ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 19:27
ސައިމޯނާ ހޭލެޕް
ސައިމޯނާ ހޭލެޕް
ގެޓީ އިމޭޖަސް
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ފުރަތަމަ ގްރޭންޑް ސްލޭމްއަކަށް ކުރަމުން އަންނަ އުއްމީދު ހޭލެޕް ދަމަހައްޓައިފި
ހޭލެޕް ކުއާޓާ ފައިނަލްއަށް ދަތުރުކުރީ ޖަޕާންގެ ނައޯމީ އޮސާކާގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެން
އެންޖެލިކް ކާބާ ވަނީ ސިއެ ސޫވެއި ދެ ސެޓު އެއް ސެޓުން ބަލިކޮށްފައި

އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި ކެރިއަރުގައި ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރުމަށް ކުރަމުން އަންނަ އުއްމީދު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސައިމޯނާ ހޭލެޕް ދަމަހައްޓައިފިއެވެ.

ހޭލެޕް ކުއާޓާ ފައިނަލްއަށް ދަތުރުކުރީ ޖަޕާންގެ ނައޯމީ އޮސާކާގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-3 އަދި 6-2 އިންނެވެ. އޭނާ ކުއާޓާގައި ނުކުންނަން ޖެހޭނީ ޗެކް ރިޕަބަލިކްގެ ދެ ކުޅުންތެރިން ކަމަށްވާ ކެރޮލައިން ޕްލިސްކޯވާ އަދި ބާބޯރާ ސްޓަރައިކޯވާއާ ދެ ކުޅުންތެރިން ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

މެޗުން މޮޅުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ހޭލެޕް ބުނީ ގަދަ 16 ގައި ކުޅުނު މެޗަކީ ވަރަށް ވާދަވެރި މެޗެއް ކަމަށާއި ކުއާޓާ ފައިނަލްއަށް ދަތުރުކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ މުބާރާތާއި ކުރިމަތިލީ އަނިޔާގައި ހުރެގެން ކަމަށާއި މި މުބާރާތް ކާމިޔާބުކުރުމަކީ ވަރަށް ބޮޑަށް އުއްމީދުކުރާ ކަމެއް ކަމަށެވެ.

މި މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކުރި ޖަރުމަނުގެ އެންޖެލިކް ކާބާ ވަނީ ދުނިޔޭގެ ރޭންކިންގެ 88 ވަނައިގައި އޮތް ޓައިވާންގެ ސިއެ ސޫވެއި ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ސޫވެއި ގެންދިޔައިރު ފަހުން ކުޅުނު ދެ ސެޓު 7-5 އަދި 6-2 އިން ގެންގޮސް ކާބާ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އުމުރުން 30 އަހަރުގެ ކާބާ ކުއާޓާގައި ނުކުންނާނީ 17 ވަނައަށް ސީޑު ކުރެވިފައިވާ މެޑިސަން ކީސްއާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ރަނަރަޕްކަން ހޯދި 22 އަހަރުގެ ކީސް މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްއިން ޖާގަ ހޯދީ އަށްވަނައަށް ސީޑު ކުރެވިފައިވާ ފްރާންސްގެ ކެރޮލައިން ގާސިއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-3 އަދި 6-2 އިންނެވެ.

މި ކުޅުންތެރިންގެ އިތުރުން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ އާއި ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އަދި ސްޕެއިންގެ ކާލަ ސުއަރޭޒް ނަވާރޯގެ އިތުރުން ބެލްޖިއަމްގެ އެލީސް މާޓެންސް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް