ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 05:33
ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރ ހާވިއާ މަޝަރާނޯ: އޭނާ މިހަފްތާގެ ތެރޭގައި އެކްލަބު ދޫކޮށްލާނެ
ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރ ހާވިއާ މަޝަރާނޯ: އޭނާ މިހަފްތާގެ ތެރޭގައި އެކްލަބު ދޫކޮށްލާނެ
ގެޓީ އިމޭޖަސް
ހާވިޔާ މަޝެރާނޯ
ބާސެލޯނާ ދޫކޮށް، މަޝަރާނޯ ޗައިނާގެ ހެބޭއީއަށް!
މަޝަރާނޯގެ ޝަރަފުގައި ބާސެލޯނާ އިން ބުދަ ދުވަހު ވަދާއީ ހަފްލާއެއް ބާއްވާނެ
މަޝަރާނޯ ބާސެލޯނާ އާ ގުޅުނީ 2010 ވަނަ އަހަރު
ބާސެލޯނާ އަށް 334 މެޗު ކުޅެފައިވާ މަޝަރާނޯ ވަނީ އެކްލަބާއެކު 18 ތަށި ހޯދާފަ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރު ހާވިއާ މަޝަރާނޯ އެކްލަބު ދޫކޮށްލުމަށް ނިންމައިފިއެވެ.

އަށް އަހަރަށްފަހު މަޝަރާނޯ ބާސެލޯނާ ދޫކޮށްލަނީ ޗައިނީސް ސުޕަރ ލީގުގެ ކްލަބް ހެބޭއީ ޗައިނާ ފޯޗޫންއަށް ބަދަލުވުމަށެވެ.

2010 ވަނަ އަހަރު ލިވަޕޫލް އިން 17 މިލިއަން އެމެރިކާ ޑޮލަރުގެ އަގަކަށް ބާސެލޯނާ އާ ގުޅުނު އުމުރުން 33 އަހަރުގެ ޑިފެންޑަރު މިހަފްތާގެ ތެރޭގައި ބާސެލޯނާ ދޫކޮށްލާނެ ކަމަށް އެކްލަބުން ބުނެއެވެ.

މިސީޒަނުގައި ބާސެލޯނާ އަށް 12 މެޗު ކުޅެދީފައިވާ މަޝަރާނޯގެ ޝަރަފުގައި ވަދާއީ ހަފްލާއެއް ބުދަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ބާސެލޯނާއިން ބުނެއެވެ.

މީގެ އިތުރުން ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލްގައި ބުރާސްފަތި ދުވަހުގެ ރޭ އެސްޕަނިޔޯލް އާ ދެކޮޅަށް ބާސެލޯނާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި ބާސެލޯނާގެ ސަޕޯޓަރުންނަށް އޭނާ އަލްވަދާއު ކިޔާނެއެވެ.

އާޖެންޓީނާގެ ރިވަރޕްލޭޓުން 2003 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި މަޝަރާނޯ އެކްލަބު ދޫކޮށް ބްރެޒިލްގެ ކޮރިންތިއަންސްއަށް ބަދަލުވީ 2005 ވަނަ އަހަރުއެވެ. އެކްލަބަށް އެއް އަހަރު ކުޅުމަށްފަހު، އޭނާ ޔޫރަޕަށް ބަދަލުވީ 2006 ވަނަ އަހަރުއެވެ. ޔޫރަޕްގައި އޭނާގެ ފުރަތަމަ ކްލަބަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑެވެ. އެހެންނަމަވެސް ވެސްޓް ހޭމްއަށް އެންމެ ފަސް މެޗު ކުޅެދިނުމަށްފަހު އޭނާ ވަނީ 2007 ވަނަ އަހަރު ލިވަޕޫލްއަށް ބަދަލުވެފައެވެ.

2003 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ސީނިއަރ ގައުމީ ޓީމަށް ކުޅެމުން އަންނަ މަޝަރާނޯ ވަނީ ގައުމީ ޓީމަށް 141 މެޗު ކުޅެ، ތިން ލަނޑު ޖަހައިދީފައެވެ. އޭނާ އަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވާރލްޑް ކަޕްގެ ރިހި މެޑަލް ހޯދި އާޖެންޓީނާގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.

ބާސެލޯނާގައި ހޭދަކުރި 8 ސީޒަނުގައި އޭނާ ވަނީ، އެކްލަބާއެކު 18 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު 4 ފަހަރު، ސްޕެނިޝް ކޮޕަ ޑެލް ރޭ 4 ފަހަރު، ސްޕެނިޝް ސުޕަރ ކަޕް 3 ފަހަރު، ޔުއޭފާ ޗެމްޕިއަންސް ލީގު 2 ފަހަރު، ޔުއޭފާ ސުޕަރ ކަޕް 2 ފަހަރު އަދި ފީފާ ކްލަބް ވާރލްޑް ކަޕް 2 ފަހަރު ކާމިޔާބު ކޮށްފައެވެ.

ބާސެލޯނާ އަށް 334 މެޗު ކުޅެ، އެއް ލަނޑު ޖަހައިދީފައިވާ މަޝަރާނޯ އެކްލަބުގައި ހޭދަކުރި މުއްދަތުގައި އޭނާ ފާހަގަ ވެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައެވެ. އެގޮތުން ފީފާ އިން ކޮންމެ އަހަރަކު ހޮވާ އެންމެ ފިފާޕްރޯ ވާރލްޑް އިލެވަންގެ 2014، 2015، 2016 އަދި 2017 ގެ ޓީމްގައި އޭނާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް