ކުއްލި ނުރައްކަލުގެ ހާލަތޭ ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މީޑިއާތައް ނުވެއްދި އެވެ.
މަޖިލީހުގެ އިދާރާ އާ ހަވާލާދީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ ސިފައިން ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ކޮމެޓީތަކަށް ވެސް އެއްވެސް މީޑިއާއަކަށް ނުވަދެވޭނެ ކަމަށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ 11:00އަށް ވަނީ ތާވަލް ކޮށްފަ އެވެ. މި ކޮމެޓީގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ:
- އިދާރީ މައްސަލައެއްވާނަމަ މަޝްވަރާ ކުރެއްވުން
- އޮޑިޓަރ ޖެނެރަލްގެ އޮފީސް 2017 ވަނަ އަހަރުގެ އޮޑިޓް ކުރުމަށް އޮޑިޓަރ އެއް އައްޔަން ކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން
- ދައުލަތުގެ މެދުރާސްތާގެ ފިސްކަލް އަދި ލޯން ސްޓްރެޓެޖީ، ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާތީ، މިސިޓީއާމެދު މަޝްވަރާ ކުރެއްވުން ކުރިއަށް ގެންދިޔުން
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސައްކަތްތަކާގުޅޭ ގޮތުން، މަޝްވަރާ ކޮށްލުމަށް، ކޮމެޓީއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދި މީޑީއާ ކައުންސިލުން ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާ ކުރެއްވުން ކުރިއަށް ގެންދިއުން
- ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ލޯން އަދި ސޮވެރީން ގެރެންޓީ އާގުޅޭ ލިޔުންތައް މެމްބަރުންނާ ހިއްސާކޮށް، މަޝްވަރާ ކުރެއްވުން
- އެހެނިހެން
މާލިއްޔަތު ކޮމެޓީގެ ހޯމަ ދުވަހުގެ ބައްދަލުވުމަށް މީޑިއާތައް ނުވެއްދި ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ދެމުން ދެއެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މީޑީއާތަކަށް ދައުވަތު ދެއްވިއިރު، އެޖަލްސާ ބާއްވާފައި ވަނީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ދަރުބާރު ގޭގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މިޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ދެއްވާފަ އެވެ. އަދި ހޯމަ ދުވަހު މިވަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެ ވަނަ ޖަލްސާވެސް ބާއްވާފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ނެތްއިރު، މީގެކުރިން މަޖިލީހުން ބޭއްވި މުހިއްމު ގިނަ ކޮމެޓީތަކެއްގެ ބައްދަލުވުންތައް މީޑިއާ ނުވެއްދުމަށް އެ ކޮމެޓީތަކުން ނިންމާފައިވެއެވެ.
މިހާރު ހިންގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަސައްކަތުގެ ރޭޓްދަށް، މައުލޫމާތު ހޯދުމަށް މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދެކޮޅު ހަދަމުންދާ މަޖިލީހެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީއަށް ވުރެވެސް ގިނަ މެމްބަރުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ މައްސަލައަށް ވޯޓެއް އެހުމެއްނެތި، މަސީހު ގެންދަވަނީ ގަދަބާރުން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަވަމުން ނެވެ.
ގިނަ އަދަދަކަށް ސިފައިން މަޖިލީހުގެ އިދާރާއަށް ވައްދާ، މަޖިލިސް ވަނީ ސިފައިން "ހިސޯރު" ކޮށްފަ އެވެ.