ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 10:05
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އޮފީސް
ރައީސް ޔާމީން
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރަށް ރައީސް އަންގަވައިފި
ސިޔާސީ ހައްޔަރީންގެ މައްސަލައަށް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންނެވި
ޖޭއެސްސީއަށް މަސައްކަތް ކުރެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ވެސް އެދިވަޑައިގެންނެވި
ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައި ދެއްވުމަށް

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރެވެން ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އުއްތަމަ ފަނޑިޔާރަށް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ދާދި ދެންމެ އިއުލާން ކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމިން ވަނީ ތިން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ބައެއް ބޭފުޅުން ދޫކޮށްލަން ކޮށްފައިވާ އަމުރު ތަންފީޒުކޮށްފި ކަމަށްވާނަމަ ގާނޫނު އަސާސީއާ އެއްގޮތައް ދައުލަތް ހިންގަން އުނދަގޫ ވާނެ ކަމަށް ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް އަންގާފަ އެވެ.

ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ފުރަތަމަ މައްސަލާގައި ބުނެފައިވަނީ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިހުތިސާސް ހިނގާނޭކަމުގައި ސަރީހަ އިބާރާތުން  ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ އަމުރުގައި ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ބެލުމުގެ ބާރު ލިބިދީފައިނުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ އެކޮމިޝަންގެ މަސައްކަތައް އެރަސް އެޅޭ ކަމަށެވެ. މިއީ ސުޕްރީމް ކޯޓަށް ވިޔަސް ލިބިދީފައިވާ ބާރަކަށް ނުވާތީ، ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއްގެ މަތީން ކޯޓުގެ އަމުރު ބަދަލު ކޮށްދެއްވުމަށް އެދޭ ކަމަށެވެ.

ރައީސް ޔާމީން ފޮނުއްވާފައިވާ ދެވަނަ ސިޓީގައި މައިގަނޑުގޮތެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ 09 މީހުންގެ މައްސަލަ އެވެ. މިކަމާ ގުޅިގެން ޝަރުއީ މަރުހަލާގެ ހުރިހާ ކޯޓަކުން ނިންމައި، ހުކުމް ކޮށްފައިވާ މައްސަލަތަކެއް ކަމަށާއި އެ މައްސަލަތަކުގެ ހުކުމްތައް ބާތިލު ކުރުމެއް ނެތި، ދަށު ކޯޓަކުން ބެލުމަށް އަމުރުކޮށް، އެކަން ނުކޮށްފި ބަޔަކީ ޖިނާއީ ކުށްވެރިންކަމުގައި ދޭހަވާ ގޮތަށް ކަނޑައަޅުއްވައި، ޝަރުއީ ފަހު މަރުހަލާއާ ހަމައިން ހުކުމްކޮށްފައިވާ މީހުންނާއި، އަދި ޝަރުއީ އެކިއެކި މަރުހަލާގައި މައްސަލަތައްހުރި މީހުންނާއި ތަހުގީގު މަރުހަލާގައި މައްސަލަތައް ހުރި މީހުން ހިމެނޭ ގޮތަށް އެތައް ކުށްވެރިންނެއް، ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ގާނޫނުއާސާސީއާ ގާނޫނު ހަމަތަކުގެ ތެރެއިން، އެ އަމުރު ތަންފީޒު ކުރެވިދާނޭ ކަމަށް ގަބޫލު ނުކުރެއްވޭތީ، އެމައްސަލަތަކަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ކަންކަން ކުރެއްވޭނެ ގޮތްތައް ކަނޑައަޅުއްވައި ދެއްވުމަށް ވެސް ރައީސް ޔާމީން އެދިލައްވާފައި ވެއެވެ.

ތިން ވަނަ ސިޓީގައި ބުނެފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް އެމައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަކީ އެ މައްސަަލަ ތަހުގީގު ހުއްޓި، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ވެސް ހައްލެއް ހޯދައިދީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެމަތިން ދައުލަތުގެ މުއައްސަސާތައް ހިނގާނެކަން ކަށަވަރުކުރުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އާއި (ނ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއަކަށްވާތީ، ސުޕްރީމް ކޯޓުގެ އެ އަމުރު ބާތިލް ކޮށްދެއްވުމަށް ދަންނަވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް