ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 18:36
ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމް ޗައިނާގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅަކާއި ބައްދަލުކުރައްވަނީ
ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމް ޗައިނާގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅަކާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
ސަރުކާރުގެ ބަޔާން
ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގެ ހާލަތު ދެނެގަތުމަށް ރާއްޖެ އައުމަށް ސަރުކާރުން ދައުވަތު ދީފި
ވިޔަފާރީތަކަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ
މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާ އަށް އެއްވެސް އަސަރެއް ނުކުރާނެ
ރާއްޖޭގެ ހާލަތު އޮތީ ވަރަށް އަމާންކޮށް ކަަމަށް ސަރުކާރުން ބުނަނީ

ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގެ ހާލަތު ދެނެގަތުމަށްޓަކައި ރާއްޖެ އައުމަށް ސަރުކާރުން ދައުވަތު ދީފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިގެންދިޔަ ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް މިނިވަން ކަމާއެކީ އުޅުމަށް ހުރަހެއް ނެތް ކަމަށާއި ރާއްޖޭގެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކަށާއި ވިޔަފާރީތަކަށް މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް އަރުވާ ކަމަށެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ހަމައެކަނި ރިއާޔަތް ކުރެވިފައިވަނީ ރާއްޖޭގެ ދާހިލީ ގިނަ ކަންތައްތަކަށް އެކަނި ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކަށާއި ފަތުރުވެރިން ޒިޔާރަތްކުރާ ރަށްތަކަށާއި މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާ އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުން ވަނީ މި ގައުމުގެ ތަރައްގީގެ ބައިވެރިންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ރާއްޖެ އައިސް ގައުމުގެ ހާލަތު އަމިއްލައަށް ބަލާލުމަށް ދައުވަތު އަރުވާފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވީ ނަމަވެސް ރާއްޖޭގައި ކަންތައްތައް ހިނގަމުންދަނީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ޔަގީންކަންދޭން މި ބަޔާނުގައި ވަނީ މަސައްކަތް ކޮށްދީފައެވެ.

 

    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް