ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 16:03
125 ވަަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގެ ތެރެއިން
125 ވަަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް ބަޔާން
ސަރުކާރާ މެދު ނަފުރަތުކަން އުފައްދަން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް ދަނީ މަސައްކަތްކުރަމުން: އެމްއެންޑީއެފް
ޙަޤީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުންދަނީ ބައެއް ފަރާތްތަކުން
ރާއްޖޭގެ ސުލްހަމަސްލަސްކަން ދެމެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައި

ސަރުކާރާ މެދު ނަފުރަތުކަން އުފައްދަން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާރިވިސްއާ އެކު މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން އާދިއްތަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ހަމަހިމޭންކަން ނަގާލުމަށް ބައެއް ފަރާތްތަކުން ވެރިރަށް މާލެ އާއި ރާއްޖޭގެ ބައެއް ރަށްތަކުގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ މެދު ނަފުރަތުކަން އުފައްދާ ޙަޤީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރައި، ރާއްޖޭގެ މަސްލަޙަތު ނަގާލުމަށް ފާޅުގައި ހިތްވަރުދީ އެއްވުންތައް ބާއްވާ އަދި ސޯޝަލް މީޑިއާގައި ރާއްޖޭގެ އިޖުތިމާޢީ ހަމަޖެހުމަށް ބުރޫ އަރައި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ފާޅުގައި ނުރައްކާ ކުރުމަށް ހިންގަމުންދާ ތަފާތު ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަމަން އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުން ސާބިތުކަމާއި ބަދަހިކަމާ އެކު ދެމިއޮތް ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމާއި ޤާނޫނީ ސަރުކާރު ހިމާޔަތްކުރުމުގައި ޤާނޫނު އަސާސީން ސަލާމަތީ ބާރުތަކަށް ލާޒިމްކޮށްފައިވާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާ އެކު ސަލާމަތީ ބާރުތައް ދެމި އޮތް ކަމަށް ވެސް ނޫސްބަޔާނުގައިވެއެވެ.

ރާއްޖެ ހަލަބޮލި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި ރާއްޖޭގެ ހަމަހިމޭންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އެމްއެންޑީއެފްގެ ފަރާތުން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް