ކ. މާލެ
|
6 ފެބްރުއަރީ 2018 | އަންގާރަ 17:59
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާއިރު، އަސާސީ ގިނަ ޙައްޤުތަކެއް ވަނީ ހިފަހައްޓާފައި
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާއިރު، އަސާސީ ގިނަ ޙައްޤުތަކެއް ވަނީ ހިފަހައްޓާފައި
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
މިއީ އަވަށްޓެރި ޤައުމެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުން އިންޑިއާ އިން އަމަލުކުރާ މިންގަނޑު
ވަޔާއި ކަނޑުގެ ސިފައިން ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި
މިއީ މި ދައުރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރި ދެވަނަ ފަހަރު

ރާއްޖޭގައި ނިއުޅެމުންދާ ހާލަތު އިންޑިއާ އިން ގާތުން ބަލަމުންދާ ކަމަށާއި، އިންޑިއާގެ އަސްކަރިއްޔާ އޮތީ ތައްޔާރީ ހާލަތުގައި ކަމަށް، އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ދަ ޕްރިންޓް ނޫހުގައި ބުނެފައި ވަނީ، ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަސާސީ ބައެއް ޙައްޤުތައް ހިފަހައްޓައި، ދިވެހި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމާ ގުޅިގެން، އިންޑިއާ އިން ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިޢުލާނު ކުރުމާ ގުޅިގެން، އެ ޙާލަތު އިޢުލާނު ކުރަން ޤާނޫނުއަސާސީގައި އޮންނަނީ، ޤުދްރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ޙަމަލާއެއް ކުރި މަތި ވެދާނެކަމުގެ ބިރު ހީވެއްޖެ ނަމަ ކަމަށް ވާތީ، އެ ހާލަތުގައި ރާއްޖެއަށް އެހީވުމަށާއި، އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި އެކި ބޭނުންތަކުގައި ދިރިއުޅޭ އިންޑިއާ އާއި އެހެން ޤައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ރާއްޖެއާ ގުޅޭ ގޮތުން އިންޑިއާ އިން ކަނޑައަޅާފައިވާ ސްޓޭންޑަރޑް އޮޕަރޭޝަނަލް ޕްރޮސީޖަރ (އެސްއޯޕީ) އަށް އަމަލުކުރަން މިހާރު ފަށާފައިވާ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.

މި އެސްއޯޕީގެ ދަށުން، ބޭނުންވެއްޖެ ހާލަތެއްގައި، ނިސްބަތުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަޔާއި ކަނޑުމަގުން އިންޑިއާ ސިފައިންނަށް ރާއްޖެ އާދެވޭނެ ފަދަ ގޮތަކަށް މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި ރާއްޖޭގެ ހާލަތު ބަދަލުވަމުން، ނިއުޅެމުންދާ ގޮތަށް ބަލައި، އިންޑިއާ އިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދެވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. އެ ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ އޭރުގެ ނާއިބު ރައީސް އަޙުމަދު އަދީބު ހައްޔަރުކުރައްވާފައެވެ. އަދި މިހާރު، ދެވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރައްވައި، އެމަނިކުފާނު ވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް