ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 21:57
ޢަލީ ސޯލިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޢަލީ ސޯލިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އަހުމަދު މުހުސިނު
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީގެ ނަން ހިމަނައިގެން ސަރުކާރުން ދައްކަމުން ދަނީ ދޮގެއް:ޖޭޕީ
ސަރުކާރާއެކު އެއްވެސް މުއާމަލާތެއް ނުހިންގަން
ސިޓީއެއްވެސް ފޮނުވާފައެއް ނުވާނެ

ޖުމްހޫރީ ޕާޓީން ސަރުކާރާއެކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުހިންގާ ކަމަށާއި ޖޭޕީގެ ނަން ހިމަނައިގެން ސަރުކާރުން ދައްކަމުންދަނީ ދޮގެއް ކަމަށް އެޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒްގައި ހޯމަ ދުވަހު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލާފައި ނުވާނެ ކަމަށާއި 2018 ވަނަ އަހަރު ފެށުނުފަހުން އެއްވެސް ކަމެއްގައި މިހާތަނަށް ޖޭޕީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ އެއްވެސް ކަހަލަ މުއާމަލާތެއް ކޮށްފައި ނުވާނޭ ކަމަށެވެ. އަދި ސިޓީއެއްވެސް ފޮނުވާފައި ނުވާނޭ ކަމަށެވެ.

އެހެންކަމުން، ޖުމްހޫރީ ޕާޓީއާ ގުޅޭގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައި އިނގިރޭސި ބަހުން ޝާއިއުކޮށްފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ.

"ޖޭޕީން މިއަހަރުގެ މިހާތަނަށް ރައީސް އޮފީހާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް، ސިޓީއެއްވެސް ފޮނުވާފައި ނުވާނެ. މިއީ ސަރުކާރުގެ އޮޅުވާލުމެއް. ނޫސްބަޔާން އިނގިރޭސީން ނެރެފަވަނީ. ދިވެހި ބަޔާނުގައި އެވާހަކަތައް ހިމަނާފައިނުވޭ،" އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ ސަރުކާރުގެ ނިޔަތަކީ، ސިޔާސީ ޕާޓީތަކުގެ ތެރެއިން ޖޭޕީން ސަރުކާރާއެކު މަސައްކަތް ކުރަމުން އަންނަކަން ބޭރުގެ ޑިޕްލޮމޭޓުންނަށް ހާމަކޮށްދިނުން ކަމަށެވެ.

އެހެން ނަމަވެސް، ގުޅިފައިވާ ހަތަރު ޕާޓީގެ މަސައްކަތުން ޖުމްހޫރީ ޕާޓީ ބޭރުނުވާ ކަށާއި، ހަތަރު ލީޑަރުންގެ ވިސްނުންފުޅުވެސް ބަދަލު ނުވާކަމަށެވެ. އަދި ސަރުކާރުން ޖުމްހޫރީ ޕާޓީއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާ ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނާ ގުޅިގެން ޖުމްހޫރީ ޕާޓީން ރައީސް އޮފީހަށް ގުޅައި، އެ މައުލޫމާތު ބަދަލުކުރުމަށް އެދުނު ކަމަށާއި، ނަމަވެސް އެ ނޫސްބަޔާން ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް