ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 12:16
ސެމީގެ ޖާގައެއް ކަށަވަރުވުމާ އެކު ސެވިއްޔާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ސެމީގެ ޖާގައެއް ކަށަވަރުވުމާ އެކު ސެވިއްޔާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ކޮޕާ ޑެލްރޭ
ސްޕެނިޝް ކޮޕާ ޑެލްރޭ: ސެވިއްޔާ އަތުން ބަލިވެ އެޓްލެޓިކޯ ކަޓައިފި
ދެވަނަ ލެގުގައި ސެވިއްޔާއިން ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އެޓްލެޓިކޯ ބަލިކޮށްފައި
ސެމީ ފައިނަލްގެ ޖާގައެއް ސެވިއްޔާއަށް ކަށަވަރުވީ 5-2 ގެ ނަތީޖާއަކުން އެޓްލެޓިކޯގެ މައްޗަށް އެ ޓީމަށް ކުރި ލިބޭތީ
ސެވިއްޔާ އިން ވަނީ 2007 ވަނަ އަހަރުގެ ފަހުން ހަތް ފަހަރެއްގެ މަތިން ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް އިން ޖާގަ ހޯދާފައިވޭ

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުގައި ސެވިއްޔާ އަތުން ބަލިވެ އެޓްލެޓިކޯ މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ސެވިއްޔާ އިން ވަނީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އެޓްލެޓިކޯ ބަލިކޮށްފައެވެ. އެޓްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ވެސް 2-1 އިން ކާމިޔާބުކުރީ ސެވިއްޔާއެވެ. ސެމީ ފައިނަލްގެ ޖާގައެއް ސެވިއްޔާއަށް ކަށަވަރުވީ 5-2 ގެ ނަތީޖާއަކުން އެޓްލެޓިކޯގެ މައްޗަށް އެ ޓީމަށް ކުރި ލިބޭތީއެވެ. މި ދެ ޓީމު ވެސް މި މެޗާ ކުރިމަތިލީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ސެވިއްޔާ އިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ޕަބްލޯ ސަރާބިއާ ނަގައިދިން ހުރަހަކުން ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނީ ސާޖިއޯ އެސްކުޑޭރޯއެވެ. މި ލަނޑާ އެކު އެޓްލެޓިކޯ އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު ކެވިން ގަމެއިރޯ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑެއް ޖަހައިދީ އެންޓޮއިން ގްރީޒްމަން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ހާފުގައި ދެ ޓީމުން ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު އެވަރ ބަނޭގާ ވަނީ ދެވަނަ ހާފު ފެށިގެން ތިން މިނެޓު ނުވަނީސް ލަނޑެއް ޖަހައިދީ ސެވިއްޔާއަށް އަލުން އަނބުރާ ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު އެޓްލެޓިކޯއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. ސެވިއްޔާއަށް ސެމީގެ ޖާގައެއް ކަށަވަރު ވެގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައި ފްރޭންކޯ ވަސްކުއޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޕަބްލޯ ސަރާބިއާ ޖަހައިދިން ލަނޑުންނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެޓްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނީ އޭނާގެ ޓީމު ޗެމްޕިއަންސް ލީގާއި މި މުބާރާތުން ކެޓުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާނެ ކަމަށެވެ. އޭނާ ބުނީ އަމާޒަކީ ލަލީގާގައި ރަނގަޅު ޗެލެންޖެއް ދިނުން ކަމަށާއި މި މެޗުން ބަލިވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށެވެ.

އެޓްލެޓިކޯގެ މިޑްފީލްޑަރު ކޯކޭ ބުނީ އަމިއްލަ ދަނޑުގައި ފައިނަލް ކުޅެން އުއްމީދުކުރި ކަމަށާއި މި މެޗުގައި ސެވިއްޔާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ސެވިއްޔާ އިން ވަނީ 2007 ވަނަ އަހަރުގެ ފަހުން ހަތް ފަހަރެއްގެ މަތިން ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް އިން ޖާގަ ހޯދާފައެވެ. އެ ޓީމުން ވަނީ 2007 ވަނަ އަހަރާއި 2010 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް