ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 23:19
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އެމަނިކުފާނު ވެސް ހުންނެވީ ފުލުހުންގެ ބަންދުގައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އެމަނިކުފާނު ވެސް ހުންނެވީ ފުލުހުންގެ ބަންދުގައި
ރައީސް އޮފީސް
ފަނޑިޔާރު އަލީ ހަމީދު
އަލީ ހަމީދުގެ އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމާއި ރިޝްވަތު ހިމެނޭ ގޮތަށް ގިނަ ތުހުމަތުތަކެއް!
ޓެރަރިޒަމާއި، ރިޝްވަތާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުން
ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން އުޅުން
އަލީ ހަމީދުގެ އަނބިކަނބަލުން ބަންދުކޮށްފައިވަނީ ދޫނިދޫގައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމާއި ރިޝްވަތު ހިމެނޭ ގޮތަށް ގިނަ ކުށްތަކެއްގެ ތުހުމަތު ފުލުހުން ކޮށްފި އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން، ފާތިމަތު ނާސިރާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ނާސިރާ ބަންދުކޮށްފައިވަނީ ދޫނިދޫގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާސިރާގެ މައްޗަށް ޖުމްލަ ހަތަރު ތުހުމަތެއް ފުލުހުން ކުރެއެވެ.

އެގޮތުން، ނާސިރާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ޓެރަރިޒަމުގެ ކުށް

- ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައިވާ ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް، އަދި ތިން ވަނަ ނަމްބަރުގައިވާ ގާނޫނާ ޚިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމުގެ މަގްސަދުގައި، ފަސްވަނަ މާއްދާގެ (ހ) ގެ ހަތްވަނަ ނަމްބަރުގައިވާ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތި ކުރުވަން އުޅުން.، ހަވަނަ މާއްދާގެ (ހ) ގައި "ޓެރަރިޒަމުގެ އަމަލެއް" ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުން ނުވަތަ އެއްވެސް ސިފައެއްގައި އެފަދަ ކަމެއްގައި ބައިވެރިވުމުގެ ކުށް.

  • ރިޝްވަތުގެ ކުށް

- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) ދައުލަތުގެ މުވައްޒަފެއްކަމުގައިވެ ހުރެ، އަދި އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުން، އަދި އެ މަންފާއަކީ ގާނޫނުގައި ހުއްދަކޮށްފައިނުވާ އަދި ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން، އެކަންކަމުގެ މުގާބިލުގައި އޮތް އެއްޗަކަށްވުން.

  • ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށް

- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރު، ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެ މަތިން، ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް، ދައުލަތުގެ މުވައްޒަފަކާއެކު މުވާސަލާތެއް ކުރުން.

  • ސަރުކާރު ވައްޓާލަން އުޅުމުގެ ކުށް

- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 610 ވަނަ މާއްދާގެ (ހ) ގައިވާ ރަޔަޓްކުރުމާއި ނުވަތަ ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ހިތްވަރު ދިނުމާއި، އެއިން ކަމަކަށް އެހީތެރިވެދިނުމާއި، އެއިން ކަމެއް ކުރުން.

މި ތުހުމަތުތަކާ ގުޅިގެން ނާސިރާ ހައްޔަރުކޮށްފައިވާއިރު، ފަނޑިޔާރު އަލީ ހަމީދު ވެސް ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ. އަލީ ހަމީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތު
  • ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތު
  • ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު 

ފަނޑިޔާރު އަލީ ހަމީދުއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން، އެމަނިކުފާނާ ގުޅުން ހުރި އިތުރު ބޭފުޅުންތަކެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ، ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި، ޖަލު ހުކުމްތަކުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ހުކުމް ކޮށްފައިވަނިކޮށެވެ. އަލީ ހަމީދުއާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރި ފަހުން، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ވަނީ، ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ހުކުމުގައި އޮތް ބައި ބާތިލްކޮށްފައެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ އަލީ ހަމީދުއާއި އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް