ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 12:31
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި ރައީސް ޔާމީން
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި ރައީސް ޔާމީން
ރައީސް އޮފީސް
ރާއްޖޭގެ ހާލަތު
ރާއްޖޭގެ ހާލަތަށް ވުރެ ޗައިނާ އިން ކަންބޮޑުވީ ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓިދާނެތީ!
ޗައިނާ އިން ތުހުމަތުކުރާ ގޮތުގައި އިންޑިއާ އިން ދެކުނު އޭޝިޔާގެ ގައުމުތައް ކޮންޓްރޯލް ކުރުމުގެ ހީލަތްތެރި ސިޔާސަތެއް ގެންގުޅޭ
ރާއްޖޭގެ ސިޔާދަތާއި އަމިއްލަ ވަންތަކަމުގައި ދެމި އޮތަނުދިނުމަށް އިންޑިއާ އަންނަނީ މަސައްކަތް ކުރަމުން ތުހުމަތުކުރި
ދާޚިލީ މައްސަލަތައް ހައްލުކުރަން ޖެހޭނީ އަމިއްލަ އަށް ކަމަށް ބުނި

ސިޔާސީ މައްސަލަތަކީ ދާހިލީ މައްސަލަތައް ކަމަށާއި ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އެހެން ގައުމަކުން ވަނުމާ ދެކޮޅު ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޗައިނާގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޗައިނާ އިން ދަނީ ރާއްޖޭގެ ހާލަތު ގާތުން ބަލަމުންނެވެ. ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލުކޮށް، ރާއްޖެ އާއްމު ހާލަތަށް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

"އަހަރެމެން ވަނީ ރާއްޖޭގެ ސަރުކާރުގައި ދަންނަވާފައި. ރާއްޖޭގައި ތިބި ޗައިނާގެ ރަށްވެހިންނާއި އެމީހުން ދިިއުޅޭ ތަންތަނާއި، އަދި އަހަރުމެން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ދާންޖެހޭނެކަމުގެ ގެރެންޓީ އޮންނަންވާނެއޭ،" ޗައިނާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ "ނިއުސް އިން އޭޝިޔާ" ނޫހުގައި ބުނެފައިވެއެވެ.

ޗައިނާ އިން ތުހުމަތު ކުރާ ގޮތުގައި އިންޑިއާ އިން ގެންގުޅޭ ދެކުނު އޭޝިޔާގެ ގައުމުތައް ކޮންޓްރޯލް ކުރަމުންދާ ސިޔާސަތުގެ ދަށުން، މި ދަނޑިވަޅުގައި އިންޑިއާ އިން ދަނީ ރާއްޖެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އަދި ރާއްޖޭގެ ސިޔާދަތާއި އަމިއްލަ ވަންތަކަމުގައި ދެމި އޮތަނުދިނުމަށް އިންޑިއާ އިން ދަނީ މަސައްކަތް ކުރަމުން ކަމަށް ޗައިނާ އިން ތުހުމަތުކުރެއެވެ.

"ސިޔާސީ ކަންކަމަކީ އެގައުމުގެ އަމިއްލަ ކަމެއް. އެކަމަށް އިންޑިއާ އިން ވަންނާކަށް ނުޖެހޭ، ރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރަން ޖެހޭ" ޗައިނާގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ހަމައަކަށް އަޅުވާނީ ރާއްޖޭގެ ރައްޔިތުން ކަމަށާއި، އިތުރު ހަމަނުޖެހުމަކަށް މަގުފައިވާނެ ފުރުސަތު ނުދީ، ސަރުކާރާއި ކަމާބެހޭ އެންމެހާ ފަރާތްތަކުން މަޝްވަރާކޮށް މި ހާލަތުން އަރައިގަނެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޗައިނާއިން ބުނެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމާ އެކު ޗައިނާ އިން ވަނީ ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުން ސަމާލުވެ، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ފަހުން ވަނީ މި ދަނޑިވަޅުގައި ރާއްޖެ އަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ބުނެފައެވެ. ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް