ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 11:24
ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޗެލްސީ އާއި އާސެނަލްއަށް ތަފާތު ބޮޑު މޮޅުތަކެއް
ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 4-1 ގެ ނަތީޖާއަކުން
އެވަޓަންއާ ވެސްޓް ބްރޮމް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި އާސެނަލް ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. މި މެޗާއި ޗެލްސީއިން ކުރިމަތިލީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެއް ނަމްބަރު ތީބައު ކޯޓުވާއާއި ނުލައެވެ. މި މެޗުން ވެގެން ގޮސްފައިވަނީ ޖެހިޖެހިގެން ފަސް މެޗުން އެއްވަރުވުމަށްފަހު ޗެލްސީ މޮޅުވި ފުރަތަމަ މެޗަށެވެ.

ފުރަތަމަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ޗެލްސީއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގިއެވެ. ވިކްޓަރ މޯސެސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެޑެން ހަޒާޑްއެވެ. ޗެލްސީއިން ވަނީ އޭގެ ދެ މިނެޓު ފަހުން އަނެއްކާ ވެސް ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ވިންގަރ ވިލިއަންއެވެ. މި ހާފުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް ވަނީ ގިނަ ސޭވްތަކެއް ފެނިގެން ގޮސްފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޗެލްސީއިން ފުރަތަމަ ހާފު ނިންމާލިއިރު ބްރައިޓަންގެ ފަރާތުން ދެވަނަ ހާފުގައި ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ބްރައިޓަންއިން ޗެލްސީގެ ގޯލަށް ނުރައްކާކުރަމުން ދަނިކޮށް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަޒާޑް ވަނީ އޭނާ މި މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ޗެލްސީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ޗެލްސީގެ ހަތަރު ވަނަ ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ މޯސެސްއެވެ.

އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ކުރިމަގާއިމެދު ސުވާލު އުފެދިފައިވާ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް އޮޒިލް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މި މެޗުގެ ފުރަތަމަ 22 މިނެޓުގައި އާސެނަލްއިން ހަތަރު ލަނޑު ޖެހިއެވެ. މެޗުގެ ހަވަނަ މިނެޓުގައި ނާޗޯ މޮންރެއާލް އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު 10 ވަނަ މިނެޓުގައި އެލެކްސް އިވޯބީ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ތިން މިނެޓުފަހުން ލޯރެންޓް ކޮސިއެލްނީ އާސެނަލްގެ ލީޑު އިތުރަށް ފުޅާކޮށްދިންއިރު އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖަހައިދިނީ އެލެކްޒެންޑާ ލަކަޒެޓްއެވެ. މި މެޗުގައި ކްރިސްޓަލް ޕެލަސްއިން ޖެހި ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ލޫކާ މިލިވޮޖިޗްއެވެ.

ޕްރިމިއާ ލީގުގައި އެވަޓަންއާ ވެސްޓް ބްރޮމް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެވަޓަންގެ ލަނޑު އޮމަރު ނިއާސޭ ޖަހައިދިންއިރު ވެސްޓް ބްރޮމްގެ ލަނޑު ޖަހައިދިނީ ޖޭ ރޮޑްރިގޭޒްއެވެ. ވެސްޓް ހަމްއާ ބޯންމައުތު ކުޅުނު މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިން އެއްވަރުވެގެންނެވެ. ވެސްޓް ހަމްގެ ލަނޑު ހަވިޔާ ހަނާންޑޭޒް ޖަހައިދިންއިރު ބޯންމައުތުގެ ލަނޑު ޖަހައިދިނީ ރަޔަން ފްރޭޒާއެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 65 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 53 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއަށެވެ. ޗެލްސީއަށް 50 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 47 ޕޮއިންޓާއެކު އޮތް ލިވަޕޫލްއަށް ލިބެނީ ހަތަރު ވަނައެވެ. ޓޮޓެންހަމްއަށް 44 ޕޮއިންޓާއެކު ހަވަނަ ލިބޭއިރު 42 ޕޮއިންޓާއެކު އާސެނަލްއަށް ލިބެނީ ޓޮޓެންހަމްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް