޅުވިއެވެ.