ކ. މާލެ
|
26 ޖެނުއަރީ 2018 | ހުކުރު 09:06
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މުހައްމަދު ޝަރުހާން
ފަނޑިޔާރުން އައްޔަންކުރުން
ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާ ކުރައްވައިފި
ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީ މުޙައްމަދު ނިޔާޒް
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވީ ހުސެއިން ޝަހީދާއި އަހުމަދު ހައިލަމް
ހުވާ ކުރެއްވި ފަނޑިޔާރުންނަށް ފަތްކޮޅު އެރުވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް

ދިވެހިރާއްޖޭގެ ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ތިން ފަނޑިޔާރަކު، ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި މުޙައްމަދު ނިޔާޒާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވި ހުސެއިން ޝަހީދާއި އަހުމަދު ހައިލަމް، ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި މުޙައްމަދު ނިޔާޒް ކުރިން ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ނިޔާޒް އައްޔަން ކުރެއްވީ އެކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ ހަތަރު މަގާމުގެ ތެރެއިން މަގާމަކަށެވެ. ނިޔާޒް އައްޔަން ކުރެއްވި ނަމަވެސް، އަދިވެސް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ބާކީ އޮތް ތިން މަގާމަށް ފަނޑިޔާރުން އައްޔަން ކުރައްވާފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ހުސެއިން ޝަހީދު ހުންނެވީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމުގައެވެ. ޝަހީދުގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ދެން އައްޔަން ކުރެއްވީ ސ. ހިތަދޫ އޯޝަން ލީޑު، އަހުމަދު ހައިލަމްއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް މި ދެ ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ، އެކޯޓަށް ހަތަރު ފަނޑިޔާރަކު ހޯދުމަށް އިއުލާން ކުރެއްވުމަށް ފަހު، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިންނެވެ.

މި ތިން ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ސިވިލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ އަލީއެވެ.

އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާ ކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ އަބްދުﷲ އަރީފާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ ރައީސް އާދަމް މުޙައްމަދުގެ ހާޒިރުގައެވެ.

ޖޭއެސްސީގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި މިހަފްލާގައި މަގާމުގެ ހުވާ ކުރެއްވި ފަނޑިޔާރުންނަށް ފަތްކޮޅު އެރުވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް