އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި އަހުމަދު ސުލައިމާން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެންއައީސީގެ މެމްބަރުކަމުގެ މަގާމަށް ސުލައިމާނުގެ ނަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވާފައިވާ މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވުމަށް ފަހު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޝަނަށް އެމައްސަލަ ދިރާސާ ކުރުމަށް ފޮނުވާފަ އެވެ.
ސުލައިމާނަކީ ދާދިފަހަކާ ޖެހެންދެން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އިހުލާސްތެރިކަމެއް ނެތްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާ ސުލައިމާން އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރާއިރު، އެކޮމިޝަނަކީ ފުލުހުންނާއި ކަސްޓަމްއާއި ކަރެކްޝަންސްގެ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.
އެމުއަސްސަސާގައި ފުލުހުންނާ ގުޅޭ އެތައް މައްސަލަތަކެއް ހުށަހެޅިފައިވާއިރު، ގޮތެއް ނުނިންމާ ދިގުލައިގެން ގޮސްފައިވާ ވަރަށް ގިނަ މައްސަލަތައް އެ ކޮމިޝަނުގައި އެބަހުއްޓެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އެކޮމިޝަނުގެ ރައީސަކީ ވެސް ސުލައިމާނެވެ. އަދި ސުލައިމާނަކީ ކުރީގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީޕަލްސް އެލަޔަންސްގައި ރައީސް ޔާމީންއާއެކު އެޅުއްވި، އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.