އުއްތަމަ ފަނޑިޔާޑު އަބްދުﷲ ސައީދަށް ފަރިއްކޮޅުގެންދަނީ ބަތަށް ގަރުދިޔަ އަޅައި އެއްކޮށްގެން ބާލިދީއަކަށް އަޅައިގެން ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
އުއްތަމަ ފަނޑިޔާރުގެ އާއިލާއިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ހޯމަ ދުވަހުވެސް އެމަނިކުފާނަށް ފަރިއްކޮޅު ގެންދިޔައީ ބާލިދީއެއްގައި ބަތާއި ގަރުދިޔަ އެއްކޮށްގެން ކަމަށެވެ. އުއްތަމަ ފަނޑިޔާރާއި އާއިލާ އަންގާރަ ދުވަހު ބައްދަލުކުރެއްވުމަށް ފުރުސަތު ދީފައިވާއިރު، އާއިލާއިން ބުނީ އެމަނިކުފާނަކީ ހަކުރު ބަލި ހުންނަ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް ސައި ގެންދާއިރު ވެސް ސައިތައްޓަށް ވަރަށް ގިނައިން ހަކުރު އަޅައިގެން ގެންދާ ކަމަށް ވިދާޅުވި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.. އެމަނިކުފާނަކީ އުމުރަށް ހަކުރު ބަލީގެ ބޭސް ބޭނުން ކުރައްވަންޖެހޭ ބޭފުޅެއްކަމުން ބޭސް ފޮނުވުމުން ވެސް އެބޭސް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އުއްތަމަ ފަނޑިޔާރުގެ އާއިލާއިން ވަނީ ބުނެފައެވެ.
މިއީ މިމަހުގެ 5 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރެއްވުމަށް ފަހު އުއްތަމަފަނޑިޔާރަށް އާއިލީ ބައްދަލުވުމަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
އެމަނިކުފާނުގެ އާއިލާއިން ބުނެފައިވަނީ އެމަނިކުފާނު ބަހައްޓާފައިވާ ދޫނިދޫ ގޮޅިއަކީ މަދިރީގެ އުނދަގޫ ބޮޑު އާދައިގެ ކުޑަގޮޅިއެއް ކަމަށެވެ. އެގޮޅީގައި ފަންކާއެއް ނުހުންނަ ކަމަށާއި ނިދި ކުރައްވަން ޖެހެނީ އަލިކަމެއް ނެތި ސިމެންތި އައްޓެއްގެ މަތީގައި ކުނަލެއް އަޅުއްވައިގެން ކަމަށެވެ. އެމަނިކުފާނުގެ އާއިލާއިން ބުނެފައިވަނީ ފާޚާނާ ކުރެއްވުމަށް ފަހު ފާހާނާއަށް ފެން އަޅުއްވަން ޖެހެނީ ބާލިދީ އަކުންނެވެ. އަދި ތާހިރުވެވަޑައިގަތުމަށް ފެން ބޭނުންކުރައްވަން ޖެހިވަޑައިގަންނަވަނީ ވެސް ބާލިދީން ފެން ނެންގެވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އުއްތަމަފަނޑިޔާރު ހުންނަވާ ގޮޅިއާއި ބެހޭގޮތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު ހިސާން ހުސައިން ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު ބަހައްޓާފައި ހުންނެވި ގޮޅީގައި ފަންކާއެއް ނެތް އިރު ވަރަށް ނުބައިވަސް ގޮޅީގެ ތެރެއިން ދުވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ ސަރުކާރުން ކުއްލި ހާލަތު އިއުލާން ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ސުޕްރީމް ކޯޓުގެ ތެރޭގައި އިންނަވަނިކޮށެވެ. .ސުޕްރީމް ކޯޓުގެ ތެރެއިން ސިފައިން އެމަނިކުފާނު ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ ބިންމަތީގައި ދަމާ ކޫއްތާފައި ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން ފުލުހުން ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުއްވުމުގެ ތުހުމަތެވެ. އެހެން ނަމަވެސް އެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވައެވެ.