ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 18:42
ކަސްޓަމްސް އާއި ފުލުހުންގެ އޮފިސަރުންތަކެއް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި
ކަސްޓަމްސް އާއި ފުލުހުންގެ އޮފިސަރުންތަކެއް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި
މުހައްމަދު ޝަރުހާން
ވިލާގެ ރިސޯޓްތަކަށް އެރުން
ކަސްޓަމްސް އޮފިސަރުންގެ މައުލޫމާތު އާންމުކުރި މައްސަލައާ ގުޅިގެން ވިލާގެ ވަކީލު ފުލުހަށް ހާޒިރުކުރަނީ
އާދީއްތަ ދުވަހު ވިލާ ކުންފުނީގެ އިސްވަކީލު އަހުމަދު ޝަފީގް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފަ
އޮފިސަރުންގެ މައުލޫމާތު މީޑިއާގައި އާންމުކުރުމުން ކަސްޓަމްސް އިން ވަނީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދިފައި
ފުލުހުން ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްގީގް ކުރަމުންދާ ކަމަށް

ވިލާ ގްރޫޕުގެ ރިސޯޓުތަކަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޓީމެއް އެރި މައްސަލައިގައި، ކަސްޓަމްސް އޮފިސަރުންގެ މައުލޫމާތު އާންމުކުރި މައްސަލައާ ގުޅިގެން ވިލާ ކުންފުނީގެ ވަކީލު ފުލުހަށް ހާޒިރުވާން އަންގާފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލާ ކުންފުނީގެ އިސްވަކީލު އަހުމަދު ޝަފީގަށް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ. ޝަފީޤް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަފީގް ފުލުހަށް ހާޒިރުކުރަނީ ވިލާ ކުންފުނީގެ ފަރާތުން ކަސްޓްމްސް ސާވީސްގެ ޓީމެއް ވިލާގެ ރިސޯޓުތަކަށް އެރި މައްސަލައިގައި ނެރުނު ބަޔާންނާ ގުޅިގެންނެވެ.

އަންގާރަ ދުވަހު ނެރުނު އެ ބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓުތަކަށް އަރައި މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކުރުވައި، ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއް ކަމަށެވެ. އެހެންވެ އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވިލާގެ ބަޔާނުގައިވެއެވެ. ވިލާއިން ވަނީ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އާއްމުކޮށްފައެވެ.

މިކަމާ ގުޅިގެން ކަސްޓަމްސް ބުނީ ކަސްޓަމްސްގެ އޮފިސަރުންގެ ފަރުދީ މައުލުމާތު އާންމު ކުރުމަކީ އޮފިސަރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމުގެ ގޮތުން ކުރި އަމަލެއް ކަމަށެވެ. އެހެންކަމުން ކަސްޓަމްގެ ފަރާތުން މި މައްސަލަ ބަލައިދިނުމަށް ފުލުހަށް ވަނީ ހުށައަޅާފައެވެ. ފުލުހުން ވަނީ ކަސްޓަމުން ހުށައެޅި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް