ވިލާ ގްރޫޕުން ހިންގަމުން އަންނަ ފަން އައިލެންޑް ރިސޯޓުގައި ހުރި ރާފުޅިތައް ގެންދިއުމަށް ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އިލްތިމާސްކޮށްފި އެވެ.
ކަސްޓަމްސްއިން ހޮނިހިރު ދުވަހުގެ ރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ ފަން އައިލެންޑް ރިސޯޓަށް ގަވައިދާ ހިލާފަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހޮނިހިރު ދުވަހު ހިންގާފައިވާ އޮޕަރޭޝަނަކީ ގާނޫނުން ކަސްޓަމްސްއަށް ލިބިދީފައިވާ ބާރުގެ ދަށުން ކަސްޓަމްސް އިން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ފުލުހުންގެ ދައުރަކީ ކަސްޓަމްސް އެދިއްޖެ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.
ކަސްޓަމްސްގެ ބަޔާނުގައި، ބޮންޑެޑް ވެއަރހައުސްތަކުން ރިސޯޓްތަކަށް ދޫކުރާ ބަނގުރާ ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް ފަރާތަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ މަނާ ކަމެއް ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައި ވީހިނދު ކަސްޓްސްގެ ގަވާއިދާއި ގާނޫނާ ހިލާފު މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ބާރު ކަސްޓަމްސްއަށް ލިބިފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި ކަސްޓަމްސްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ކަސްޓަމްސްއިން ބޭނުންވެއްޖެ ނަމަ ސިފައިންނާއި ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެ ކަމަށާއި، އެގޮތުން އެހީތެރިކަމަށް އެދިއްޖެ ނަމަ އެފަރާތްތަކުން ކަސްޓަމްސް އަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެން ކަމުން "ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް އަދި ފުލުހުންގެ އަގު ވެއްޓޭ ގޮތައް ދޮގު ހަބަރު ނުފެތުރުމަށް" އިލްތިމާސް ކުރާކަމަށް އެ ބަޔާނުގައިވެ އެވެ.
ނަމަވެސް އެ ބަޔާނަކީ ފުލުހުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ކޮން ވާހަކައެއް ދައްކާތީ ނެރުނު ބަޔާނެއް ކަމެއް ސާފެއް ނުވެ އެވެ. އަދި ފުލުހުންނާމެދު ނަފްރަތު އުފެދޭ ގޮތައް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށް ފުލުހުން ބަޔާނެއް ނުނެރެ، ކަސްޓަމްސްއިން އެ ބަޔާން ނެރުނީ ކީއްވެ ކަމެއް ސާފެއްނުވެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ފުލުހުންނާއި ކަސްޓަމްސް އިން އަރާ ހިންގާ އޮޕަރޭޝަނުގައި ފަން އައިލެންޑްގައި ހުރި ގިނަ އަދަދެއްގެ ރާ ފުޅިތައް ވަނީ ގެންގޮސްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެކަމަކީ ސިޔާސީ ގޮތުން ގާސިމް އިބްރާހިމަށް ގެއްލުން ދިނުމަށް ކުރަމުންދާ ކަމެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށްފަހު އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.