ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 01:58
އެލެކްސިސް ސަންޗޭޒް ޔުނައިޓެޑްގެ 7 ނަމްބަރު ޖާޒީއާއެކު
އެލެކްސިސް ސަންޗޭޒް ޔުނައިޓެޑްގެ 7 ނަމްބަރު ޖާޒީއާއެކު
މެންޗެސްޓާ ޔުނައިޓެޑް
އެލެކްސިސް ސަންޗޭަޒް
ޔުނައިޓެޑްގެ ތާރީހީ 7 ނަމްބަރު ޖާޒީގެ ވެރިޔަކަށް ސަންޗޭޒް
އޭނާ ޔުނައިޓެޑާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގައި
މި ޓްރާންސްފާއާއެކު ޔުނައިޓެޑްއަށް ކުޅެމުން އައި އަރމީނިއާގެ މިޑްފީލްޑަރު ހެންރިކް މިޚްތަރިޔާން އާސެނަލްއާ ގުޅޭނެ
ސަންޗޭޒް ޔުނައިޓެޑާއެކު ސޮއިކުރި ކޮންޓްރެކްޓްގެ ދަށުން އޭނާއަށް އަހަރަކު 14 މިލިއަން ޕައުންޑް ލިބޭނެ

މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހީ 7 ނަމްބަރުގެ ޖާޒީގެ ވެރިޔަކަށް ޗިލީގެ ހުނަރުވެރި ފޯވާޑް އެލެކްސިސް ސަންޗޭޒް ހޮވިއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ ސަންޗޭޒް އެ ޓީމަށް ސޮއިކުރިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ޔުނައިޓެޑާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން 2022 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް އޭނާ ޔުނައިޓެޑްގައި ދެމިހުންނާނެއެވެ. މި ކޮންޓްރެކްޓްގެ ދަށުން އޭނާއަށް އަހަރެއްގެ މައްޗަށް 14 މިލިއަން ޕައުންޑްގެ މުސާރާއެއް ލިބިގެންދާނެއެވެ. ޔުނައިޓެޑްއިން އޭނާގެ ސޮއި ހޯދި އަގެއް ހާމަކޮށްފައެއް ނުވެއެވެ.

ސަންޗޭޒްއާ ހަވާލުކުރެވުނު ޔުނައިޓެޑްގެ 7 ނަމްބަރު ޖާޒީއަކީ ވަރަށް ތާރީހީ ޖާޒީއެކެވެ. މީގެކުރިން ޖޯޖް ބެސްޓް އާއި ބްރަޔަން ރޮބްސަން އާއި އެރިކް ކެންޓޮނާ އަދި ޑޭވިޑް ބެކަމްގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ޓީމުގައި މި ޖާޒީ ބޭނުންކޮށްފައެވެ.

މި ސީޒަނުގެ ނިޔަލަށް އޭނާ އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތްއިރު ޔުނައިޓެޑްގެ ވާދަވެރި މެންޗެސްޓާ ސިޓީއިން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރިއެވެ. އެގޮތުން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އޭނާ ހޯދުމަށް ސިޓީއިން ހުށަހެޅި 60 މިލިއަން ޕައުންޑްގެ ބިޑު ކާމިޔާބުނުވީ އާސެނަލްއަށް ފްރާންސްގެ މިޑްފީލްޑަރު ތޯމަސް ލެމާގެ ސޮއި ނުހޯދުމާއި ގުޅިގެންނެވެ. ސިޓީއިން މި ޓްރާންސްފާގައި އޭނާ ގެނައުމަށް ވެސް މަސައްކަތްކުރި ނަމަވެސް އެ ޓީމުން އެންމެ ފަހުވަގުތު ސަންޗޭޒް ގެނައުމުގެ މަސައްކަތް ހުއްޓާލީ އޭނާއާއެކު އެއްބަސްވުމަކަށް ނާދެވުމާއި ގުޅިގެންނެވެ.

ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓްއަށް ދިން އިންޓަވިއުއެއްގައި ސަންޗޭޒް ބުނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބްއަށް ބަދަލުވެވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި ޔުނައިޓެޑްއަށް ކުޅޭ ޗިލީއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑާއި ގުޅުނީ އެ ކްލަބްގެ ކޯޗު ހޯސޭ މޮރީނިއޯ އާއެކު މަސައްކަތްކުރަން ކަމަށާއި ކްލަބްއަށް އޭނާ ގެނައުމަށް ކުރި މަސައްކަތުގެ އަގު އަދާކޮށްދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ސަންޗޭޒްއާ ގުޅޭގޮތުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށާއި ޔުނައިޓެޑްގައި ތިބި ޒުވާން ކުޅުންތެރިންނަށް ސަންޗޭޒް ވެގެންދާނީ ނަމޫނާ ކުޅުންތެރިޔަކަށް ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ކުޅުންތެރިޔަކަށް ވުމުގެ ހުރިހާ ހުނަރަކާއި ސިފައެއް ސަންޗޭޒްގެ ކިބައިގައި އެބަހުރި ކަމަށެވެ.

މި ޓްރާންސްފާއާއެކު ޔުނައިޓެޑްއަށް ކުޅެމުން އައި އަރމީނިއާގެ މިޑްފީލްޑަރު ހެންރިކް މިޚްތަރިޔާން އާސެނަލްއާ ގުޅޭނެއެވެ. އުމުރުން 29 އަހަރުގެ މިޚްތަރިޔާން ޔުނައިޓެޑާއި ގުޅުނީ 2006 ވަނަ އަހަރުގެ ޖުލައި މަހު، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 26.3 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

އާސެނަލްއަށް ބަދަލުވުމަށްފަހު މިޚްތަރިޔާން ބުނީ ޓްރާންސްފާގެ ކަންކަން ނިންމާލެވުމުން ވަރަށް ހިތްހަމަޖެހިފައިހުރި ކަމަށާއި އާސެނަލްއަށް ކުޅުމަކީ އޭނާ އަބަދުވެސް ދެކުނު ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ އެ ހުވަފެން ހަގީގަތަކަށް ހެދިއްޖެ ކަމަށާއި އަމާޒަކީ އާސެނަލްއާއެކު ތާރީހީ ކާމިޔާބުތަކެއް ހޯދުން ކަމަށެވެ.

އާސެނަލްގެ ކޯޗު ވެންގާ ބުނީ މިޚްތަރިޔާން އަކީ ވަރަށް ފުރިހަމަ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ފުރުސަތުތައް ތަނަވަސްކޮށްދީ ޑިފެންސްގައި ވެސް އެހީތެރިކަން ފޯރުކޮށްދޭ ކުޅުންތެރިޔެއް ކަމަށެވެ. އޭނާއަކީ އާސެނަލްގެ ޖާޒީގައި ކާމިޔާބު ހޯދޭނެ ހުރިހާ ސިފައެއްހުރި ކުޅުންތެރިޔެއް ކަމަށް ވެންގާ ބުނެފައިވެއެވެ.

ސްޕެއިންގެ ބާސެލޯނާއިން 2014 ވަނަ އަހަރު 30 މިލިއަން ޕައުންޑްގެ ފީއަކަށް އާސެނަލްއަށް ބަދަލުވުމަށްފަހު އެ ޓީމުގައި ސަންޗޭޒް މޮޅު ކުޅުމެއް ދެއްކިއެވެ. މިދިޔަ ސީޒަނުގައި ވެސް 30 ލަނޑާއެކު އާސެނަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ސަންޗޭޒްއެވެ. އަންނަ ހުކުރު ދުވަހު އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އިނގިރޭސި ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޔިއޮވިލް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގައި ސަންޗޭޒްއަށް ކުޅެވޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް