ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 17:23
ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅުންތަކެއް ހުވާ ކުރައްވަނީ
ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅުންތަކެއް ހުވާ ކުރައްވަނީ
ރާއްޖެއެމްވީ
ފަނޑިޔާރުން އައްޔަންކުރުން
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ދެބޭފުޅަކު އައްޔަން ކުރުމަށް ނިންމައިފި
ހައިކޯޓަށް އައްޔަން ކުރީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގައި މަގާމުގައި ހުންނެވި މުހައްމަދު ނިޔާޒު
ކްރިމިނަލް ކޯޓަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު
ކްރިމިނަލް ކޯޓަށް ސ. ހިތަދޫ އޯޝަންލީޑް އަހުމަދު ހައިލަމް

ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅުންތަކެއް އައްޔަން ކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެގޮތުން، ޖޭއެސްސީ އިން ބުދަ ދުވަހު ނިންމީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އެއްބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ދެބޭފުޅަކު އައްޔަން ކުރުމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމީ، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގައި މަގާމުގައި ހުންނެވި މުހައްމަދު ނިޔާޒު އެވެ. 

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމީ، ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި ހުސައިން ޝަހީދުއާއި ސ. ހިތަދޫ އޯޝަންލީޑް އަހުމަދު ހައިލަމް އެވެ.

ހައިކޯޓަށް ފަނޑިޔާރަކު އައްޔަން ކޮށްފައިމިވަނީ، އެ ކޯޓަށް ދިމާވެފައިވާ ފަނޑިޔާރުންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެެނެސްފައި ވަނިކޮށެވެ. ކޯޓުތަކުގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެ އެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނު އިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެއެވެ. ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކޮށްފައިމިވަނީ، ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން ލަސްވެފައިވަނީ ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެންނެވެ. 

ކުރިން ހައިކޯޓުގެ ބެންޗުގައި ނުވަ ފަނޑިޔާރުން ތިއްބަވާއިރު، ގާނޫނު އިސްލާހު ކޮށްފައި ވަނީ 11 ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ. އިސްލާހު ގެނައި އިރު ވެސް، ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވާތީ 11 ފަނޑިޔާރުން ހަމަކުރުމަށް، އިތުރު ހަތަރު ފަނޑިޔާރުން ހައިކޯޓަށް އައްޔަން ކުރަން ޖެހެއެވެ.

ކްރިމިނަލް ކޯޓަށް ވެސް ފަނޑިޔާރުން އައްޔަންކޮށްފައިމިވަނީ، އެއް ގާޒީއަކު ސަސްޕެންޑުކޮށް، ދެ ގާޒީއަކު އެހެން ކޯޓުތަކަށް ބަދަލުކުރުމުން ފަނޑިޔާރުންގެ ދަތިކަން ދިމާވެފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް