ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުކުމެއް ނެތި 191 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ބުރާސްފަތި ދުވަހު އެމަނިކުފާނު ކުއްލި ގޮތަކަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމުން ގިނަ ބަޔަކު ދިޔައީ އެކަމާ އުފާކުރަމުންނެވެ. އަދި މިއީ ސަރުކާރު ލިބުނު ގެއްލުމެއް ކަމަށާއި، އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ފާރިސްގެ މިނިވަންކުރުމަށް ހުއްޓުމެއް ނެތި ގޮވާލައްވަމުން ގެންދެވި ދައްތާފުޅު ޔުމްނާ މައުމޫނާއި، ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިތުރުން އިދިކޮޅު ލީޑަރުން ގެންދެވީ އެކަމާ އުފާ ފާޅުކުރައްވަމުންނެވެ. ފާރިސްއަށް މަރުހަބާ ދަންނަވަމުންނެވެ.
ފާރިސް ބަންދުގައި ހުންނަވަނިކޮށް އެމަނިކުފާ ދޫކޮށްލަން ޖެހުނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ސަރުކާރަށް ފިއްތުންތަކެއް ކުރިމަތިވީތޯ، ނުވަތަ އިތުރު ގޮތެއް ނެތިގެން ދޫކޮށްލީތޯ، ނުވަތަ ޝަރުޢީ ނިޒާމު އިސްލާހުވީތޯ ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އެހެން ނަމަވެސް، އަޅުގަނޑަށް ޔަޤީންވާ އެއް ކަމެއް އެބަ އޮތެވެ. އެއީ، ފާރިސް ހުންނެވީ ޖަލުގައި ބަންދުގައިކަން އެނގިވަޑައިގެން ހުންނަވައި، ހުކުރު ދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލްގައި ބާއްވާ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ފާރިސްއަށް ދައުވަތު ދެއްވަން އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ނިންމެވި ނިންމެވުމަކީ ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް ކަމެވެ. ކުއްލި ގޮތަކަށް ފާރިސް ދޫކޮށްލާފައި ވަނީ މި ޖަލްސާއަށް ދާން ބަންދުގައި ހުންނެވިއިރު ހުއްދައެއް ދެއްވުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ހުށަހަޅުއްވާފައި ވަނިކޮށެވެ.

އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާލޭގައި އިންޑިއާ އެމްބަސީ އިން ބާއްވާ ޖަލްސާއަށް ބަންދުގައި ހުންނެވި ބޭފުޅަކަށް އިންޑިއާ ސަފީރު ދައުވަތު އަރުވާނީކީ ހަމަ ހުންނަވާފައެއް ނޫނެވެ. އަދި އިންޑިއާ އެމްބަސީއަށް އޮޅިގެންނެއްވެސް ނޫނެވެ. އިންޑިއާ އިން ދިޔައީ އަބަދުވެސް ފާރިސް މައުމޫނާއި އެހެނިހެން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލަމުންނެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ.
ދިވެހި ސަރުކާރުން ޖަހާހާ ބެރަކަށް ބައިނަލްއަޤްވާމީ މުޖްތަމައިން ނުނަށާނެކަން އެދަނީ ދައްކަމުންނެވެ. ބޮޑު ޓެރަރިސްޓެއް ކަމަށް ބުނި ކުރީގެ ރައީސް ނަޝީދަށް ޙިމާޔަތް ދިނީ ޓެރަރިޒަމާ ދެކޮޅަށް އެންމެ ވަރުގަދަޔަށް މަސައްކަތްކުރާ އެއް ޤައުމު ކަމަށްވާ އިނގިރޭސިވިލާތުންނެވެ. ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ޖަލަށްލީ ޤާސިމް އިބްރާހިމް އެހުންނެވީ ކޮރަޕްޝަން އެންމެ ކުޑަ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޖަރުމަންވިލާތުގައެވެ. ރިޝްވަތުގެ ތުހުމަތުގައި ބަންދުކޮށްފައި ހުއްޓާ ވެސް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތަށް ފާރިސްއަށް ދައުވަތު އެރުވުމުން، އިންޑިއާ އިން ވެސް ދިވެހި ސަރުކާރުން ދައްކާހާ ވާހަކައެއް ޤަބޫލުނުކުރާކަން ހާމަވެއެވެ.
ޗައިނާއާ އެކު ރާއްޖެ އިން ގުޅުން ބަދަހިކުރުމުގެ ތެރޭގައި އިންޑިއާ މާބޮޑަށް ފެޔަށް ޖައްސާލެވުމުގެ ހިތި ނަތީޖާ ދިވެހިންނަށް ދަނީ ފެންނަމުންނެވެ. އިންޑިއާ "ފަސްޓް" އޭ ބުނެ، އަމަލުން އެކަން ނުދައްކާ ޤައުމުތަކަށް، އިންޑިއާ އިން ނަމުން "ނެއިބަރހުޑް ފަސްޓް" އޭ ބުންޏަސް ކަމުން އެކަން ދައްކާނެތޯ ސުވާލުކުރަން ނުޖެހޭތޯއެވެ؟ އިންޑިއާގެ ބޮޑުވަޒީރު ވަޑައިނުގަންނަވާ މިސަރަހައްދުގެ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެއެވެ. އެމަނިކުފާނު ވަޑައިގަންނަވަން ރައީސް ޔާމީންގެ ދައުވަތެއް އެރުވުމުން ވެސް ވިދާޅުވީ 'ރަނގަޅު ވަގުތަކު ވަޑައިގަންނަވާނެ' ކަމަށެވެ. އެރަނގަޅު ވަގުތު އަންނާނީ ކޮން އިރަކުން ކަމެއް ނޭނގެއެވެ. އެކަމަކު އެވަގުތު އަންނަން ކައިރިވެއްޖެކަން އިންޑިއާގެ އަމަލުތަކުން ހާމަވެއެވެ. މިސަރަހައްދުގެ ޤައުމުތަކުން އިންޑިއާގެ ޤައުމީ ސަލާމަތަށް ނުވަތަ ނޭޝަނަލް އިންޓަރެސްޓަށް ގެއްލުމެއް ވެދާނެ ކަމެއް ކުރާތަން ބަލާކަށް އިންޑިއާ އިން މާގިނަ ދުވަހަކު ނޯންނާނެކަން އެދަނީ ދައްކަމުންނެވެ.
ދެން އޮތް ސުވާލަކީ އެމްބަސީ އިން ދައުވަތު ފޮނުވި ޖަލްސާއަކަށް ދާން އެއް ދުވަހަށް ވުމުން ކޯޓު މެދުވެރިކޮށް ނަމަވެސް ފާރިސް މިނިވަންވުމުން، އެކަމުގައި އިތުރު ކަންތައްތަކެއް ވާކަން ނުވަތަ ސަރުކާރަށް ޕްރެޝަރތަކެއް ހުރި ކަމަށް ރައްޔިތުން ޤަބޫލުކުރަންވީތޯއެވެ. މިކަން ސާފުވާނީ ކުރިއަށް އޮތް ދުވަސްތަކުގައެވެ. ގައިމު ވެސް މީގެ ކުރިން ވެސް ދޫކޮށްލެވެން އޮއްވައި ހަމަ ކުއްލިއަކަށް ފާރިސް މިނިވަންކުރާނީ ސަބަބުތަކެއް އޮވެގެންނެވެ.