ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 12:44
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
ޔޫއެން ފޮޓޯ
ސުޕްރީމް ކޯޓްގެ އަމުރު
ސުޕްރީމް ކޯޓުގެ ހުކުމަށް އިހްތިރާމް ކުރެއްވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް ގޮވާލައިފި
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގެ މުހިންމުކަން ފާހަގަ ކުރައްވާފަ
ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހުރި މައްސަލަތަކަށް ޙައްލު ހޯދޭނީ ހުރިހާ ޕާޓީތައް ބައިވެރިވާ މަޝްވަރާގެ ތެރެއިން: އދ.ގެ ސެކްރެޓަރީ ޖެނެރަލް
ހުރިހާ ޕާޓީތައް ބައިވެރިވާ މަޝްވަރާތައް ފެސިލިޓޭޓް ކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތް ކަމަށް އެބަޔާނުގައިވޭ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނެރެފައިވާ އަމުރަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައިފި އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންތައްތަކާއި ގުޅޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނު އާއްމު ކުރެއްވި ބަޔާނުގައި ވަނީ، ބަންދުގައި ތިއްބެވި އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ މުހިންމުކަން ފާހަގަ ކުރާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ އަމުރަށް ދިވެހި ސަރުކާރުން ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ގޮވާލައި، މިހާލަތުގައި ކެތްތެރިކަން އިސް ކުރުމަށް ހުރިހާ ފަރާތްތަކަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދޭނީ ހުރިހާ ޕާޓީތައް ބައިވެރިވާ މަޝްވަރާގެ ތެރެއިން ކަމަށް ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ގަބޫލުކުރައްވާ ކަމަށާއި، އެފަދަ މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތް ކަމަށް އެބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރު ތަންފީޒް ކުރުން ސަރުކާރުން ފަސް ކުރަމުންދާއިރު، އެ އަމުރަށް އިހްތިރާމް ކުރުމަށް އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޝަނަރުގެ އޮފީހުންވެސް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.

އދ. ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްގެ ތަރުޖަމާނު ހުކުރު ދުވަހުގެރޭ ނެރެފައިވާ ބަޔާނުގައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ސިޔާސީ ކުށްވެރިންގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައު އިން ގަބޫލް ކުރާ އިތުރު 8 ބޭފުޅަކު މިނިވަންކޮށް އެމީހުންގެ ޝަރީއަތް އަލުން ހިންގުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމެވުމާއި، ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަމަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް ގޮވާލާ ކަމަށެވެ.

އަދި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދިޔަކަން ފާހަގަ ކުރަމުން އެބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން ހާއްސަކޮށް ދިވެހި ސަރުކާރާއި، ފުލުހުންނާއި ސިފައިން މިއަމުރާ ގުޅޭ ގޮތުން އަމަލުކުރާ ގޮތަށް ފާރަވެރިވަމުންދާ ކަމަށް އެބަޔާނުގައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އެމެރިކާ، އިނގިރޭސިވިލާތް، ކެނަޑާ، އޮސްޓްރޭލިއާ އަދި އިންޑިއާ އާއި ސްރީ ލަންކާ އިން ވަނީ ގޮވާލާފައެވެ. އެ އަމުރަށް ތަބާވުމަށް ބައިނަލްއަޤްވާމީ މުޖުތަމައު އިން ދިވެހި ސަރުކާރަށް ގޮވާލަމުންދާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުންވެސް ދަނީ ސުޕްރީމް ކޯޓުގެ އަމުރަށް އިހްތިރާމްކޮށް އެ އަމުރު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް