ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 08:46
މަހުލޫފްގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރަމުންދިޔައިރު، ކަރެކްޝަނުގެ އޮފިސަރުންތަކަކާއެކު
މަހުލޫފްގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރަމުންދިޔައިރު، ކަރެކްޝަނުގެ އޮފިސަރުންތަކަކާއެކު
މުހައްމަދު ޝަރުހާން
ޖަލުގައި މަރު ގިނަވުން
މާފުށީ ޖަލުގައި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ ކަމަށް މަހުލޫފް ތުހުމަތު ކުރައްވައިފި
އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް
ޖަލުގައި އޮންނަވައިގެން ވެސް މަހުލޫފް މި ވާހަކަތައް ދެއްކެވި
އެކަށީގެންވާ ބޭސްފަރުވާ ހަމަޖައްސައިނުދީ އެތައް ގައިދީންނެއް ޖަލުގައި

މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާނުދީ މަރާލަނީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ތުހުމަތު ކުރައްވައިފިއެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ހޮނިހިރު ދުވަހު މަރުވެފައިވަނިކޮށް، މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރާލަނީ ކަމުގެ ތުހުމަތު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި ކޮމިޝަނަރ އޮފް ޕްރިޒަންސް މިކަމުގެ ޒިންމާ ނަންގަވަންޖެހޭނެ ކަމަށެވެ.

މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރަމުންދިޔައިރު، މި ޝަކުވާ ކުރެވުނު އަދަދުވެސް ނޭނގޭ ކަމަށެވެ.

މަހުލޫފްގެ މައްޗަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އިރުވެސް އޭނާ ވަނީ ޖަލުގައި ގައިދީންނާ މެދު އަމަލުކުރަމުން ގެންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން، މާފުށީ ޖަލުގެ ޔުނިޓް 10 ގައި ހުކުމް ތަންފީޒު ކުރައްވަމުން މަހުލޫފް ނެރުއްވި ބަޔާނެއްގައި ވަނީ ގައިދީންނާ މެދު އަމަލުކުރަމުންދާ ގޮތް ހާމަކުރައްވާފަ އެވެ. ޖަލުގައި ހުންނަވައިގެން މިދިޔަ އަހަރުގެ ފެބްރުއަރީގައި ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ މީހުން ޖަލަށް ލަނީ އެމީހަކު ކުރި ކުށަކަށް ދެވޭ އަދަބެއްގެ ގޮތުންކަމަށްވާއިރު، ޖަލަށްލުމަށް ފަހު ޖަލު ތެރޭގައި އަނިޔާ ލިބެމުންދާ އެތައް ގައިދީންނެއް އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބެމުންދާ އެތައް ގައިދީންނެއް މިވަގުތުވެސް ޖަލުގައި އެބަތިއްބެވެ.

ގައިދީންނާމެދުވެސް އަމަލުކުރަންވާނީ އިންސާނުންނާމެދު އަމަލުކުރާ އުސޫލުން ކަމަށާއި، ގައިދީންނާމެދު އަމަލުކުރާ އުސޫލުތަކުގެ ސަބަބުން ބުއްދިފިލާ ގޮސްފައިތިބި ގައިދީން މިވަގުތު މާފުށި ޖަލުގައިވެސް އެބަ ތިބިކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެކަށީގެންވާ ބޭސް ފަރުވާ ހަމަޖައްސައިނުދީ އެތައް ގައިދީންނެއް ތިބިއިރު، ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބޭސް ލިޔެދިން ފަހުން ހަތަރު މަސްދުވަސް ވީއިރުވެސް ޑޮކްޓަރު ލިޔެދިން ބޭސް ގައިދީންނަށް ނުދޭ ކަމަށެވެ. މަހްލޫފް ވިދާޅުވީ ޖަލުތަކާ ޕެރޯލްގެ ގާނޫނުގައި، ޖަލު އަދަބެއްގެ ގޮތުން ވިޔަސް އެކަހެރިކޮށްފައި ގައިދީއަކު ބެހެއްޓޭނީ ގިނަވެގެން އެއް މަސް ދުވަހުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައިވީނަމަވެސް ޖަލުގައި އެކަހެރިކޮށް ބަންދުކޮށްފައިތިބި އެތައް ގައިދީންނެއް އެބަތިބިކަމަށެވެ.

މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ހިތް ހުއްޓިގެން މަރުވިއިރު، ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ވެސް ހިތް ހުއްޓިގެން މިދިޔަ މަހު މަރުވެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް