ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 12:42
ހެރީ ކޭން ލަނޑު ޖެހުމަށް ފަހު - 21 ލަނޑާ އެކު ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ އޭނާ
ހެރީ ކޭން ލަނޑު ޖެހުމަށް ފަހު - 21 ލަނޑާ އެކު ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ އޭނާ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ތާވަލުގެ ކުރިޔަށް ޖެހުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފި
ޓޮޓެންހަމްއާ ސައުތުހެމްޕްޓަން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ކުރިޔަށް ޖެހުމަށް ލިބުނު ފުރުސަތު ޓޮޓެންހަމް އިން ނަގާލައިފިއެވެ.

ޓޮޓެންހަމް އަށް މި ފުރުސަތު ގެއްލުނީ ރަށުން ބޭރުގައި ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރި ނަމަ ހަތަރު ވަނަ މަގާމަށް ޖެހުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މި ސީޒަނުގައި ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއަށް އަނިޔާގެ ސަބަބުން ކުޅެވިފައެއް ނުވެއެވެ. ހަމައެހެންމެ މި މެޗުގައި ޓޮޓެންހަމްގެ ގޯލު ބެލެހެއްޓީ އެ ޓީމުގެ ދެވަނަ ކީޕަރު ކަމަށްވާ މިޝޭލް ވޯމްއެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެ ހަމަލާ އުފެއްދުމަށް މަސައްކަތްކުރީ ސައުތުހެމްޕްޓަންއެވެ. އެ ޓީމުގެ ދެ ފަޅިން ޓޮޓެންހަމްގެ އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ނެގިއިރު 15 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑަކީ ރަޔާން ބާޓްރަންޑް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ހެރީ ކޭން ވަނީ ލަނޑެއް ޖަހައިދީ ޓޮޓެންހަމްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑަކީ ކޭން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އޭނާ ޖެހި ނުވަވަނަ ލަނޑެވެ. މި ލަނޑަށް ފަހު ޓޮޓެންހަމް އިން މެޗުގެ ކޮންޓްރޯލް ނެގިއިރު އެ ޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ސައުތުހެމްޕްޓަންއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މި ހާފުގައި ޑެލޭ އަލީ އާއި ހެރީ ކޭންއަށް ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. މި މެޗު އެއްވަރުވުމާއެކު ޓޮޓެންހަމްގެ ކުރިން ތާވަލުގެ ފަސްވަނައިގައި އޮތް ލިވަޕޫލްއަށް ފަސް ޕޮއިންޓް ކުރިޔަށް ޖެހިލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން 65 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީއަށް އެއްވަނަ ލިބޭއިރު ދެވަނައިގައި 53 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ތިންވަނައިގައި 50 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު އެއް މެޗު މަދުން ކުޅެގެން 47 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތީ ލިވަޕޫލްއެވެ. ޓޮޓެންހަމްއަށް 45 ޕޮއިންޓާ އެކު ފަސްވަނަ ލިބޭއިރު ހަވަނައިގައި 42 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް