ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 13:25
ޝައިޚް އިމްރާން މޭޑޭގެ މުޒާހަރާގައި ވާހަކަފުޅު ދައްކަވަނީ
ޝައިޚް އިމްރާން މޭޑޭގެ މުޒާހަރާގައި ވާހަކަފުޅު ދައްކަވަނީ
ގޫގުލް
އަދާލަތު ޕާޓީ
ޤާނޫނަށް ގެނައި އިސްލާހާއިމެދު ސުވާލު އުފެދޭ، އިމްރާނަކީ އަދިވެސް ޕާޓީގެ ރައީސް: އަދާލަތު
ޤާނޫނުތައް ހަދަނީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް
ޝައިޚް އިމްރާން ޖަލުގައި ހުންނެވީ ރައްޔިތުންގެ ޙައްޤުގައި

ބައެއް ޤާނޫނުތައް ހެދިފައިވާގޮތުން އެ ޤާނޫނުތަކުގެ ސައްޚަ ކަމާއިމެދު ސުވާލު އުފެދޭ ކަމަށާއި، ޝައިޚް އިމްރާން ޢަބްދުﷲ އަކީ އަދިވެސް އަދާލަތު ޕާޓީގެ ރައީސްކަމަށް އެ ޕާޓީން ބުނެފިއެވެ.

ޝައިޚް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް ވުމާއި ގުޅިގެން އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު، ޝިދާތާ ޝަރީފް ވިދާޅުވީ، ޤާނޫނު އަސާސީގެ ރޫހާ ޚިލާފަށް، އަދި ރާއްޖޭގައި ޤާނޫނު ހެދުމަށް ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކުގެ ބޭރުން ޤާނޫނުތައް ހަދައި، ޤާނޫނުތަކަށް އިސްލާޙު ގެންނަމުންދާ ކަމަށެވެ. އަދި އެފަދަ ޤާނޫނުތަކާއިމެދު ސުވާލު އުފެދޭކަމަށް ޝިދާތަ ވިދާޅުވިއެވެ.

"ޤާނޫނަށް މި ގެނެވޭ ބަދަލުތަކަށް ބަލާއިރު، ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް، ދިވެހިރާއްޖޭގަ ޤާނޫނުތައް ހެދުމަށް ކަނޑައެޅިފަ މިހިރަ މިންތަކާ އިންތަކުގެ ބޭރުން ހެދޭ ޤާނޫނުތަކަކީ އަޅުގަނޑުމެން މިހާރުވެސް ސުވާލު އުފައްދަމުންދާ ކަންކަން"، ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ އިޝާރާތް ކުރެއްވީ، ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) އަށް1  ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އިޝާރާތް ކުރައްވައެވެ. އެ ޤާނޫނުގެ 32 ވަނަ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް 6 ވަނަ ބާބެއް އިތުރު ކުރުމަށެވެ.

އަލަށް އިތުރުކުރެވުނު ބާބުގައި، މި ޤާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއާއި ޖަމްޢިއްޔާތަކަށް ޢާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވާ ކަމަށެވެ.  

މި އިސްލާޙާއި ގުޅިގެން، އަދާލަތު ޕާޓީގެ ރައީސްގެ މަޤާމުން ޝައިޚް އިމްރާން އަބްދުﷲ ޤާނޫނީ ގޮތުން ވަކިވެފައިވާއިރު، ޝިދާތާ ވިދާޅުވީ ޝައިޚް އިމްރާން އަކީ އަދިވެސް ޕާޓީގެ ރައީސް ކަމަށެވެ. ޝިދާތާ ވިދާޅުވީ ޝައިޚް އިމްރާން ޖަލަށް ލެވިފައިވަނި ނުޙައްޤުން ކަމަށް އަދާލަތު ޕާޓީއިން ޤަބޫލުކުރާ ކަމަށެވެ.

ޝައިޚް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް ވުމާއި ގުޅިގެން ޝިދާތާ ވިދާޅުވީ، ޝައިޚް އިމްރާނަށް ޖަލުން ސަލާމަތް ވެވޭނެ ގޮތްތައް އެބައޮތް ކަމަށާއި، ނަމަވެސް ޝައިޚް އިމްރާން ޖަލުގައި އެ އިންނަވަނީ އެގޮތަށް އިޚުތިޔާރު ކުރައްވައިގެން ކަމަށެވެ.

"މިއަދު އެމަނިކުފާނު ޖަލުގަ އެ ހޭދަކުރައްވާ ކޮންމެ ވަގުތަކީ، ހަޤީޤަތުގަ ދިވެހި ރައްޔިތުންގެ ޙައްޤުގަ އެމަނިކުފާނު ހޭދަކުރައްވާ ވަގުތެއް. ޖަލުގަ އެ އިންނަވަނީ އެމަނިކުފާނު ޖަލުގަ އިންނަވަން ޗޫޒް ކުރައްވައިގެން، ނުވަތަ އެގޮތަށް އެކަން ކުރައްވަން އިޚްތިޔާރު ކުރައްވައިގެން. ފަސޭހަ ގޮތްތައް ލިބުމުގެ ފުރުޞަތު އޮތްމެވެސް މިއަދުގެ ސަރުކާރަށް، އަދި އެމަނިކުފާނު އަޑުއުފުއްލެވީ މިއަދުގެ ސަރުކާރުގަ ހިންގާ ކޮރަޕްޝަނާ ފަސާދަޔާ، އަދި ނޭއްގާނީ ކަންތައްކަށް ކަމަށް ވެފަ، އެކަން އެހެން އޮތްހާ ހިނދަކު އެކަންކަމަށް ދޫނުދެއްވުމަށްޓަކާ، އެމަނިކުފާނު ޖަލުގަ އިންނަވަން އެ ޗޫޒް ކުރައްވަނީ" ޝިދާތާ ވިދާޅުވިއެވެ.

ޝައިހް އިމްރާން ޖަލުގައި ހުންނަވާތާ 1000 ދުވަސް ވުމާއި ގުޅިގެން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ (މިރޭ) ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް