ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 08:43
ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ރެއާލްއަށް ތަފާތު ބޮޑު މޮޅެއް
އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 7-1 ގެ ނަތީޖާއަކުން
އެއް މެޗު މަދުން ކުޅެގެން 35 ޕޮއިންޓާއެކު ރެއާލްއަށް ލިބެނީ ޕޮއިންޓް ތާވަލުގެ ހަތަރުވަނަ
މި މެޗަކީ މި ސީޒަނުގެ ލަލީގާގައި ރެއާލް އެންމެ ބޮޑު ތަފާތަކުން މޮޅުވި މެޗަށް

ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން ރެއާލް މެޑްރިޑް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ 7-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުގެ ފަރާތުން ތަފާތު މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔައިރު މި މެޗު ވެގެން ގޮސްފައިވަނީ މި ސީޒަނުގެ ސްޕެނިޝް ލަލީގާގައި ރެއާލް އެންމެ ބޮޑު ތަފާތަކުން މޮޅުވި މެޗަކަށެވެ. މި މެޗާއި ރެއާލްއިން ކުރިމަތިލީ އެ ޓީމުން ހޯދަމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުން ކުރިމަތިވަމުންދިޔަ ބޮޑެތި ފާޑުކިޔުންތަކާއެކުއެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ރެއާލްއިންނެވެ. އެ ޓީމުން ވަނީ ޑިޕޯޓިވޯގެ ހާފަށް ބާރު ބޮޑުކޮށް ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ރެއާލްއިން ރަނގަޅަށް ކުޅެމުން ދަނިކޮށް އެ ޓީމުގެ ސަޕޯޓަރުން ސިއްސުވާލުމަށްފަހު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑިޕޯޓިވޯއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެޑްރިއަން ލޮޕޭޒްއެވެ. އެހެން ނަމަވެސް މެޗުގެ 32 ވަނަ މިނެޓުގައި ނާޗޯ ފަނާންޑޭޒް ލަނޑެއް ޖަހައިދީ ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބޭލް ވަނީ ހިތްގައިމު ލަނޑެއް ޖަހައިދީ ރެއާލްއަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލްގެ ފަރާތުން ފަސް ލަނޑު ފެނިފައިވެއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު 58 މިނެޓުގައި ބޭލް ޖަހައިދިންއިރު ހަތަރު ވަނަ ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ ލޫކާ މޮޑްރިޗްއެވެ. މެޗުގެ 78 ވަނަ މިނެޓުގައި ރެއާލްގެ ފަސްވަނަ ލަނޑު ޖަހައިދިނީ މި ސީޒަނުގެ ލަނޑު ޖެހުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ ހަ މިނެޓު ފަހުން އޭނާ ރެއާލްގެ ހަވަނަ ލަނޑު ޖެހިއިރު މެޗުގެ 88 ވަނަ މިނެޓުގައި ރެއާލްގެ ހަތްވަނަ ލަނޑު ޖެހީ ނާޗޯ ފަނާންޑޭޒްއެވެ.

ލަލީގާގައި އަލަވޭސް އަދި ލެގާނޭސް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި އަލަވޭސްއިން ޖެހި ލަނޑުތައް ޖަހައިދިނީ މުނީރު އެލް ހައްދާދީ އަދި އަލްފޮންސޯ ޕެޑްރާޒާއެވެ. މި މެޗުގައި ލެގާނޭސްއިން ޖެހި ލަނޑުތައް ޖަހައިދިނީ ގެބްރިއެލް އަދި ޖޯސެބް ޒަލްޑުއާއެވެ. ހަމައެހެންމެ ސެލްޓަ ވީގޯ ވެސް ވަނީ ފަހަތުން އަރައި ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ވިލިއަން ހޯސޭ ސޮސިއެޑާޑްއަށް ޖަހައިދިންއިރު ސެލްޓަގެ ލަނޑުތައް ޖަހައިދިނީ އިއާގޯ އަސްޕާސް އަދި މެކްސިމިލިއާނޯ ގޯމޭޒްއެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައިވާ ބާސެލޯނާ އަށް ވަނީ 20 މެޗުން 54 ޕޮއިންޓް ލިބިފައެވެ. ތާވަލްގެ ދެވަނައިގައިވާ އެތުލެޓިކޯ މެޑްރިޑަށް 43 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައިވާ ވެލެންސިއާ އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. މިތިން ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން ތާވަލްގެ ހަތަރުވަނާގައިވާ ރެއާލް މެޑްރިޑަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. 34 ޕޮއިންޓާއެކު ފަސްވަނާގައިވަނީ ވިޔަރެއާލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް