ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 19:49
ރައީސް ޔާމީން އާއި އަޙުމަދު އަދީބު
ރައީސް ޔާމީން އާއި އަޙުމަދު އަދީބު
ރައީސް އޮފީސް
އަދީބުގެ ބޭސްފަރުވާ
ޒާތީވެވަޑައިގެން، އަދީބަށް އެއްވެސް ޙައްޤެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
އަދީބަކީ އިންސާނިއްޔަތުކަމެއް ނެތް ބޭފުޅެއް: ރައީސް ޔާމީން
ދިވެހި ބިމުގައި އަދީބަށް އެއްވެސް ހައްޤެއް އޮތްތޯ ސުވާލުކުރެއްވި
އަދީބުގެ ފަރުވާއަށް ހުރަސްއަޅަމުންދަނީ ރައީސްގެ ޒާތީ ހަސަދައެއްގައި ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވި

ކުރީގެ ނާއިބުރައީސް އަޙުމަދު އަދީބް ޢަބްދުލްޣަފޫރަކީ އިންސާނިއްޔަތުކަމެއް ނެތް ބޭފުޅެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އެއްވެސް ޙައްޤެއް ލިބިދޭން ނުޖުހޭ ކަމަށް ދޭހަވާ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވައިފިއެވެ.

ޔުނީފޯމުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާ އެކު ވެސްޓް ޕާކް ސަރަޙައްދަށް ވަޑައިގެން، އެސަރަޙައްދުގައި މަގުމަތީގައި ބޭއްވި އެއްވުމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އަދީބު ކުރެއްވި ކަމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ގެއްލޭ ވަރު ކަމެއް ކަމަށެވެ.

ރައީސް ޔާމީން ވަނީ މި ރާއްޖޭގައި އޮތީ އަދީބުގެ ކޮން ޙައްޤެއްތޯ ސުވާލުކުރައްވައި، ސަރުކާރުން އަދީބަށް އެއްވެސް ޙައްޤެއް ނުދެއްވާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

"އަޙުމަދު އަދީބުގެ އޮތީ ކޮން ޙައްޤެއްތޯ. އަޙުމަދު އަދީބުގެ ދިވެހި ރާއްޖޭގަ، ދިވެހި ބިންގަނޑުގަ އެއްވެސް ޙައްޤެއް އެބޮތްތޯ" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދީބަކީ އިންސާނިއްޔަތު ކަމެއް ނެތް ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ، 2015 ވަނަ އަހަރު ރިޔާސީ ލޯންޗްގައި ހިނގި ހާދިސާ އެމަނިކުފާނުގެ މުޅި އާއިލާއަށް އަމާޒުވީސް ކަމަށާއި، އެކަން އެގޮތަށް ނުވީ ކަންތައްތައް ދިމާވި ގޮތުން އެމަނިކުފާނުގެ އެންމެ ހަގު ދަރިކަލުންނާއި، އަންހެން ދަރިކަނބަލުންނަށް އެދުވަހު ވަޑައިނުގެންނެވުނީ ކަމަށެވެ.

ރައީސް ޔާމީން ވަނީ، އަދީބާ ގުޅޭ ކަންކަމުގައި އެކި ފަރާތްތަކުން ގޮވާލާ ކަންކަމާ މެދު ވިސްނަނީ ކީއްކުރަންތޯ ސުވާލުކުރައްވާފައެވެ.

"އަޙުމަދު އަދީބް (ސާފެއްނުވޭ) އެކި ޓްވީޓްތަކުގަ، އެކި ކަންތައްތަކުގަ، އިދިކޮޅު މީހުން ގޮވާލާ ގޮވާލުމަށް ކީއްކުރަންތޯ، ކީއްކުރަންތޯ އެކަމާ ދޭތެރޭ އެހާބޮޑަށް ވިސްނަންވީ"، ރައީސް ޔާމީން ވިދާޅުވިއެވެ.

އަދީބަށް ބޭސްފަރުވާގެ ޙައްޤު ދިނުމަށް ސަރުކާރުން ދެކޮޅުހަދަމުން ދަނީ ރައީސް ޔާމީންގެ ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ރައީސް ޔާމީން ވާހަކަ ދެއްކެވިއިރު، ސަރުކާރުން މިހާތަނަށް ބުނަމުންދިޔައީ އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުންދަނީ ދައުލަތަށް އަދީބު ދޭންޖެހޭ ފައިސާތަކެއް ހުރުމުން ކަމަށެވެ.

ދިވެހި ރައްޔިތަކަށް ދިވެހި ބިމުގައި ދޭންޖެހޭ ޙައްޤެއް ނެތް ކަމަށް ދޭހަވާ ގޮތަށް ދިވެހިންގެ ވަލިއްޔުލްއަމްރު ވާހަކަ ދައްކަވާފައިވާއިރު، މިއީ މި ސަރުކާރުން އިންސާނީ ކަރާމާތަށް ޤަދަރު ނުކުރާ މިންވަރު ދައްކައިދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މީހުން މެރުމާއި، އެފަދަ ބޮޑެތި އެހެން ކުށްތަކުގައި ކުށް ސާބިތުވެ ޖަލަށް ލާފައިވާ ބޮޑެތި ކުށްވެރިންނަށް ވެސް ލިބޭ އަސާސީ ޙައްޤުތައް އަދީބަށް ނުލިބުމަކީ ސަރުކާރުން އަދީބާ މެދު ގެންގުޅޭ ތަފާތުކުރުން ހާމަވަ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ރައީސް މި ގޮތަށް ވަހަކަފުޅު ދެއްކެވި އިރު ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މިނިވަންކުރަން ބުނެފައިބވާ ނުވަ ބޭފުޅުންގެ ތެރޭގައި އަދީބު ވެސް ހިމެނެއެވެ. ރައީސް އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތުގައި އަދީބު ހައްޔަރުކުރި ނަމަވެސް މިހާތަނަށް ހުކުމްކޮށްފައި ވަނީ ތަފާތު އެކި ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައެވެ. އަދީބުގެ މައްޗަށް ތަފާތު އެކި ތުހުމަތުތަކުގައި 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމްތައް އިއްވާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް