ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 13:05
ރޯޖާ ފެޑެރާ
ރޯޖާ ފެޑެރާ
ގެޓީ އިމޭޖަސް
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ފެޑެރާ އަދި ޑިމިޓްރޯވް ކުއާޓާއަށް
ފެޑެރާ ކުއާޓާއަށް ދަތުރުކުރީ މާޓޮން ފުސޮވިޗްސް ސީދާ ތިން ސެޓުން ބަލިކޮށްގެން
ބާޑިޗް ކުއާޓާއަށް ދަތުރުކުރީ އިޓަލީގެ ފަބިއޯ ފޮގްނީނީ ސީދާ ތިން ސެޓުން ބަލިކޮށްގެން
ިމިޓްރޯވް ކުއާޓާއަށް ދަތުރުކުރީ ނިކް ކިރްގިއޯސް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެން

މެލްބަންގައި މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލްއިން ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ އަދި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ތަށި ދިފާއުކުރުމަށް ނުކުތް ފެޑެރާ ކުއާޓާއަށް ދަތުރުކުރީ ދުނިޔޭގެ ރޭންކިންގެ 80 ވަނައިގައި އޮތް ހަންގޭރީގެ މާޓޮން ފުސޮވިޗްސް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މުބާރާތުގެ ދެވަނައަށް ސީޑު ކުރެވިފައިވާ ފެޑެރާ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-4، 7-6 އަދި 6-2 އިންނެވެ. އުމުރުން 36 އަހަރުގެ ފެޑެރޭ ކުއާޓާގައި ނުކުންނަން ޖެހޭނީ ޗެކް ރިޕަބްލިކްގެ ތޯމަސް ބާޑިޗްއާ ދެކޮޅަށެވެ.

ދެ ގަޑިއިރުގެ ތެރޭގައި ފުސޮވިޗްސް ބަލިކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފެޑެރާ ބުނީ ކުއާޓާގައި ބާޑިޗްއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި އޭނާގެ މެޗުތައް ބަލަމުން އަންނަ ކަމަށެވެ. ޖުމްލަ ފަސްފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާ ބުނީ ރޭގަނޑު މެޗު ކުޅެން ޖެހުމަކީ އެކަމުގައި ފައިދާއާއި ގެއްލުންހުރި ކަމެއް ކަމަށާއި އަދި އެ ދެ ގަޑީގައި ކުޅުމަކީ ވެސް ވަރަށް ތަފާތު ފާހަގަވާ ކަމެއް ކަމަށެވެ.

ފެޑެރާއާ ދެކޮޅަށް ކުޅޭ ބާޑިޗް ކުއާޓާއަށް ދަތުރުކުރީ އިޓަލީގެ ފަބިއޯ ފޮގްނީނީ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މުބާރާތުގެ 19 ވަނައަށް ސީޑު ކުރެވިފައިވާ ބާޑިޗް މި މެޗުގެ ސެޓުތައް ގެންދިޔައީ 6-1، 6-4 އަދި 6-4 އިންނެވެ.

މި މުބާރާތުގެ ތިންވަނައަށް ސީޑު ކުރެވިފައިވާ ޑިމިޓްރޯވް ކުއާޓާއަށް ދަތުރުކުރީ އުނދަގޫ މެޗަކަށްފަހު އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 7-6 ޑިމިޓްރޯވް ގެންދިޔައިރު އޭނާވަނީ ދެވަނަ ސެޓު ވެސް 7-6 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ކިރްގިއޯސް ވަނީ 6-4 އިން ތިންވަނަ ސެޓު ގެންގޮސް ސެމީގެ އުއްމީދު ދަމަހައްޓާފައެވެ. ޑިމިޓްރޯވް ވަނީ ފަހު ސެޓު 7-6 އިން ގެންގޮސް ކިރްގިއޯސްގެ މި އުއްމީދުތައް ފުނޑުފުނޑުކޮށްލާފައެވެ. އޭނާ ކުއާޓާގައި ނުކުންނާނީ އިނގިރޭސިވިލާތުގެ ކައިލް އެޑްމަންޑްއާ ދެކޮޅަށެވެ.

މެޗުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުން ޑިމިޓްރޯވް ބުނީ މީގެ ދެ ހަފްތާ ކުރިން އޭނާ ކިރްގިއޯސް އަތުން ބަލިވި ކަމަށާއި މި މެޗުގައި ވެސް އޭނާ ވަރަށް ހިތްވަރު ކުރި ކަމަށެވެ. މި މެޗުން މޮޅުވީ ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކަމަށާއި މެޗުން މޮޅުވެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މެޗުން ބަލިވި ކިރްގިއޯސް ބުނީ މެޗު އުނދަގޫވާނެ ކަން އެންމެ ފުރަތަމަ ވެސް އެނގޭ ކަމަށާއި މި މުބާރާތް ޑިމިޓްރޯވް ކާމިޔާބުކުރުމަކީ ވެދާނެ ކަމެއް ކަމަށެވެ.

ކިރްގިއޯސް މި މުބާރާތުން ކެޓުމާއެކު ވޭތުވެދިޔަ 42 އަހަރުތެރޭ އަމިއްލަ ގައުމަށް ނިސްބަތްވާ ކުޅުންތެރިޔަކު މި މުބާރާތް ކާމިޔާބުކުރުމަށް އޮސްޓްރޭލިއާއިން ކުރަމުން އަންނަ މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް