ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 13:58
ރާއްޖޭގައި ހުންނަ ބޭރު ގައުމުއްގެ އެމްބަސީއެއްގެ ކުރިމަތީގައި ސިފައިން ފޯރިމަރަނީ
ރާއްޖޭގައި ހުންނަ ބޭރު ގައުމުއްގެ އެމްބަސީއެއްގެ ކުރިމަތީގައި ސިފައިން ފޯރިމަރަނީ
މުހައްމަދު ޝަރުހާން
ކުއްލި ހާލަތު އިއުލާނުކުރުން
އިންޑިއާއިން އިސްކަންދޭނީ އަސްކަރީ ފިޔަވަޅަކަށް ނޫން، ދަތިކުރުމުގެ ފިޔަވަޅަށް!
ސަރުކާރުގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ދަނީ ވިސްނަމުން
އިންޑިއާއިން މަޝްވަރާ ކުރަން އެދުނު ނަމަވެސް ރައީސް ޔާމީން އެކަމަށް އިޖާބަ ނުދޭނެކަމަށް އިންޑިއާއިން ގަބޫލުކުރޭ
ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ލިބޭފަދަ ފިޔަވަޅެއް އެ ގައުމުން ނާޅާނެ

އިންޑިއާ ސަރުކާރުން އިސްކަން ދޭނީ ރާއްޖެއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނޫން ކަމަށާއި އެ ގައުމުން އިސްކަން ދޭނީ ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކަމަށް އެ ގައުމުގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ ދަ ޓައިމްސް އޮފް އިންޑިއާއިން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ހައްޔަރުކޮށް ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކުރުމާއި ގުޅިގެން އިންޑިއާއިން ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ މި ނޫހުގައި ވަނީ އިންޑިއާ ސަރުކާރުން މަޝްވަރާ ކުރުމަށް ވަފުދެއް ފޮނުވި ނަމަވެސް ރައީސް ޔާމީން އެ ވަފުދާއި މަޝްވަރާކުރައްވާނެ ކަމުގެ އެއްވެސް ގެރަންޓީއެއް އެ ގައުމަށް ނެތް ކަމަށެވެ. އެހެންކަމުން އެމެރިކާއާ ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިސްނަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެދި ހޯމަ ދުވަހު ގިނަ ގައުމުތަކުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީތަކަކީ އިންޑިއާއިން އިސްވެ އޮވެ ރާއްޖޭގެ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން ކޮށްފައިވާ ކަންކަން ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. ހަމައެހެންމެ ރައީސް ޔާމީންގެ ސަރުކާރަށް ތާއިދުކުރާ ބޭފުޅުންނަށް ގައުމުތަކަށް ދަތުރުނުކުރެވޭ ގޮތަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލު ބުނެފައިވެއެވެ.

ހަމައެހެންމެ ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރާ ގައުމަކީ އިންޑިއާ ކަމުގައި ވުމާއެކު ރާއްޖޭގެ ސަރުކާރަށް ދަތިކުރުމުގެ ގޮތުން ރާއްޖެއާ އިންޑިއާ އާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ހަނިކުރުމަށް ވެސް ވިސްނަމުންދާ ކަމަށް އެ ނޫހުގައިވެއެވެ.

ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތުދިން އޮފިޝަލް ބުނެފައިވަނީ އިންޑިއާ ސަރުކާރުން އެޅެންހުރި ހުރިހާ ފިޔަވަޅެއް ވެސް ވަރަށް ބޮޑަށް ދިރާސާ ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ހާލެއްގައި ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ލިބޭފަދަ ފިޔަވަޅެއް އެ ގައުމުގެ ސަރުކާރުން ނާޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ހުރިހާ ފިޔަވަޅެއް ވެސް ޓާގެޓް ކުރެވިގެންދާނީ ސީދާ ސަރުކާރު ހިންގެވުމުގައި ތިއްބެވި ބޭފުޅުންނަށް ކަމަށް ވެސް އެ އޮފިޝަލް ބުނެފައިވެއެވެ.

އިންޑިއާއިން ފިޔަވަޅުތައް އެޅުން މަޑުޖައްސާލާފައިވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފުރުސަތުދޭތޯ ބެލުމުގެ ގޮތުން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ. ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު މަޖިލިސް ހުޅުވަން އޮތް ނަމަވެސް ސަލާމާތީ ސަބަބުތަކަށްޓަކައި މަޖިލިސް ޖަލްސާ ވަނީ ފަސްކުރެވިފައެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮޑި ނުގެއްލޭ ކަމަށް ކަނޑައެޅިފައިވާއިރު މި އަމުރާއެކު އިދިކޮޅު ފަރާތްތަކަށްވަނީ މަޖިލީހުގެ މެޖޯރިޓީ ގެރަންޓީވެފައެވެ.

ރާއްޖެއާ ދެކޮޅަށް ގިނަ ގައުމުތަކަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާއިރު މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައީސް ޔާމީންއަށް ސަރުކާރު ހިންގެވުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް