ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 13:02
މައުމޫން: ދައުލަތް ހިންގާ ގޮތަށް ފާޑުވިދާޅުވި
މައުމޫން: ދައުލަތް ހިންގާ ގޮތަށް ފާޑުވިދާޅުވި
ރާއްޖެއެމްވީ
ކުރީގެ ރައީސް މައުމޫން
ސަރުކާރު ދިފާއުގައި މަޖިލިސް މެމްބަރުން ވާހަކަފުޅު ދައްކަވާތީ މައުމޫން ފާޑުވިދާޅުވެއްޖެ
ތިން ބާރު ވަކިވެފައިވޭތޯ މައުމޫން ސުވާލު އުފެއްދެވި

ސަރުކާރުގެ ފަރާތުން ކުރާ ކަމަކާމެދު އެއްވެސް ފަރާތަކުން، އެއްޗެއް ބުނެފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރު ދިފާއުގައި ވާހަކަފުޅު ދައްކަވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އެހެން ވިދާޅުވެފައި ވަނީ ވިލާ ގްރޫޕުގެ ރިސޯޓުތަކަށް އެރި ކަސްޓަމްސްގެ އޮފިސަރުންނާއި އާއި ފުލުހުންގެ ނަންތައް، އާންމު ކުރި މައްސަލަ ކުށްވެރިކޮށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބުދަ ދުވަހު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. 

ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްހައި އެ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެފައި ވަނީ ވިލާ ގްރޫޕުން ވަކިވަކި ފުލުހުންގެ ނަންތައް ހާމަ ކުރީ މުވައްޒިފުންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށާއި އެފަދަ އަމަލުތަކަކީ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް ގަސްތުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން ކުރާ ކަމަކާ ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރުން ޖަވާބުދޭން ޖެހެނީ ކީއްވެތޯ އޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އެފަދަ ކަންކަމުގައި ޖަވާބުދާރީ ވާންޖެހޭ ވަޒީރުން ނުތިބެނީ ކީއްވެތޯ އާއި ރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ތަނަކަށް ނުވަނީތޯ އޭ ވެސް ވިދާޅުވެ، މައުމޫން ސުވާލު ކުރައްވާފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް