ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 08:10
ގައުމަށްޓަކައި ކަނބަލުންގެ ނަމުގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން
ގައުމަށްޓަކައި ކަނބަލުންގެ ނަމުގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ރައީސް ޔާމީން
މިހާރު ނަގަނީ ފުރިހަމަ މުސާރަ، އެއީ ދަރިން އުޅޭ ގެތަކުގެ ކުލި ދައްކައިދޭން: ރައީސް ޔާމިން
ރައީސްކަމުގެ ކުރީކޮޅު ނެންގެވީ މުސާރައިގެ ދެބައިކުޅައެއްބައި
އަޅުގަނޑު އުޅޭ ހާލު އެނގޭ ރައްޓެހިން އެހީދެއްވާ

ހިލާލީގެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ފަހުން ހަމަ މުސާރަ (އެއް ލައްކަ ރުފިޔާ) ނަންގަވާ ކަމަށާއި އެހެން ހެއްދެވީ ވަކި ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދަވާ އެމަނިކުފާނުގެ ދެ ދަރިކަލުން ދިރިއުޅުއްވާ ގޭގެ ކުލި ދައްކައިދޭން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. 

"ގައުމަށްޓަކައި ކަނބަލުން" ނަމުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ހިލާލީގެ އަށް އެމަނިކުފާނުގެ ދިރިއުޅުއްވުން ބަދަލު ކުރެއްވުމަށްފަހު ނަންގަވަނީ މުސާރަ އެއްކޮން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ މުސާރައިގެ ދެބައި ކުޅައި އެއްބައި ރައީސް ޔާމިން ނަންގަވަން ފެއްޓެވުމަށް ފަހު މުސާރަ އެއްކޮށް ނަންގަވަމުން ގެންދަވާކަން ހާމަ ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

 "އަޅުގަނޑު މުސާރައިގެ އަނެއްބައި ނަގަން މި ޖެހުނު ސަބަބަކީ އަޅުގަނޑުގެ ވެސް ބޮޑުވެފައި އެބަ ތިބި ދެ ކުދިން. އަންހެން ކުއްޖަކުވެސް އުޅެނީ މީހަކާ އިނދެގެން އާއިލާއެއް ގޮވައިގެން. ފިރިހެން ކުއްޖާވެސް އުޅެނީ މީހަކާ އިނދެގެން އާއިލާއަކާ އެކީ. އެހެންވީމަ މި ދެކުދިންނަށް ތަންތަން ކުއްޔަށް ހިފާދޭން ޖެހޭ. އަޅުގަނޑަކީ މި ކަހަލަ ކަމެއްގައި ދިވެހި ފައިސާގައި ޖެހޭނެ މީހެއް ނޫން. އެ ސަބަބަށްޓަކައި، އެއާކު އަޅުގަނޑު ކުރިން އުޅުނު ގޭގައި އަޅުގަނޑު ހުންނާނީ ބައެއް ކުއްޔަށް ދީފައި. އެ އާމްދަނީވެސް ނުލިބިދިޔައީ. އެހެންވީމަ މިކުދިން ތިބޭ ތަންތަނަށް ކުލި ދައްކަން ޖެހޭތީއާ އެކީ އަޅުގަނޑު ސަތޭކަ ޕަސެންޓް ނޫނީ ފުލް މުސާރަ ނަގަންފެށީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމިން ވަނީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުން ހަރަދުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ބާލިޢުނުވާ ދަރިންނަށް އެކަނި ކަމަށް ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެގޮތަށް ގާނޫނު އަސާސީގައި ލިޔެފައިވަނީ އޭރު ވަނީ ކުރީގެ ރައީސް މައުމޫނުގެ އަރިހުގައި ބޮޑެތިވެފައި ތިބި ކުދިން ދައުލަތުގެ ފައިސާއިން ފަރިކުޅުއްވާ ހެއްދެވީމަ ބަޔަކު އެކަމާ ހަސަދަވެރިވެގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެއް ލައްކަ ރުފިޔާ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާއިރު ރައީސް ޔާމިން ވިދާޅުވީ އެވަރުގެ މުސާރައެއްގައި އުޅެން ޖެހިވަޑައިގެންނެވި ނަމަވެސް ﷲ އެމަނިކުފާނު ނިކަމެތި ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު އުޅުއްވާ ހާލުކޮޅު ދަނެ އެމަނިކުފާނު ރައްޓެހިން އެހީދެއްވާ ކަމަށް ވިދާޅުވި އެވެ.

 "އެކަމު ﷲ އަޅުގަނޑު ނިކަމެއްޗެއް ނުކުރައްވާ. އަޅުގަނޑުގެ ރައްޓެހިން އެބަ ތިބި އަޅުގަނޑަށް އެހީތެރިވާ. މިއީކީ ދައުލަތުގެ ފައިސާއެއް ނޫން. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ގޮތް ހުސްނުވާނެ. އަޅުގަނޑުގެ ރައްޓެހިން އެބަ ތިބި އަޅުގަނޑު އުޅޭހާލު އެނގޭ މީހުން. އަނެއްކާ އެމީހުނަށް އެނގޭ އަޅުގަނޑު ދިވެހި ދައުލަތުގެ ފައިސާގައި ނުޖެހޭނެކަން. އެހެންވީމަ އަޅުގަނޑަށް އެހީދެއްވާ މީހުން އެބަ އުޅޭ،" ރައީސް ޔާމިން ވިދާޅުވި އެވެ.

އެމަނިކުފާނަކީ ބޮޑު މުސާރަ ނަންނަގަވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުން ގާތު މީގެ ކުރިން ވިދާޅުވި ކަމަށް އަމިއްލަ ފުޅަށް މި ބައްދަލުވުގައިވެސް ވިދާޅުވި އެވެ. ވިދާޅުވީ އެމަނިކުފާނަކީ ބޮޑެތި ގަނޑުވަރުތައް ހަދައިގެން އުޅޭ މީހެއް ނޫން ކަމަށާއި ލައްޒަތާއި އިއްޒަތުގައިވެސް އުޅެން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށެވެ.  

މީގެ އިތުރުން އެމަނިކުފާނަށް ވުރެ އިހްލާސްތެރިކަމާއެކު ދިވެހި ދައުލަތުގައި ވެރިކަން ކުރެއްވި އެހެން ބޭފުޅަކު ނުފެންނާނެ ކަމަށްވެސް ރައީސް ޔާމިން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދިރިއުޅުއްވަމުން ގެންދެވީ ގަލޮޅުގައި ހުރި "ދޫވެހި"ގަ އެވެ. ނަމަވެސް 2016 ވަނަ އަހަރު އެމަނިކުފާނު ވަނީ ހިލާލީގެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފަ އެެވެ. އަދި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވިއިރު އެ ގެ މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ގެންނެވީ ދައުލަތުގެ ފައިސާއިންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް