ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ފުލުހުންނަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ހަ މަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން މިނިވަންކުރި، ފާރިސް ހައްޔަރުކުރަން ރައީސް އެންގެވީ އޭނާ ހައްޔަރުކުރުމަށް އެންގެވީ ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން ކަމަށެވެ.
ފާރިސް ހައްޔަރުކުރުމަށް ކޯޓް އަމުރެއް ހޯދާފައިވާ ކަމަށާއި އޭނާ ހައްޔަރުކުރަން ރައީސް ޔާމީން އެނގެވި ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާ ހަވާލާ ދެއްވައި ފާރިސް ވިދާޅުވެފައި ވަނިކޮށް، މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނު ތަންފީޒުކުރުމުގެ އެންމެ މަތީ ފަރާތްކަމުގައި ވީހިނދު، ފާރިސް މައުމޫން ހައްޔަރުކުރުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމަށް ފުލުހުންނަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.
Raeesuljumhooriyyaa aky qaanoon thanfeezu kurumuge emme mathy faraaiy kamuga veehindhu, @afarismaumoon hayyaru kurumah sharuee court akun nereifavaa amureh thanfeezu kurumah @PoliceMv ah Raeesuljumhooriyyaa vany angavaafa.
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) January 27, 2018
މ. ސްނޯ ރޯޒްގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ފުލުހުން ދަނީ ބަލައި ފާސްކުރަމުންނެވެ. އެ އެޕާޓްމެންޓް ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހްމަތު ކުރެވޭތީ ކަމަށެވެ. ފާރިސްގެ ބަލައި ފާސްކުރުމުގެ އިތުރުން ފާރިސްގެ މޯބަލައި ފޯނާއި ސިމްކާޑާއި މެމޮރީ ކާޑާއި އެތަކެތީގައިވާ ހުރިހާ މައުލޫމާތާއި ފޯނުން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލާއި ފޯން ކޯލްތަކާއި މެސެޖްތައް ހޯދުމަށް ވެސް ކޯޓް އަމުރެއް ފުލުހުން ވަނީ ހޯދައިފަ އެވެ.
ފާރިސްގެ މައްޗަށް ކޮށްފައިވާ ތުހްމަތުތަކުގެ ތެރެއިން ވެރިކަން ވައްޓައިލުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތަކީ މީގެ ކުރިން ފާރިސް ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއް ނޫނެވެ.
މިފަހަރު އެ ގެ ބަލައި ފާސްކުރުމަށް ކޯޓުން ދީފައިވަނީ 12 ގަޑިއިރުގެ މުއްދަތެކެވެ. އަދި އަމުރުގެ ބާރު ދެމިއޮންނާނީ އަމުރު ނެރޭ ވަގުތުން ފެށިގެން 72 ގަޑިއިރުގެ މުއްދަތަށް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
ފާރިސްގެ މައްޗަށް ކުރިން ހިންގި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ފާރިސް ދޫކޮށްލަން ގާޒީ އަލީ އާދަމް އަމުރުކުރެއްވީ ޝަރުތުތަކަކާއި އެކުގައެވެ. ފާރިސްއަށް ޝަރުތުކޮށްފައިވަނީ، ހެއްކަށް ނުފޫޒު ނުފޯރުވުމަށާއި، ކޯޓުގެ ހުއްދައަކާއި ނުލައި މާލެއިން ބޭރަށް ނުދިއުމަށާއި، ކޯޓަށް ހާޒިރުވަން އަންގައިފިނަމަ، ކޯޓަށް ހާޒިރުވުމަށެވެ.
ފާރިސް މިނިވަން ކުރުމަށް އަމުރުކުރައްވަމުން ގާޒީ އަލީ އާދަމް ރިއާޔަތްކުރެއްވީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ މިނިވަން ފޮރެންސިކް އެނަލަސިސްއެއް ހެދުމަށް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށެވެ. ގާޒީ އަލީ އާދަމް ވިދާޅުވީ ތިން ވަނަ ފަރާތެއް ލައްވާ މިނިވަން ފޮރެންސިކް އެނަލަސިސްއެއް ހެދުމަށް ދައުލަތުން ވެސް އިއުތިރާޒު ކޮށްފައިނުވާ ކަމަށާއި އެފަދަ އެނަލަސިސްއެއް ހެދުމަށް ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށެވެ.
މީގެ އިތުރުން، ގާޒީ ވިދާޅުވީ ދައުވާ ލިބޭ ފަރާތަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގަކީ ދައުވާއިން ދިފާއުވުމަށް އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބުން ކަމަށްވާއިރު، ފާރިސްއަށް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފޯރުކޮށްނުދޭ ކަމަށް ބުނެ އެތައް ފަހަރެއްގެ މަތިން ޝަކުވާ ކޮށްފައިވާ ކަމަށެވެ.
ނިމިގެންދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށް، ޖުލައި 19 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިކަން ފާހަގަކުރައްވައި، ގާޒީ ވަނީ، ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުޙުމަތު ކޮށްފައިވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް ކަމާއި، އެ އަސާސީ އަދަބާއި އަޅާ ބަލާއިރު މިހާރުވެސް ގިނަ ދުވަސްތަކެއް ވަންދެން ފާރިސް ޖަލުގައި ހުންނަވާފައިވާކަން ފާހަގަކުރައްވާފައެވެ.
ގާޒީ އަލީ އާދަމް ވިދާޅުވީ، މި ހުރިހާ ކަމަކާއި ގުޅިގެން ޤާނޫނު އަސާސީގައި ކަށަވަރުކޮށްދޭން ލާޒިމްކުރާ އެތައް ޙައްޤެއް ފާރިސްގެ ކިބައިން ނިގުޅައިގަނެވިގެން ހިނގައިދާނެ ކަމަށް ބަލައި ވަގުތުން މިނިވަން ކުރުމަށް އަމުރުކުރައްވާ ކަމަށެވެ.
ސަތޭކަ ނުވަ ދިހަ އެއް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓުން އޭނާ ދޫކޮށްލިތާ ދެ ދުވަސް ފަހުން އަލުން ހައްޔަރުކުރަން އުޅޭއިރު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަސްތެރޭގައި ވެސް އުޖާލާކަންތައްތަކެއް ފެނިގެން ހިނގެއްޖެ ކަމަށެވެ.