ކ. މާލެ
|
4 ފެބްރުއަރީ 2018 | އާދީއްތަ 08:58
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު
އަޒުމޫން އަހުމަދު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދުގެ ޢާއިލާގެ ދެ ބޭފުޅެއްގެ މައްޗަށް ރިޝްވަތުގެ މުއާމަލާތެއްގައި ބައިވެރިވިކަމުގެ ތުހުމަތު ފުލުހުން ކޮށްފި
ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުންގެ އާއިލީ ބޭފުޅުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު އާއްމުކޮށްފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައިވާ ދަނޑިވަޅެއްގައި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ޢާއިލާގެ ދެ ބޭފުޅަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދު ހުސެއިން، ފްލެޓެއް ބައްލަވައިގަތުމުގައި ރިޝްވަތުގެ މުޢާމަލާތެއް ހިންގެވުމުގައި ބައިވެރިވިކަމުގެ ތުހުމަތު މޯލްޑިވްސް ޕޮލީސް ސަރވިސް އިން ކޮށްފި އެވެ.

މޯލްޑިވްސް ޕޮލީސް ސަރވިސް އިން އާދީއްތަ ދުވަހު ހެނދުނު ނެރުނު ނޫސްބަޔާނެއްގައި ވަނީ ފުލުހުންގެ މުއައްސަސާ އަށް ހުށަހެޅިފައިވާ ރިޝްވަތުގެ މައްސަލަ އަކާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދު ހުސެއިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ފުލުހުން ހޯދަމުންދާ ކަމަށެވެ.

ހަސަން ސައީދު ހައްޔަރު ކުރުމަށް އޭނާ ދިރިއުޅުއްވާ ހ. ނިޝާން ޕްލާޒާ އަށް އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުން ވަން ނަމަވެސް، އޭނާ ހައްޔަރު ކުރެވިފައެއް ނުވެއެވެ.

އަދި ފުލުހުން ބެލި ބެލުމުން މާލޭގައި އިމާރާތް ކޮށްފައިވާ ކޮމަރޝަލް ހައުސިންގ އެޕާޓްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދިފަހުން ކޮށްފައިވާ މުޢާމަލާތެއްގެ ކިބާތީ ހެކި ހިމެނޭ ގޮތުން ރިޝްވަތުގެ މުއާމަލާތްތަކެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

އަދި މިމައްސަލަ އާއި ގުޅިގެން ހޯދުނު ހޯދުންތަކުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދުގެ ޢާއިލާގެ 2 ބޭފުޅަކު ވެސް ހަމަ އެ ހައުސިންގ ޕްރޮޖެކްޓުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓު ބައްލަވައިގަތުމަށްޓަކައި މުއާމަލާތް ކުރެއްވިކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން ރިޝްވަތުގެ މުޢާމަލާތް ހިންގެވުމުގައި ބައިވެރިވެފައިވާކަން ނުވަތަ ނޫންކަން އެބަޔާނުގައި ސާފުކޮށް ބަޔާންކޮށްފައެއްނުވެއެވެ. އަދި އެކަމުގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ފުލުހުންގެ މުއައްސަސާ އިން ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލީސް ސަރވިސް އިން ބުނެއެވެ.

އިތުރު ތަފްސީލް އަންނަނީ...

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް