ކ. މާލެ
|
10 ފެބްރުއަރީ 2018 | ހޮނިހިރު 08:11
ރައީސް  މައުމޫން ހައްުޔަރުކޮށްގެން ފުލުހުންގެ ލޯންޗުގައި ދޫނިދޫއަށް ގެންދަނީ
ރައީސް މައުމޫން ހައްުޔަރުކޮށްގެން ފުލުހުންގެ ލޯންޗުގައި ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ރައީސް މައުމޫނުގެ ޙާލުކޮޅާ މެދު ކަންބޮޑުވުންތަކެއް!
ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކުރެވުނީ ހުން އައިސްފައި ހުންނަވަނިކޮށް: ރިޔާޒް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަލަށް ބަދަލުކުރެވިފައިވާއިރު، އެތަނުގައި އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.

ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކުރެވުނުއިރު، އެމަނިކުފާނު ހުންނެވީ ހުން އައިސްފައި ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ. އަދި އެކަށީގެންވާ ބޭސްފަރުވާ ނެތް ޖަލަކަށް އެމަނިކުފާނު ބަދަލުކުރެވުނީ ފުރާނައަށް ނުރައްކާކުރަން ކަމަށް ނުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ. 

 

ރައީސް މައުމޫނު ފެކްޝަނުގައި މަސައްކަތްކުރައްވާ އާމިނަތު ނާދިރާ ކުރެއްވި ޓްވީޓެއްގައި، ވެސް މާފުށީ ޖަލުގައި ސިއްހީ ފަރުވާގެ ކަންކަން ދޯދިޔާކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާކަން ވެސް ނާދިރާ ފާހަގަކުރެއްވިއެވެ.

 

 

މީގެ އިތުރުން ރައީސް މައުމޫންގެ ދަރިކަނބަލުން، އަދި އިދިކޮޅު ޙަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅާ ކަމަށްވާ ޔުމްނާ މައުމޫން ވެސް ވަނީ އެކަށީގެންވާ ބޭސްފަރުވާ ޖަލަކަށް މައުމޫން ބަދަލުކުރެވި ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޔުމްނާ ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓްކުރެއްވި އިރު، އެކަމަނާގެ ބައްޕާފުޅު މައުމޫންގެ އިތުރުން އެކަމަނާގެ ފިރިކަލުން އަހުމަދު ނަދީމާއި ބޭބޭފުޅު ފާރިސް މައުމޫން ވެސް ވަނީ ހައްޔަރުކުރެވިފައެވެ. މިތިން ބޭފުޅުން ވެސް ހައްޔަރުކޮށްފައި ވަނީ ރިޝްވަތުދިނުމާއި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ.

 

 

ރައީސް މައުމޫނާއި ނަދީމް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ސަލާމަތީ ޚިދުމަތްތަކަށް ދީފައިވާ ބާރުތަކުގެ ދަށުން ކޯޓު އަމުރަކާ ނުލައެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެވުނުތަނާހެން، މިމަހުގެ 5 ވަނަ ދުވަހުގެ ރެއެވެ. އަދި ރައީސް މައުމޫން ދޫނިދޫ އިން މާފުއްޓަށް ބަދަލުކުރެވުނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރެވުނު އިރު ވެސް ފާރިސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމުގެ ކުރިން ފާރިސް މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ވެސް ކުރިއެވެ. އެހެން ނަމަވެސް ޖެހިގެން އައި ފެބްރުއަރީ 6 ވަނަ ދުވަހުގެ ހެނދުނު ފާރިސް މިނިވަންކުރުމަށް ފަހު އަނެއްކާ ވެސް 8 ވަނަ ދުވަހުގެ ހަވީރު ފާރިސް ހައްޔަރުކޮށްގެން ވަނީ ގެންގޮސްފައެވެ. 

ރައީސް މައުމޫން ވަނީ އެމަނިކުފާނު ކުށެއް ނުކުރައްވާކަމަށާއި، ސާބިތުކަމާ އެކު ހުންނެވި ކަމަށް، ހައްޔަރުކޮށްގެން ގެންދިޔުމުގެ ކުރިން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް