ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 09:11
ރައީސް ޔާމީން އަޒުލުކުރުމަށް ނެރޭ ހުކުމަކަށް ކިޔަމަން ނުވާނެ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައި
ރައީސް ޔާމީން އަޒުލުކުރުމަށް ނެރޭ ހުކުމަކަށް ކިޔަމަން ނުވާނެ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައި
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު އަމުުރު
ރައީސް އަޒުލު ކުރުމުގެ އަމުރެއް ތަންފީޒެއް ނުކުރާނަން: ބަންޑާރަ ނައިބު
ރައީސް އަޒުލުކުރުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވޭ
އެފަދަ އަމުރެއް މިއަދު ނިރޭނެ ކަމަށް ވަނީ ތަސައްވަރު ކުރެވިފައި
އެފަދަ އަމުރެއް ތަންފީޒުކޮށްގެން ނުވާނެ ކަމަށް ސަލާމަތީ ހިދުމަތްތަކަށް ވަނީ އަންގާފައި

ރައީސް އަބްދުﷲ ޔާމީން އަޒުލުކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން މިއަދު ނެރޭނެ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށާއި އެފަދަ އަމުރެއް ނެރުނުމުގެ ގާނޫނީ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެހެންވެ، އެފަދަ އަމުރެއް ނެރުނު ނަމަވެސް ސަލާމަތީ ބާރުތަކުން ތަންފީޒު ނުކުރުމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެ އެވެ.

މިއަދު އުފާވެރި ހަބަރެއް ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް އާއި ޕޮލިސް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ނަވާޒާއެކު ހާމަކުރެއްވި ބަޔާނުގައި ބަންޑާރަ ނައިބު އަނިލް ވިދާޅުވީ  ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނީ މަޖިލީހުން ފާސްކުރާ ގަރާރުން ކަމަށާއި މިފަދަ މައްސަލައިގައި ކޯޓުގެ ދައުރެއް އޮތީ މަޖިލީހުން ފާސްކުރާ ގަރާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި ކަމަށެވެ. އެހެންވެ، ސުޕްރީމު ކޯޓުން މިފަދަ އެއްވެސް އަމުރެއް އިސްވެ ނުނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްހުމްހޫރިއްޔާ އަޒުލުކުރުމަށް ސުޕްރީމް ކޯޓުން ނެރޭ އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް. ގާނޫނާ ހިލާފު އަމުރަކަށް ސަލާމަތީ ހިދުމަތްތަކުން ތަބާވެގެން ނުވާނެ،" އަނިލް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް ވިދާޅުވީ ދިވެހިރާއްޖެ ކްރައިސިސް އަކަށް ދިއުމަށް ބަލައިގެން ނުހުރެވޭނެ ކަމަށާއި ސިފައިން މަސައްކަތް ކުރާނީ ބަންޑާރަ ނައިބު ދެއްވާ ލަފާގެ މަތިން ކަމަށެވެ.

މިފަދަ އަމުރެއް ނެރިއްޖެ ހާލަތެއްގައި ފުލުހުން މަސައްކަތް ކުރާނީ ނަވާޒު ވިދާޅުވި ގޮތުގައި ބަންޑާރަ ނައިބު ދެއްވާ ލަފައާ އެއްގޮތަށެވެ.

ރައީސް އަޒުލުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން، ގާނޫނާ ހިލާފަށް މަޖިލީހުގެ މެމްބަރުން ތަކެއްގެ ގޮނޑި ގެއްލުވާލައި، ސަލާމަތީ ހިދުމަތްތަކުން މަޖިލިސް "ހިސޯރު"ކުރި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް