އެޑިޓަރުގެ ނޯޓް: މިއީ ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ލިޔުއްވާފައިވާ ލިޔުމެކެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ކަނޑައަޅައި 5 ފެބްރުއަރީ 2018 ގައި ސަރުކާރުން ނެރުނު ޤަރާރަކީ އެޤަރާރު ބިނާކުރެވިފައިވާ ސަބަބުތަކާއި އަދި އެޤަރާރުން ހިފެހެއްޓުމަށް އަމާޒުކޮށްފައިވާކަން ކަމަށް ބަލާއިރު މުޠުލަޤު ގޮތެއްގައި ޤާނޫނުއަސާސީއާ ޚިލާފު ޤަރާރެ އްކަމަށް ދެކެމެވެ.
ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ބަލާއިރު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ހުއްދަވަނީ 5 ޙާލަތެއްގައިއެވެ. އެއީ:
- ޤުދުރަތީ ކާރިސާއެއް ކުރިމަތިވުން.
- ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވުން.
- ހަނގުރާމައެއް ކުރިމަތިވުން
- ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް ކުރިމަތިވުން
- ބޭރުގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވުން.
މި ފަސް ޙާލަތުގެ މައްޗަށް ވިސްނާއިރު މީގެ ތެރެއިން 'ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް' ކުރިމަތިވުން ކަމަށް ބުނާ ޙާލަތު ފިޔަވައި ދެން ހުރި ޙާލަތުތަކަކީ ފަސޭހައިން ދަނެގަނެވޭނޭ ޙާލަތުތަކެކެވެ. މިއާ ޚިލާފަށް "ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް' ކުރިމަތިވުންކަމަށް ބުނާ ޙާލަތަކީ އެބަހެއްގެ މާނައާމެދު ބަޙުސްކުރެވުމުގެ ޖާގަ ކޮންމެވެސް މިންވަރަކަށް އޮތް، އަދި އެހެންކަމުން ނާޖާއިޒުގޮތުގައި ބޭނުންކުރެވިދިޔުމުގެ ފުރުސަތު އޮތް ޙާލަތެކެވެ. ވުމާއެކު ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި 'ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް' ގެ ގޮތުގައި ބަޔާންކޮށްފައިމިވާ ބަހުގެ މާނައާ މެދު ވިސްނާލުން މުހިއްމެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވެނީ ރައްޔިތުންގެ އަސާސީ މަސްލަޙަތުތަކަށް އޭގެ ގެއްލުން އިންތިހާއަށް ބޮޑު އަދި ނުރައްކާތެރިކަމުގެ ދަރަޖަ ބޮޑު، ޚައްސާސް ފައްތަރަކަށް ޤައުމު ވެއްޓޭހިނދު އެ ޙާލަތާ ކުރިމަތިލުމަށް އެޅޭ ވަރަށް އާދަޔާޚިލާފު ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެއީ އެފިޔަވަޅަކާގުޅޭގޮތުން ސަރުކާރު ޖަވާބުދާރީކުރުވޭނޭ ފިޔަވަޅެކެވެ. މި އަސާސްތައް ހަނދުމަކުރުމާއެކު، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާ ތަރުތީބުކުރެވިފައިވާގޮތުގެ މައްޗަށް ވިސްނާއިރު އެމާއްދާގައި ދެބާވަތެއްގެ ޙާލަތެއް ބަޔާންކުރާކަމާއި އޭގެ ތެރެއިން އެންމެ ފުރަތަމަ ބަޔާންކުރަނީ އިންސާނީ އިޚްތިޔާރުގެ ބޭރުން ހިނގާ، ޤުދްރަތީ ޙާލަތުތައްކަމާއި އޭގެ ފަހަތުން އަންނަނީ ޣައިރުޤާނޫނީ ޢަމަލާއި އަދި ނާޖާއިޒު ބާރުގެ މައްޗަށް އެކުލެވޭ ޙާލަތުތައްކަމުގައި ފާހަގަކުރެވެއެވެ. އެގޮތުން 'ހަނގުރާމަ' އާއި 'ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ' ކަންކަމާއި 'ބޭރުގެ ޙަމަލަ' ހިމެނެނީ މިބަޔާންކުރި ދެވަނަ ބާވަތުގެ ޙާލަތުތަކުގެތެރޭގައިކަމާއި މީގައި ޝާމިލްވާ ސިފަތަކަކީ ރައްޔިތުންގެ އަސާސީ މަސްލަޙަތުތަކަށް ބޮޑެތި ގެއްލުން ކުރިމަތިވުމާއި، ޣައިރު ޤާނޫނީ ޢަމަލު އެކުލެވުމާއި އަދި ނާޖާއިޒު ބާރު އެކުލެވުމެވެ. އެގޮތުން ވިސްނާއިރު، 'ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ' ކަންކަމުގެ ތެރޭގައި ހިމެނެނީ ބަޣާވާތާއި، ގަޑުބަޑާއި، ފުޅާދާއިރާގައި ހިނގާ މަދަނީ ހަމަނުޖެހުމާއި މިބާވަތުގެ ކަންކަންކަމުގައި ފެނެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަންޖެހުނު ސަބަބުތައްކަމުގައި ސަރުކާރުން ބަޔާންކުރި ސަބަބުތަކަށް ޖުމްލަގޮތެއްގައި ބަލާއިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަން ޖެހުނީ ސުޕްރީމް ކޯޓުން ނެރުއްވި އަމުރެއްގެ ސަބަބުން ދައުލަތް ހިންގަން ދަތިވެގެންކަމަށް ސަރުކާރުން ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުން ނިންމަވާ ނިންމެވުމެއް މައްޗަށް ދައުލަތް ހިންގުން ދަތިވެއްޖެކަމަށް ބުނެ އަދި އެއީ ޤައުމީ ސަލާމަތަށް ނުރައްކާވުމުގެ އަސްލުކަމަށް ބުނެ، އެބިންގަލުގެ މައްޗަށް ކުއްލި ނުރައްކަލުގެ ޙާލަތު ހިންގުމަކީ ޤާނޫނީގޮތުން ދެކޮޅުނުޖެހޭ ކަމެކެވެ. މިނުކުތާއަށް އިތުރަށް ވިސްނާއިރު ކޯޓުތަކަކީ އެކި ފަރާތްތަކުގެ މެދުގައި އުފެދޭ ޚިލާފުތަކުގައިގޮތެއް ކަނޑައަޅާ ފަރާތްކަމުގައިވީއިރު އަދި ކޮންމެ މައްސަލައަކީވެސް އޭގެ ޒާތުގައި ދެކޮޅު އޮންނާނޭ މައްސަލައަކަށްވީއިރު، މައްސަލައެއް ކޮންމެވެސް އެއްކޮޅަކަށް ނިމިދާހިނދު މައްސަލައިގެ އަނެއްކޮޅަށް ވަކާލާތުކުރާ ފަރާތް ހިތްހަމަނުޖެހިދިޔުމަކީ އިޚްތިލާފު އުފެދިފައިވާ މައްސަލަތަކުގެ ޒާތުގައި އޮންނާނޭކަމެކެވެ. އެހެނަސް އެފަރާތަކުން ވަކާލާތުކުރާގޮތާ ޚިލާފަށް މައްސަލައެއް ނިމިދާހިނދު އެނިންމުމާ ދެކޮޅަށް ބާރުގެ ބޭނުންކުރެވިދިޔުމަކީ ޤާނޫނުއަސާސީގެ ތަޞައްވުރުގައި އޮތްކަމެއްނޫނެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަކީ ކުރީން ބުނެވިދިޔަ ސިފަތައްކަމަށްވާ ޤާނޫނާ ޚިލާފު ޢަމަލާއި، ނާޖާއިޒު ބާރާއި ރައްޔިތުންގެ އަސާސީ މަޞްލަހަތަށް ނުރައްކާކުރިމަތިކުރުން އޭގައި ޝާމިލުވާ ޢަމަލެއްވެސް ނޫންމެއެވެ. އެހެންކަމާއެކު، މިނުކުތާތަކުގެ މައްޗަށް ވިސްނާއިރު، ސުޕްރީމް ކޯޓުގެ ނިންމުމަކީ އެކަމެއްގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ މަތިވެދާފަދަ ކަމެއްގެ ގޮތުގައި ބެލެވޭނޭކަމެއްނޫނެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަކުން ޤައުމީ ސަލާމަތަށް ނުރައްކާ ކުރިމަތިވާކަމަށް ބުނެ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާ ބަލައިގަންނަކަމެއްނޫނެވެ.
ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ އަސާސްތަކަށް ބަލާއިރު، ސަރުކާރަށް ލިބިދޭ އެހެނިހެން ބާރުތަކެކޭ އެއްފަދައިން މިބާރަކީވެސް މިބާރު ބޭނުންކުރެވޭގޮތާމެދު ސަރުކާރު ޖަވާބުދާރީކުރުވޭ ބާރެކެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރާ ޤަރާރުގެ ނުވަތަ އެޤަރާރުން ބައެއްގެ ޞައްޙަކަމާމެދު ސުވާލެއް އުފެދިއްޖެނަމަ އެކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ކަޅާހުދުން ލިޔެވިފައިވެއެވެ. ހަމަ އެހެންމެ، ކުއްލި ނުރައްކަލުގެ ޙާލާތާ ގުޅިގެން ހަދާ ޤާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލު އުފެދިއްޖެނަމަ އެކަމާމެދުވެސް ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންކަމަށް އެމާއްދާގައި ޞަރީޙަ ޢިބާރާތުން ލިޔެވިފައިވެއެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ސަރުކާރުން ނެރުނު ޤަރާރުގައި ޤާނޫނުއަސާސީގެ 258 ވަނަ މާއްދާ ހިފަހައްޓާފައިވާކަމަށް ބަޔާންކުރިނަމަވެސް އެއީ ކުރެވޭނޭކަމެއްނޫނެވެ. އަދި މިއީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފު، ކުށުގެ ޢަމަލެއްކަމަށް ދެކެމެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވުނު ޤަރާރުން ހިފެހެއްޓުމަށް އަމާޒުކޮށްފައިވާ އެހެނިހެން ކަންކަމުގެ މައްޗަށް ވިސްނާއިރު، ޤާނޫނީގޮތުން ނުހިފެހެއްޓޭނޭ ކަންކަން އަދި އެކަންކަމުގެ ސަބަބުން ޚުދު ޤާނޫނު އަސާސީ މުގުރާލެވުނީކަމަށް ބެލެވިދާނޭ ކަންކަން ހިމެނިފައިވެއެވެ. މިގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު ޤާނޫނީ ގޮތުން ޞައްޙަވާ ޙާލަތުތަކުގައި ބައެއް ޤާނޫނީ އިލްތިޒާމުތައް އަދާކުރުމުން ވަގުތީ ގޮތުން އެއްކިބާވުމަށް ސަރުކާރަށް ހުއްދަވެގެންވީނަމަވެސް މިއެއްކިބާވުން ނުވަތަ އިނގިރޭސި ބަހުންނަމަ 'ޑެރޮގޭޝަން' އަކީ އެއްވެސް ހިފެހެއްޓުމެއްނެތި ހިތުހުރިގޮތަކަށް ޢަމަލުކުރުމަށް ލިބޭ ފާހެއްނޫނެވެ. ޤާނޫނީ އަސާސްތަކުގެ މައްޗަށް ވިސްނާއިރު ޤާނޫނުއަސާސީގެ މާއްދާތަކުގެ ތެރެއިން ކުއްލި ނުރައްކަލުގެ ޙާލަތުގައި ހިފެހެއްޓޭނީ އެޙާލަތުގައި ހިފެހެއްޓުމަށް ޤާނޫނުއަސާސީ ހުއްދަކުރާ މާއްދާތައްކަމާއި އަދި އެމާއްދާތަކަކީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ޙައްޤުތަކާބެހޭ މާއްދާތަކުގެ ތެރެއިން ބައެއް މާއްދާތައްކަން އެނެގެއެވެ. ސަރުކާރުން 5 ފެބްރުއަރީ 2018 ވަނަ ދުވަހު އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތުގެ ގަރާރުގައި ގާނޫނުއަސާސީގެ 145 ވަނަ މާއްދާ ހިފަހައްޓާފައިވާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މިއީ ހިފެހެއްޓޭނޭ މާއްދާއެއް ނޫންކަން ވަރަށް ސާފުކޮށްއެނެގެއެވެ. މިގޮތުން ޤާނޫނުއަސާސީގައި ދިވެހި ދައުލަތް ތަރުތީބުކޮށްފައިވަނީ ތިން ބާރު ވަކިކޮށްފައިވާ ނިޒާމެއްގެ މައްޗަށްކަމާއި މިއީ ދައުލަތުގެ އަސާސީ ސިފައެއްކަމާއި އަދި މީގެ ތެރެއިން ޢަދުލު އިންސާފުގެ ބާރު ޤާއިމްކޮށްފައިވަނީ މިނިވަން މުސްތަޤިއްލު ބާރެއްގެ ގޮތުގައިކަމާއި އަދި މިކަން ކަށަވަރުކުރުމުގެ ގޮތުން ޤާނޫނުއަސާސީއާއި ޤާނޫނުގައި އެތަކެއް އުސޫލުތައް ކަނޑައަޅާފައިވާކަމާއި، އެހެންކަމުން ޤާނޫނުއަސާސީގެ 145 ވަނަ މާއްދާ ހިފަހަޢްޓައި ސުޕްރީމް ކޯޓު ސަސްޕެންޑްކުރުމަކީ އެއްވެސް ޙާލެއްގައި ޤާނޫނީގޮތުން ހުއްދަކުރެވިގެންވާ ކަމެއްނޫންކަމާއި އެއީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ދެކޮޅު ޢަމަލެއްކަން ސާފުވެއެވެ.
މިބަޔާންކުރި ނުކުތާތަކާއި އަދި މީގެ އިތުރުންވެސް އެހެނިހެން ސަބަބުތައް ހުރުމާއެކު 5 ފެބްރުއަރީ 2018 ވަނަ ދުވަހު ސަރުކާރުން ނެރެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަކީ މުޠުލަޤުގޮތެއްގައި ޤާނޫނުއަސާސީއާ ޚިލާފު ޤަރާރެއްކަމުގައި ދެކެމެވެ.