ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 18:49
ރަފައޭލް ނަދާލް
ރަފައޭލް ނަދާލް
އޭޓީޕީ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަން: ކުއާޓާގައި ނަދާލް އަދި ސިލިޗްގެ ވަރުގަދަ ކުރިމަތިލުމެއް
ނަދާލް ކުއާޓާގެ ޖާގައެއް ހޯދީ ޑިއޭގޯ ޝްވަޓްޒްމަން ތިން ސެޓް އެއް ސެޓުން ބަލިކޮށްގެން
މަރިން ސިލިޗް ކުއާޓާއަށް ދަތުރުކުރީ ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ 3-1 އިން ބަލިކޮށްގެން

މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލް އިން ސްޕެއިންގެ ރަފައޭލް ނަދާލް އަދި ކްރޮއޭޝިއާގެ މަރިން ސިލިޗް ޖާގަ ހޯދައިފިއެވެ.

ދުނިޔޭގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައިވާ ނަދާލް ކުއާޓާގެ ޖާގައެއް ހޯދީ މި މުބާރާތުގެ 24 ވަނައަށް ސީޑް ކުރެވުނު އާޖެންޓީނާގެ ޑިއޭގޯ ޝްވަޓްޒްމަން ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ނަދާލް ގެންދިޔަ ނަމަވެސް ޝްވަޓްޒްމަން ވަނީ ދެވަނަ ސެޓް 7-6 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ނަދާލް ވަނީ އޭނާގެ ތަޖުރިބާއާ އެކު ފަހުން ކުޅުނު ދެ ސެޓް 6-3 އަދި 6-3 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

އުމުރުން 31 އަހަރުގެ ނަދާލް ބުނީ މި މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ޝްވަޓްޒްމަންއަކީ އޭނާގެ ވަރަށް ގާތް އެކުވެރިޔެއް ކަމަށެވެ. ނަދާލް ބުނީ ޝްވަޓްޒްމަންއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި މިއީ 2018 ވަނަ އަހަރު އޭނާ ކުޅުނު އެންމެ ބޮޑު މެޗު ކަމަށެވެ. މިކަމުގެ ސަބަބުން މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް އިތުބާރު ލިބިފައިވާ ކަމަށާއި ހަތަރު ގަޑިއިރު ވަންދެން ކޯޓުގައި މަޑުކުރަން ޖެހުނަސް އެކަން ކުރާނެ ކަމަށެވެ.

މި މުބާރާތުގެ ހަވަނައަށް ސީޑު ކުރެވިފައިވާ ކްރޮއޭޝިއާގެ މަރިން ސިލިޗް ކުއާޓާއަށް ދަތުރުކުރީ 10 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް 6-7 އިން ސިލިޗް އަށް ގެއްލުނު ނަމަވެސް އޭނާ ވަނީ ފަހުން ކުޅުނު ތިން ސެޓު 6-3، 7-6 އަދި 7-6 ގެންގޮސް މި މެޗު ކާމިޔާބުކޮށްފައެވެ.

ހަމައެހެންމެ އިނގިރޭސިވިލާތުގެ ކައިލް އެޑްމަންޑް ވެސް ވަނީ ތިން ސެޓް އެއް ސެޓުން އިޓަލީގެ އަންދްރެއާސް ސެޕީ ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ސެޕީ ގެންދިޔަ ނަމަވެސް އެޑްމަންޑް ވަނީ ފަހުން ކުޅުނު ތިން ސެޓު 7-5، 6-2 އަދި 6-3 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. މިއީ އެޑްމަންޑްގެ ކެރިއަރުގައި ވެސް ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓާއިން އޭނާއަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. ކުއާޓާގައި އޭނާ ނުކުންނާނީ ނިކް ކިރްގިއޯސް އަދި ގްރިގޯ ޑިމިޓްރޯވްއާ ދެ ކުޅުންތެރިން ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް