ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 11:08
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ސިފައިންނާއި ފުލުހުން ޕާކިސްތާން އެމްބަސީގެ ކުރިމަތީގައި
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ސިފައިންނާއި ފުލުހުން ޕާކިސްތާން އެމްބަސީގެ ކުރިމަތީގައި
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކާ އިއުލާންކޮށްގެން ހިންގެވީ އުދުވާނީ ހަމަލާއެއް: ދިޔާނާ
އުދުވާނީ ހަމަލާ ހިންގެވީ ދައުލަތުގެ މައްޗަށް: ދިޔާނާ
ވިދާޅުވީ މަޖިލީހާއި ޖުޑީޝަރީގެ ބާރު ހިފަހައްޓާފައިވާ ކަމަށް
ބާރުގެ ބޭނުން ކުރީ ހަތިޔާރު ހިފައިންގެން ތިބެ ކަމަށް ވެސް ވިދާޅުވި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ މައްޗަށް ހިންގެވީ އުދުވާނީ ހަމަލާއެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިވާފަތްގަނޑަކަށް ހައްދަވައިގެން ދައުލަތުގެ މައްޗަށް އުދުވާނީ ހަމަލާއެއް ހިންގާފައި ވަނީ ހަތިޔާރު އެޅި ބަޔަކު ލައްވާ ކަމަށެވެ. ދިޔާނާ ސިފަ ކުރެއްވި ގޮތުގައި ހަތިޔާރު އެޅި ބަޔަކު ލައްވާ، ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީގެ ބާރު ވަނީ ބަންދުކޮށްފައިވެއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިވާފަތަކަށް ހައްދަވައިގެން އަބްދުﷲ ޔާމީން ދައުލަތުގެ މައްޗަށް ހިންގެވީ އުދުވާނީ ހަމަލާއެއް. ހަތިޔާރު އެޅި ބަޔަކު ލައްވާ ޣައިރު ގާނޫނީ ގޮތުން ދައުލަތުގެ އަދުލު އިންސާފުގެ ބާރާ ގާނޫނު ހަދާ ބާރު ބަންދު ކުރުން މި ނޫން ގޮތަކަށް ސިފަކުރަން ދަތި،" ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑަރަ ނައިބުކަން ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު، ބާރުގެ ބޭނުންކޮށްގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ހައްޔަރުކޮށްފައެވެ. އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރު ހަސައިން ސައީދު ހުސައިން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޯޓު އަމުރަކާ ނުލައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން އެ ހަތަރު ބޭފުޅުން ހައްޔަރުކޮށްފައިވާއިރު، އެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.

ސަލާމަތީ ހިދުމަތްތަކުގެ ބާރުގެ ދަށަށް ސުޕްރީމް ކޯޓު ގެނައުމަށްފަހު، އެ ކޯޓުން ދަނީ ކޯޓު އަމުރު ނެރެމުންނެވެ. އެ ކޯޓުން އޭގެ ފަހުން ނެރުނު ފުރަތަމަ އަމުރުގައި ވަނީ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ނެރުނު އަމުރުގައިވާ ބައިތައް ބާތިލުކޮށްފައެވެ. އަދި ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅޭނެ ކަމަށް ބުނާ ބައިތައް ވެސް ވަނީ އަމުރުން އުނިކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަމުރުތަކާމެދު ސުވާލު އުފައްދައި، ވާހަކަ ދައްކަމުންދާތީ، އެ ކޯޓުން ބުދަ ދުވަހު ވަނީ ކޯޓުން އަމުރެއް ނެރެފައެވެ. ކޯޓުގެ އަމުރުތަކާމެދު ސުވާލު އުފައްދައި ވާހަކަތައްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޓުން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް