ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 12:01
ޑރ. ހަލީލު: ރައީސް މައުމޫނަށް ފާޑުވިދާޅުވި
ޑރ. ހަލީލު: ރައީސް މައުމޫނަށް ފާޑުވިދާޅުވި
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން
މައުމޫނަށް ނިސްބަތްކޮށް، ބުއްދިހެޔޮ ވާހަކަތަކެއް ނުދައްކަވާނެ ކަމަށް ހަލީލު ވިދާޅުވެއްޖެ
މައުމޫނަކީ އެމްޑީޕީ ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތް ކުރައްވައި، ބުއްދިހެޔޮ ވާހަކަތަކެއް އެމަނިކުފާނު ނުދައްކަވާނެ ކަމަށް ޕީޕީއެމްގެ ސެކަރެޓަރީ ޖެނަރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހަލީލު އެހެން ވިދާޅުވީ ޕީޕީއެމް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށް މައުމޫން ވިދާޅުވެފައި ވާތީ، އެކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ބަހެއް ހޯދާލުމަށް "ރާއްޖެޓީވީން" ގުޅުމުންނެވެ.

ރާއްޖެޓީވީން ކުރި ސުވާލެއްގެ ޖަވާބުގައި ހަލީލު ވިދާޅުވީ ރައީސް މައުމޫނަކީ އެމްޑީޕީގެ ވިސްނުމުގައި މަސައްކަތް ކުރައްވާ އަދި ޕީޕީއެމްގެ މެމްބަރަކަށް ނުވާ ބޭފުޅެއް ކަމަށެވެ.

"...ޕީޕީއެމްގެ މެމްބަރަކަށް ނުވާ ބޭފުޅަކު ޕީޕީއެމާ ގުޅުވައިގެން މާ ބުއްދިހެޔޮ ވާހަކަތަކެއް ނުދައްކަވާނެ،" މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވުމަށް ފަހު 2014 ވަނަ އަހަރު ޕީޕީއެމާ ގުޅިވަޑައިގެންނެވި ނިލަންދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ހަލީލު އެހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އިންތިހާބީ މަގާމުތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލު ކަމަށް ރައީސް މައުމޫން ގެންނަވާފައި ވަނިކޮށެވެ. ރައީސް މައުމޫން އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 އިން 19 އަށް ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ފާސްކުރި އަސާސީ ގަވައިދުގައި، އެ ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލް ކުރެވޭ ގޮތަށް ބާއްވާ ގައުމީ ޖަލްސާއެއް ކޮންމެ ދޭއް ބައި އަހަރަކުން އެއް ފަހަރު ބާއްވަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަސާސީ ގަވައިދުގެ ދަށުން އިންތިޚާބު ކުރާ މަގާމުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ވެސް މައުމޫން ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ޕާޓީގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު މާދަމާ ހަމަވެފައިވާ ކަމަށާއި ޕީޕީއެމްގެ ހިންގުން ހުއްޓިފައިވާ ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް