ކ. މާލެ
|
18 ފެބްރުއަރީ 2018 | އާދީއްތަ 20:54
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޓްވިޓަރ
ރާާއްޖޭގެ ސިޔާސީ މަސްރަހު
އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟
ޖޭޕީ އިން ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް ވުމަށް އުންމީދު ކުރާ ކަމަށް ބުނެފައި
އިދިކޮޅު ފަރާތްތަކަށް އަދިވެސް ރިޔާސީ ކެނޑިޑޭޓެއް ކަނޑައެއް ނޭޅޭ
ރައީސް ނަޝީދު ވެސް ވަނީ ވެރިކަމަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައި

މިދިޔަ އަހަރުގެ ތެރޭގައި ސިޔާސީ ހުރިހާ ލީޑަރުން އެއްބަސްވެ، ގުޅިފައިވާ ސިޔާސީ ފަރާތްތަކުން މަސައްކަތް ފަށައިފައި ވަނީ ގައުމު އިސްލާހުކޮށް، ގާނޫނު އަސާސީގެ މަގުން ގައުމު ހިންގުމުގެ ބޭނުމުގައި ކަމަށް ބުނެއެވެ. އިދިކޮޅު ލީޑަރުން އެންމެ ބާރުލާ ބުނަމުން ގޮސްފައި ވަނީ 2018 ވަނަ އަހަރުގެ އިންތިހާބު، އެކީގައި ނިކުމެ ސަރުކާރު ބަލި ކުރާނެ ކަމަށެވެ. އެއް ކެނޑިޑޭޓެއް ނެރުން އެންމެ ރަގަޅު ކަމަށް ހުދު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެކި މުނާސަބުތަކުގައި ޕޯޑިއަމްތަކުގައި ފާހަގަކޮށްފައެވެ. އަދި އެއް ކެނޑިޑޭޓެއް ނެރެގެން ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެފަރާތްތަކުން ދިޔައީ ހާމަކުރަމުންނެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވަނީ 2018 ގެ ކުރިން ވެސް ގައުމު އިސްލާހު ކުރަންޖެހޭ ކަމަށާއި ސަރުކާރު ބަދަލު ކުރަންޖެހޭ ފަދަ މޭރުމަކުން ވާހަކަދައްކާފައެވެ.

މިވާހަކަތައް މިގޮތަށް ދެއްކެވި އެއް ބޭނުމަކީ، އިދިކޮޅު ފަރާތްތަކުން ނެރެން ބޭނުންވާ، ނުވަތަ ކެނޑިޑޭޓެއްގެ ގޮތުގައި ގެންނަން ފެންނަ ހުރިހާ ފަރާތްތަކުން ފިއްތުންތަކެއްގައި ތިބުމުން ކަމަށް ވެދާނެއެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިންބެން މަޖުބޫރުވެފައެވެ. އަނެއް ބަޔަކަށް ތިބެންޖެހިފައި ވަނީ ގައުމާ މާ ދުރުގައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. ދެން ހުރީ ގާސިމް އިބްރާހީމެވެ. ގާސިމް އިބްރާހީމަށް ވަނީ މަޖިލިސް މެންބަރުންނަށް ރިޝްވަރު ދިންކަމަށް ބުނެ ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ބަލާ އިރު އެމަނިކުފާނު އެންމެ ބޮޑަށް ބޭނުން ވަނީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރިޔާސީ ރޭހަށް ނެރުއްވުމަށް ކަމަށް ގިނަ ފަރާތްތަކަކުން ގަބޫލުކުރެއެވެ. ފާރިސް ވެސް ހުންނެވީ ރިޝްވަތުގެ ތުހުމަތުތަކެއްގައި ޖަލުގައި ތާށިވެފައެވެ. އަދި ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމަށް ބުނެ ހުދު ރައީސް މައުމޫން މިވަގުތު ހުރީ ޖަލުގައެވެ. އަދާލަތު ޕާޓީއަށް ބަލާ އިރު އެ ޕާޓީގެ ޗޮއިސްއަކާ މެދު ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ރޭހަށް ނުކުމެދާނެ ކަމުގެ އިޝާރާތެއް އެ ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ދެއްވާފައި ވެއެވެ. ނަމަވެސް އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވެސް ދަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް މި ބޭފުޅުންގެ ކިބައިން ގެއްލިފައިވީ ނަމަވެސް މިއިން ކޮންމެ ޕާޓީއަކީ ވެސް އަދި ކޮންމެ ބޭފުޅަކަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބޭނުންވާނެ ކެނޑިޑޭޓެއް ނެރުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. 

 އަނެއްކާ ވެސް މިފެނިގެންދަނީ އިދިކޮޅު ފަރާތްތަކުގެ ބަހުރުވަ ބަދަލުވެގެންދާ މަންޒަރެވެ. މިހާރު އެންމެ ބޮޑަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ އެބޭފުޅުންގެ "ޕޮޓެންޝަލް ކެނޑިޑޭޓުން" ތިބި ހާލުން އެހެން ހާލަތަށް ގެންދިއުމަށެވެ. ކުރީގެ ރައީސް ނަޝީދު ވެސް ވަނީ، އިންތިގާލީ ވެރިކަމެއް ގެނެސް، ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފައެވެ. މިއީ ހަމަ 2013 ވަނަ އަހަރު ވެސް އެމަނިކުފާނު ދެއްކެވި ވާހަކަތަކެވެ.

ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތް ކުރަމުންދާ އިރު އިދިކޮޅު އެންމެ ބޮޑު ދެ ޕާޓީން ފެނިގެންދަނީ އެހެން މަންޒަރެކެވެ. އެގޮތުން އެމްޑީޕީ އާއި ޖުމްހޫރީޕާޓީން ވެސް ވަކި ކެނޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެނެ އެވެ. ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް އެކި ސިފަ ސިފައިގައި ދަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެންމެ ފަހުން ޖުމްހޫރީ ޕާޓީން ވެސް މިވަނީ އެޕާޓީން އެންމެ ބޮޑަށް ބޭނުންވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށް ހާމަކޮށްފައެވެ. ކޮންމެ ބަޔަކު ވެސް ބޭނުން ވަނީ އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކީ އެ ޕާޓީއެއްގެ ލީޑަރު ކަމަށް ވުމެވެ.

ހާއްސަކޮށް ޖޭޕީން މި މަސައްކަތް ކުރިއަށް ވުރެ ބާރަށް ކުރިއަށް ގެންދާތަން ފެނިގެންދެއެވެ. އެގޮތުން ދާދި ފަހުން އެ ޕާޓީން ވަނީ  ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންނަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައިފައެވެ. ގާސިމާ އެކު ރަނިން މޭޓަކަށް ނުކުންނަވާނީ ޑރ. ޖަމީލް ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. ޑރ. ޖަމީލަކީ ރައީސް އަބްދުﷲ ޔާމީންގެ ވެސް ރަނިން މޭޓެވެ. އަނެއްކޮޅުން މީޑީއާ މެދުވެރިކޮށް ގާސިމް ޕްރޮމޯޓްކުރުމަށް ޖޭޕީން ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ގާސިމްގެ ޓީވީ ޗެނަލުން ކަވަރޭޖްތައް ގެނެސްދޭ އިރު ވެސް އެކަމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެވެއެވެ. އަދި ޖޭޕީ އިން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ވެސް މުޅި ކޯލިޝަންގެ ވާހަކަތަކަށް ވުރެ ގާސިމްގެ މަސްލަހަތުގެ ވާހަކަތައް ގިނަކަން ފާހަގަކުރެވޭނެއެވެ، އެހެން ބަހަކުން ބުނާ ނަމަ ގާސިމްގެ ކެމްޕެއިން މިހާރު ވެސް ވަނީ ނުސީދާކޮށް ފެށިފައެވެ. 

"ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައި މިވަގުތު ރާއްޖޭގައި ހުރި ލީޑަރު ވެސް ހުރީ ޖަލުގައި. އަޅުގަނޑުމެން އެންމެ ފުރަތަމަ ކަމަކަށް މިބަލަނީ، އެބޭފުޅުން ތިބި ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރުމުގެ މަސައްކަތް. އެމްޑީޕީން މަސައްކަތް ކުރައްވާނެ، އެބޭފުޅުންގެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނެރުމައްޓަކައި. އަޅުގަނޑުމެން މަސައްކަތް ކުރާނެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރުމަށްޓަކައި. އެނޫން ޕާޓީތަކުން ވެސް މިގޮތަށް މަސައްކަތް ކޮށްފާނެ،" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ކޮންމެ ޕްރެސް ކޮންފްރެންސްއެއްގައި ވެސް އެބޭފުޅުން  ބުނަމުންދާތަން ފެންނަނީ އެއް ކެނޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރާ ވާހަކައެވެ. އުފެދޭ ބޮޑު ސުވާލަކީ، އިދިކޮޅު އެންމެ ބޮޑު ދެ ޕާޓީން ވަކި ކެނޑިޑޭޓަރު ނެރުމަށް ނިންމާފައިވާ އިރު އެއް ކެނޑިޑޭޓެއް ކަނޑައެޅުމަށް ކިހާ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެބާއެވެ؟ ރިޔާސީ އިންތިހާބުގެ ވަގުތު ކައިރިވަމުންދާ އިރު އިދިކޮޅު އެއް ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅުމަށް ދޫދޭނީ ކޮން ޕާޓީއަކުންބާއެވެ؟ ވަކި ގޮތަކަށް ނިންމައިގެން ތިބެ، ކަމެއް ނިންމުމަށް މަސައްކަތް ކޮއްފި ނަމަ އަނެއްކާ ވެސް ކޯލިޝަން ރޫޅެން ލަހެއް ފަހެއް ނުވާނެއެވެ.

ސިޔާސީ ޕާޓީތަކުން މިވަގުތު ކެނޑިޑޭޓެއްގެ ވިސްނުން ނިންމަންޖެހެއެވެ. އެބޭފުޅުންގެ ޕްލޭން އޭ، ޕްލޭން ބީ، ނުވަތަ ޕްލޭން ސީ އެބަ ނިންމަން ޖެހެއެވެ. މިވަގުތު ސިޔާސީ ލީޑަރުން މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތައް ފޯކަސް ކުރި ނަމަވެސް، 2018 ގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ރައްޔިތުންނަށް ދައްކަން އެބަޖެހެއެވެ. މަތި އޮމާންކުރަން އެއް ކެނޑިޑޭޓެއްގެ ވާހަކަ ދައްކާފައި ފަހަތުގައި ނުސީދާކޮށް މުޅިން އެހެން އެޖެންޑާއެއް ޕްރޮމޯޓްކުރާ ނަމަ ނިޔަތާ މެދު ކޮންމެ މީހަކު ވެސް ސުވާލު އުފައްދާނެއެވެ. އަނެއްކޮޅުން ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު ސީދާ ކެމްޕެއިނެއް ކުރުމަށް ވަގުތު ވެސެ ބޭނުންވާނެއެވެ. ނޫނީ ސަރުކާރުން އޭގެ ފުރިހަމަ އެޑްވާންޓޭޖް ނަގާނެއެވެ. 

- ކޮމެންޓް
25 ފެބްރުއަރީ 2018 | އާދީއްތަ 10:29
އިންތިހާބު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫން ބޭފުޅަކު ވެރިކަމަށް އަތުވެއްޖެ ނަމަ މި ގައުމު އަޅުވެތިކަމަކަށް!؟
25 ފެބްރުއަރީ 2018 | އާދީއްތަ 08:46
ހ މ ޒ
އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
25 ފެބްރުއަރީ 2018 | އާދީއްތަ 08:40
އަބްދުﷲ
އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ މިގައުމުން އިސްލާމް ދީން ފޮހެލަން ކަމަށާއި އެބޭފުޅުންނަށް ވާގިވެރިވަނީ ހުޅަނގުގެ ފަރާތްތަކުން!