ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 19:00
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޤާނޫނީ ވަކީލުންނާ އެކު
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޤާނޫނީ ވަކީލުންނާ އެކު
މުހައްމަދު ޝަރުހާން
ޤާސިމް އިބްރާހީމް
އެއީ ވިލާ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ނޫން، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރާނަން: ވިލާ
ވިލާގެ މައްސަލަތަކުގައި އިންސާފުވެރި ނިންމުމެއް ލިބޭނެ ކަމަށް އުއްމީދުކުރަން
ބަދަލުގެ ގޮތުގައި މަދުވެގެން 150 މިލިޔަން ޑޮލަރު ކުންފުންޏަށް ލިބެންޖެހޭނެ
ދައުލަތަށް ފައިސާ ނެގުމަށް ފަހު ރިސޯޓު ތަރައްޤީކުރުމަށް ރަށްތައް ވެސް ދީފައެއް ނުވޭ

ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮމްޕެނީ އިން ދައްކަންޖެހޭ ކަމަށް ސަރުކަރުން ބުނާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި، ޤާނޫނުތަކާ ހިލާފަށް އެއްބަސްވުންތައް ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރައްވާނެ ކަމަށް ކުންފުނިން ބުނެފިއެވެ.

މައްސަލައިގެ ހަޤީޤަތް ހާމަކޮށް، ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮމްޕެނީ އިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ޗެއަރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ދައުލަތަށް ދައްކަންޖެހޭ ކަމަށް ސަރުކާރުން ބުނާ ފައިސާއަކީ ސަރުކާރުން އަމިއްލައަށް ކަނޑައަޅައިގެން، މީރާ މެދުވެރިކޮށް ހޯދުމަށް މަސައްކަތްކުރާ ފައިސާއެއް ކަމަށެވެ. އެގޮތުން ގުޑްވިލް ނެތިގެން ކަމަށް ބުނެ ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދީފައިވާ ތ. އެލާގެ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައިވާ ކަމަށާއި، ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަމަށް ސަރުކާރުން ބުނާ ފައިސާއަކީ އެއްބަސްވުން ބާތިލްކުރުމަށް ފަހު ކުލީގެ ގޮތުގައި 3.7 މިލިއަން ޑޮލަރާއި އަދި ކުލި ދައްކާފައި ނުވާތީ ޖޫރިމަނާ އާއި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 14.9 މިލިއަން ޑޮލަރު ކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް އެ ފައިސާއަކީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކަނޑައަޅާފައިވާ އަދަދުތަކެއް ކަމަށާއި، އެ މައްސަލަ މިހާރު ވެސް އޮތީ ޝަރީއަތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

ބަޔާނުގައި ވަނީ އެ ފައިސާއަކީ އެ ކުންފުނިން އެއްވެސް ގޮތަކަށް ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. އަދި އެއީ ޤާނޫނާ ހިލާފަށް ބާތިލްކުރި އެއްބަސްވުމަކާ ހަވާލާދީ ސަރުކާރުން ނަގަން މަސައްކަތްކުރާ ފައިސާތަކެއް ކަމަށާއި ސަރީއަތް ނުނިމެނީސް އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ބުނެ ކުންފުނީގެ ނަމަށް ހުތުރުވާ ގޮތަށް ސަރުކާރުން މައުލޫމާތު ހާމަކުރާތީ ހިތާމަކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުހަނު ބޮޑު ގެއްލުމާއި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން އެކުންފުނިން ހިންގާ ރިޒޯޓުތަކަށް ދެމުން ގެންދިޔަ ޚިދުމަތްތައް މެދުކަނޑާލުމުގެ ސަބަބުން، ކުންފުނީގެ ވިޔަފާރި އިންތިހާއަށް ހީނަރުވެ، އޭގެ ސަބަބުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރިޒޯޓުތަކުން ދައްކަންޖެހޭ ޓެކްސްގެ ފައިސާ ދެއްކުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ވިލާއަށް ނިސްބަތްވާ ކުންފުނިތަކުން ދައުލަތަށް 188 މިލިޔަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ދައުލަތުގެ އިދާރާތަކުން ބަޔާންތައް ލިޔެ އާއްމު ކުރާއިރު، މިއީ ބާތިލް ކުރެވިފައިވާ އެއްބަސްވުންތަކަކާ ހަވާލާދީ، ސަރުކާރުން އަމިއްލަޔަށް އުފަންކުރުވައިގެން އުޅޭ ޚިޔާލީ އަދަދުތަކެއް ކަމަށް ވެސް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ސަރުކާރުން އިސްވެ ތިބެ، ރާވައިގެން ވިލާގެ ކުންފުނިތަކަށް ގެއްލުން ދިނުމުގެ ގޮތުން ހިންގާފައިވާ ބައެއް ކަންކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެއްބަސްވުންތަކާ ހިލާފަށް އެއްބަސްވުންތައް ބާތިލްކުރުމުން ވިލާ ކުންފުންޏަށް ލިބިފައިވާ ގެއްލުން ފާގަކޮށް ޤާސިމް އިބްރާހިމްގެ ބަޔާނުގައި ބުނެފައި ވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން ރިޒޯޓް ހަދަން ދޫކުރަން އެއްބަސްވި ތިން ރަށެއްގެ އެޑްވާންސް ކުލީގެ ގޮތުގައި އެކުންފުނި ހިއްސާވާ ކުންފުންޏަކުން 16.9 މިލިޔަން އެމެރިކާ ޑޮލަރު ދެއްކުމުން، އެފައިސާ ނަގައި ބޭނުން ކުރުމަށް ފަހު، އެއްބަސްވެފައިވާ ގޮތަށް އެތިން ރަށުން ކުރެ އެންމެ ރަށެއް ވެސް ނުދީ، ސަރުކާރުން ވަނީ އެތިން ރަށާ ގުޅިގެން ކުރެވުނު ލީސް އެގްރީމަންޓް ވެސް ބާތިލް ކޮށްފައި ކަމަށެވެ. ޝަރީއަތުގައި މި މައްސަލަ ހިގަމުން ދަނިކޮށް އޭގެ ބައެއް ރަށްރަށް އެހެން ފަރާތްތަކަށް ވިއްކާލި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. ރަށްތައް ހަވާލު ނުކުރުމުން ޝަރީއަތަށް ހުށައެޅި މައްސަލާގައި ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ އަހަރެއްހާ ދުވަސް ކުރިން ހުކުމް ކޮށްފައިވާކަން ވެސް ފާހަގަކޮށްފައި ވެއެވެ. އެހެން ނަމަވެސް ހުކުމުގައި ބަޔާންކޮއްފައިވާ ފައިސާ މިއަދާ ހަމަޔަށް ވެސް ސަރުކާރުން ދީފައިނުވާ ކަމަށާއި އަދި އެ 16.9 މިލިޔަން ޑޮލަރު ސަރުކާރަށް ނެގުމަށް ފަހު އެއްބަސްވުމާ އެއްގޮތަށް، އެތިން ރަށް ވެސް ނުދީ، އެތިން ރަށް ސަރުކާރަށް ނެގުމުގެ ސަބަބުން، ކުންފުންޏަށް ޙައްޤުވާ ފައިނޭންޝަލް ޗާރޖާއި އެ ރަށްތައް ރިޒޯޓަށް ތަރައްގީކޮށް ހިންގުމުން ލިބޭނެ ފައިދާ ވެސް ނުލިބި ގޮސްފައިވާތީ، އެއްބަސްވުމުގައިވާ މުއްދަތު ކަމަށްވާ، 25 އަހަރު އެރަށްތައް ހަދާ ހިންގައިފި ނަމަ ލިބޭނެ ފައިދާއަށް ބެލުމުން ސަރުކާރުން މިކަމުގެ ބަދަލުގެ ގޮތުގައި މަދުވެގެން 150 މިލިޔަން ޑޮލަރު ކުންފުންޏަށް ލިބެންޖެހޭނެ ކަމަށް ޤާނޫނީ ބޭފުޅުން ދެކިވަޑައިގަންނަވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ގާސިމްގެ ބަޔާނުގައިވާ ގޮތުގައި އެއީ، ދުނިޔޭގެ އެކި ގައުމުތަކާއި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމްގެ ތެރެއިން ނިމިގެންގޮސްފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު ކަން ކުރަމުން އައިސްފައިވާ ގޮތެވެ.

ކާއްޑެއްދޫ އެއާޕޯޓް ހިންގުމަށް ވިލާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ޤާނޫނާ ހިލާފަށް ބާތިލްކޮށްފައިވާކަން ފާހަގަކޮށް ބަޔާނުގައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތަށް، އެއަރޕޯރޓް އިތުރަށް ތަރައްގީކޮށް ހިންގަމުން ދަނިކޮށް، އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތާ ޚިލާފަށް، އެއްބަސްވުން ބާތިލްކޮށް، 6 މާރޗް 2017 ގައި ގަދަކަމުން އެއަރޕޯރޓަށް އަރައި އެއަރޕޯރޓް އަތުލާފައިވާ ކަމަށެވެ. އަދި އެއާރޕޯޓް ތަރައްޤީކޮށް ހިންގުމާ ޚަރަދު ދެކޮޅު ޖެއްސުމަށްޓަކައި ރިޒޯޓެއް ހެދުމަށް ސަރުކާރުން އެއްބަސްވެ ސޮއިކުރެވުނު އެގްރިމަންޓްގައި ރިޒޯޓު ހެދުމަށް ދޭން ނިންމި ރަށް ވެސް ނުދޭ ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ. އެތައް ފަހަރެއްގެ މަތިން އެރަށް ހަވާލުކޮށްދިނުން އެދި ދެންނެވުމުން ވެސް އެކަން އަދި މިއަދާ ހަމަޔަށް ވެސް ކޮށްދީފައި ނުވާ ކަމަށާއި، މި މައްސަލާގައި ވިލާ އެއަރ އިން ކުރި ދައުވާ ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާގައި އަންނަނީ ހިގަމުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

 

"ގދ. ކާޑެއްދޫ އެއަރޕޯރޓާ ގުޅިގެން ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް 6 ނޮވެމްބަރ 2013 ގައި 50 އަހަރުގެ މުއްދަތަށް އެގްރީމަންޓް ކުރެވުނު ބ. މެންދޫ އަކީ "ހިމާޔަތް" ކުރެވިފައިވާ ރަށެއް ކަމަށް ބުނެ އެއްބަސްވުމާއި އެއްގޮތަށް މިއަދާ ހަމަޔަށް ވެސް ރަށް ހަވާލު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާރު މައުލޫމާތު ލިބޭ ގޮތުން މިރަށް ވެސް ވަނީ އެހެން ފަރާތަކަށް ދީފައެވެ. އެއްބަސްވުމާ ޚިލާފަށް ރަށް ހަވާލުނުކުރުމުގެ ސަބަބުން، ރަށް ތަރައްގީ ކުރުމުގެ ފުރުސަތު ގެއްލިފައިވާތީ އެކަމުގެ ސަބަބުން ގެއްލުންވި ފައިސާއަކީ ވެސް އެއްބަސްވުމުގައިވާ ގޮތުގެ މަތީން، އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ޝަރުއީ ނިޒާމް ބައްޓަންވެފައިވާ ގޮތުން ސަރުކާރުން ވިލާ އެއަރއަށް ދޭންޖެހޭނެ ފައިސާއެވެ" ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮމްޕެނީގެ ޗެއަރމަން ޤާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޤާސިމް ވިދާޅުވީ ކާޑެއްދޫ އެއާރޕޯޓު 50 އަހަރުގެ މުއްދަތަށް ހިންގުމަށް ދިން އެގްރިމަންޓާ ޚިލާފަށް އެއާޕޯޓު އަތުލައި އަދި ރިޒޯޓް ހަދަން އޮތް ރަށް ނުދިނުމުގެ ސަބަބުން ކުންފުންޏަށް ލިބިގެންދާނެ ގެއްލުން ލަފާކުރާ ގޮތުން 50 އަހަރު ދުވަހަށް ބަލާއިރު އެއީ މަދުވެގެން 100 ވަރަކަށް މިލިޔަން ޑޮލަރުގެ ގެއްލުމެއް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރީއަތަށް މައްސަލަ ހުށައެޅުމަށް ތައްޔަރުވަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާން ނިންމާލަމުން ޤާސިމް ވިދާޅުވީ ވިލާ ކުންފުނިން ޝަރީއަތަށް ހުށައަޅާފައިވާ މައްސަލަތަކުގައި އިންސާފުވެރި ނިންމުމެ ލިބޭނެކަމުގެ އުއްމީދުގައި ހުންނެވި ކަމަށެވެ. އަދި ސަރުކާރުން ކުރާކަންކަމަކީ ގަސްދުގައި ކުންފުންޏަށް ގެއްލުން ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް