ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 12:42
އިހްތިޖާޖް ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ޙަރަކާތްތެރިވަނީ
އިހްތިޖާޖް ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ޙަރަކާތްތެރިވަނީ
އަޝްވާ ފަހީމް
ކުއްލި ނުރައްކަލުގެ ހާލަތު
ހުރިހާ ޤައުމަކުން ވެސް ބިނާކުރަނިވި ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރަން: އިންޑިއާ
ޗައިނާ އިން ވެސް ސިފައިން ފޮނުވުން ފަދަ ކަމެއް ނުކުރާކަން ފާހަގަކުރި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގައި ހުރިހާ ޤައުމަކުން ވެސް ބިނާކުރަނިވި ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ހުކުރު ދުވަހު އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވީ ރާއްޖެއަށް އަމިއްލައަށް މައްސަލަ ހައްލުކުރުމުގެ ޤާބިލްކަން ލިބިގެންވާ ކަމަށް ޗައިނާ އިން ބުނެފައިވާކަން އިންޑިއާ އިން ފާހަގަކުރާ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން އދ. މެދުވެރިކޮށް ހައްލެއް ހޯދުމަށް އިންޑިއާ އިން މިހާރު ވެސް ދަނީ މަސައްކަތްކުރަމުންނެވެ. 

ރާއްޖެއަށް އެހީތެރިވުމަށް ޕާކިސްތާނުގެ ކިބައިން އެދުމުން އެ ޤައުމުން ވެސް ބުނެފައި ވަނީ ރާއްޖެ އިން އަމިއްލައަށް މައްސަލަ ހައްލުކުރުމަށެވެ.

މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން އިންޑިއާގެ ޓްރައިބިއުން އާއި ވާހަކަ ދައްކަވަމުން އިންޑިއާގައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް ޤައުމުތަކުން ކުރާ މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް އިތުރަށް ދަތިކަން ކުރިމަތި ވާނެ ކަމަށެވެ.

ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖޭގެ މަސްރަހު އޮތީ ހަލަބޮލިކޮށް ނޫން ކަމަށާއި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުން މުހިއްމު ކަމަށް ފެންނާތީ ޕާޓީތަކަށް ދައުވަތު އަރުވާފައިވާކަމަށެވެ. އެހެން ނަމަވެސް ޕާޓީތަކުން އަދިވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރައީސް ނަޝީދު އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތުމާ ގުޅޭ ގޮތުން އަހުމަދު މުހައްމަދު ވިދާޅުވީ 1988 ވަނަ އަހަރު އިންޑިއާގެ އެހީއަށް އެދުނީ ބޭރުގެ ބަޔަކު ރާއްޖެއަށް އަރައި ލޭއޮހޮރުވުންތަކެއް ހިންގުމުން ކަމަށާއި، މިއަދުގެ ޙާލަތާއި އޭރުގެ ޙާލަތާ ތަފާތު ކަމަށެވެ. އަދި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ބޭރުގެ ސިފައިން ރާއްޖެ އަށް ގެންނަން ގޮވައިލެއްވި ކަމަށް ތަރުޖަމާކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށް ރައީސް ނަޝީދު ފަހުން ވަނީ ވިދާޅުވެފައެވެ. އަވަށްޓެރި ސްރީލަންކާގައި ހުންނަވައިގެން އިންޑިއާގެ 'ދަ ވަޔަރ' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާ ދެއްކެވި ވާހަކަފުޅުގެ މާނައަކީ އިންޑިއާ ސިފައިން ހަތިޔާރާ އެކު ރާއްޖެއަށް އަރާ ވާހަކަ ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވީ ދިވެހި ސަރުކާރާ މަޝްވާކުރަން ޖެހޭ ގޮތާއި، އެކަމަށް ބޭނުންކުރަން ޖެހޭ އުކުޅުތައް އިންޑިއާ ސަރުކާރަށް އެނގޭނެ ކަމަށެވެ. އަދި "ރައީސް ޔާމީން ގާތުގައި މިވެނި ކަމެއް މިހެން ކުރާށޭ ބުންޏަސް އެކަމެއް އެމަނިކުފާނު ނުކުރައްވާނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަހުމަތްތެރި ޤައުމުތަކަށް ގޮސް ރާއްޖޭގެ މަސްރަހާ ބެހޭ މައުލޫމާތު ދީ، އެހީ ހޯދަން ސަރުކާރުން މަސައްކަތްކުރި ނަމަވެސް، ޚާރިޖީ ވަޒީރު މުހައްމަދު އާސިމްއާ ބައްދަލުކުރަން އިންޑިއާގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. 

މާލޭގެ ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ ނޫސްވެރިޔަކު ވެސް ހައްޔަރުކޮށް، ފުލުހުން ވަނީ ޑިޕޯޓްކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް