ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 17:54
ކަސްޓަމުން ފަން އައިލެންޑްގައި ހުރި ރަލުގެ ސްޓޮކް އެ ސަރވިސްގެ ބެލުމުގެ ދަށަށް ގެންދަނީ
ކަސްޓަމުން ފަން އައިލެންޑްގައި ހުރި ރަލުގެ ސްޓޮކް އެ ސަރވިސްގެ ބެލުމުގެ ދަށަށް ގެންދަނީ
ފަން އައިލެންޑް
ވިލާ ރިސޯޓުތައް
ޤާސިމްގެ ރިސޯޓްތަކަށް ރާ އެތެރެކުރުން މަނާކުރުމާއެކު ވިލާ ރިސޯޓް ޗެއިން ހުއްޓުމަކަށް ދިއުމުގެ ބިރު!
ރޯޔަލް އާއި ޕެރަޑައިސްއަށް ދީފައިވާ ހުއްދަވެސް ވަނީ ބާތިލްކޮށްފަ
ހުރިހާ ރިސޯޓެއްގައިވެސް ޚިދުމަތް ދެވޭނީ ދެތިން ދުވަހު
ވިޔަފާރިއަށް ބޮޑު ގެއްލުމެއް ވާނެ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމްގެ ވިލާ ގްރޫޕުގެ ދަށުން ހިންގާ ހުރިހާ ރިސޯޓަކަށް ރާ އެތެރެކުރުން މަނާކޮށްފިއެވެ.

ވިލާ ޝިޕިންގގެ ދަށުން ހިންގާ ރިސޯޓްތަކަށް ދޫކޮށްފައިވާ ބަނގުރާ އެތެރެކުރުމުގެ ހުއްދަ މީގެ ކުރިން ބާޠިލްކޮށްފައި ވާއިރު، މިހާތަނަށް ބާޠިލް ނުކޮށް އޮތް ދެ ހުއްދަ ކަމުގައިވާ ރޯޔަލް އައިލެންޑް އެންޑް ސްޕާ އާއި ޕެރަޑައިސް އައިލެންޑް ރިސޯޓްއަށް ދޫކޮށްފައި ބަނގުރާ އެތެރެކުރުމުގެ ހުއްދަވެސް މިހާރު ވަނީ ބާޠިލްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ، ނާހިޔާ މުޙައްމަދު ސޮއިކުރައްވައި، ރޯޔަލް އައިލެންޑް އެންޑް ސްޕާ ހިންގާ، އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑް ކުންފުންޏަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އެ ކުންފުންޏަށް ދޫކޮށްފައިވާ ބަނގުރާ އެތެރެކުރުމުގެ ހުއްދަ ބޭނުންކޮށްގެން، ޤަވާއިދު ނަންބަރު: 2011/R-49 (ބަނގުރަލާއި އޫރުމަހުގެ ޤަވާއިދު) ގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ޢަމަލެއް ހިންގާފައިވާކަން، ބަލައި ފާސްކުރުމުން ފާހަގަވެފައިވާތީ، އެ ކުންފުންޏަށް ދޫކޮށްފައިވާ ބަނގުރާ އެތެރެކުރުމުގެ ހުއްދަ 21 ޖަނަވަރީ 2018 އިން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް ހިފަހައްޓަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ވިލާ ގްރޫޕުން ހިންގާ ޕެރަޑައިސް އައިލެންޑް ރިސޯޓްއަށް ދީފައިވާ ބަނގުރާ އެތެރެކުރުމުގެ ހުއްދަ ބާޠިލްކޮށްފައިވާކަން އެ ރިސޯޓް ހިންގާ ކުންފުންޏަށްވެސް އަންގާފައިވާކަން ވިލާ ގްރޫޕްގެ މެނޭޖަރ، ގައިސަރު ނަސީމް ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

ޤައިސަރު ވިދާޅުވީ، ކަމާއިބެހޭ ފަރާތްތަކުގެ މި ނިންމުމާއިއެކު، ވިލާގެ ހުރިހާ ރިސޯޓަކަށްވެސް ރާ އެތެރެކުރުން މަނާވެގެން ދިޔައީ ކަމަށާއި، މީގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށް ނޭދެވޭ ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވިލާގެ ހުރިހާ ރިސޯޓެއްގައިވެސް މިހާރު ހުރީ ދެތިން ދުވަހު ބޭނުންކުރެވޭ ވަރުގެ ރަލުގެ ސްޓޮކެއް ކަމަށެވެ. ވިލާގެ ރިސޯޓްތަކުގައި ތިބި ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް އައިސް ތިބީ އޯލް އިންކްލޫސިވް ޕެކޭޖްތަކުގެ ދަށުން ކަމަށްވާއިރު، އެ ފަތުރުވެރިންނަށް ދޭންޖެހޭ ޚިދުމަތަށް މީގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ކަމަށް ޤައިސަރު ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބަބުން ރިސޯޓްތައް ހުއްޓުމަކަށް އައުމުގެ ބިރު އޮތްކަމަށް ޤައިސަރު ވިދާޅުވިއެވެ.

ވިލާގެ ރިސޯޓްތަކަށް ރާ އެތެރެކުރުން މަނާކޮށްފައިވާއިރު، ހޮނިހިރު ދުވަހުގެރޭ ވިލާ ގްރޫޕުގެ ދަށުން ހިންގާ ފަން އައިލެންޑަށް ކަސްޓަމްސްގެ އޮފިސަރުން އަރައި، ޤަވާއިދާ ޚިލާފަށް ހޯދާފައިވާ ރާކަމަށްބުނެ އެ ރިސޯޓްގައި ހުރި ރަލުގެ ސްޓޮކް، ކަސްޓަމްސްއިން ވަނީ ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް