ދާޚިލީ އަމަން ބެލެހެއްޓުމަށް ދަތިވާ ކަމަށް ބުނެ، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ތަރުޖަމާނެއްގެ ގޮތުގައި މިހާރު ފެނިގެންދާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްއިން އަމަލުކުރުމަށް ނިންމާފައިވާ ގޮތްކަން އިޢުލާނު ކުރެއްވި ގޮތަށް، ރޭގަނޑު 10:30 ގެ ފަހުން އެއްވެސް އެއްވުމެއް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރޭގަނޑު 10:30 ގެ ފަހުން ޕީޕީއެމްގެ ހަރަކާތްތައް ބޭއްވުން ހުއްޓާލުމަށް ނިންމާފައިވާކަން އަބްދުރަހީމް އިޢުލާނުކުރެއްވީ މިއަދު މެންދުރު ފަހު ބޭއްވި ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގައެވެ.
އެއަށް ފަހު ހަވީރު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ވިދާޅުވީ މާލޭ އެއް ސަރަހައްދަކަށް އެއްވެ ހިންގާ ހަރަކާތްތަކުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ޝަކުވާ ފުލުހުންނަށް ކޮންމެ ރެއަކުވެސް ލިބެމުންދާ ކަމަށެވެ. އަދި ސައިކަލްތަކުގައި ނުކުތުމާއި މާލޭގެ އެކި ތަންތަނަށް އެއްވެ ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ފާޅުގައި ސަލާމަތީ ބާރުތަކަށް ހަމަލާދިނުމާއި ހަމަލާދޭން ހިތްވަރު ދެމުންދާކަމަށްވެސް ޝިފާނު ވިދާޅުވިއެވެ. އެހެންވެ، މާލޭގެ އަމަން ގާއިމުކުރުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރޭގަނޑު 10:30 ގެ ފަހުން ފުރުސަތު ނުދޭނެކަމަށް ޝިފާން ވިދާޅުވިއެވެ. އެގޮތުން މަގުމަތީގަ އާއި ސިޔާސީ ޖަގަހަތަކުގައިވެސް ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުގައި ސިޔާސީ އެއްވެސް ފަރާތެއް އިސްތިސްނާ ނުކުރާނަން،" ޝިފާން ވިދާޅުވިއެވެ.
ފުލުހުންނަކީ ދާޚިލީ އަމަންކަން ލިބިގެންވާ އެންމެ މަތީ ބާރު ލިބިގެންވާ މުއައްސަސާކަމަށް ވީހިނދު އެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ޝިފާން ތަކުރާރުކޮށް ވިދާޅުވިއެވެ.