ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 04:34
ޑރ. އިބްރާހިމް ދީދީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
ޑރ. އިބްރާހިމް ދީދީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި
ސިމާހާ ނަސީމް
ވިލާގެ ރިސޯޓްތަކަށް އެރުން
ސަރުކާރުން ހިންގަމުންދާ ޖަރީމާއަކީ މުޅި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޖަރީމާއެއް: ޑރ. ޑީޑީ
ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ބޮޑު ހަމަލާއެއް
ވިލާގެ ރިސޯޓުތަކުގައި ތިބި އެތައް ހާސް ރައްޔިތުން ތަކެއްގެ ނަފުރަތު މި ސަރުކާރަށް އަމާޒު ވެގެންދާނެ
ސަރުކާރުން ހިންގަމުންދާ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ސަރުކާރުން ހިންގަމުންދާ ޖަރީމާ އަކީ މުޅި ފަތުރުވެރިކަމަށް އަމާޒުކޮށްގެން ހިންގާ ޖަރީމައެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ރާއްޖޭގައި ތިބި ފަތުރުވެރިންނަށް ފެންނަ މަންޒަރުތަކެއް ނޫން ކަމަށާއި މުޅި ދުނިޔޭގެ އެކި ގައުމުތަކުން މިކަން ދެކި، އެ ގައުމުތަކުގެ ނޫސްތަކުގައިވެސް މިވާހަކަ ލިޔެވޭނެ ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރައްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މިއީ އެމަނިކުފާނަށް ހެއްދެވޭ ވަރަށް ބޮޑު ގޯހެއްކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ މިކަމުގެ ސަބަބުން ވިޔަފާރިވެރިންގެ ނަފްރަތުވެސް މި ސަރުކާރަށް އަމާޒުވެގެންދާނެ ކަމަށެވެ. 

"މި އަނިޔާވެރި ވެރިކަމަށް ފާޑުކިޔާ ކޮންމެ ވިޔަފާރިވެރިއަކަށް ޓާގެޓް ކުރެވިގެން އެ ވިޔަފާރިވެރިއެއްގެ މުދާތަކަށްވެސް އަރައި ގަންނަ މަންޒަރު ފެނިގެން ދަނީ. ހުދުމުހުތާރު ވެރިންގެ އެއް ސިފަ އެއީ ވިޔަފާރިވެރިންނަށް ގޯނާ ކުރުމާއި ވިޔަފާރިވެރިންގެ މުދާތައް ނެގުމާއި މިކަހަލަ ޖަރީމާތައް ހިންގުމަކީ ހުދުމުހުތާރު ވެރިންގެ ބޮޑު ސިފައެއްގެ ގޮތުގައި ފާހަގަކުރެވިގެންދަނީ. ރައީސް ޔާމީންގެ ދައުރުގެ ފަހު ދުވަސްތައް ގުނަމުން ގޮސް މިވެރިކަން ނިމުމަކަށް އައިސް މި ވެރިކަން ކަފުންކުރާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް ރައީސް ޔާމީންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެންދާ މަންޒަރު ފެނިގެންދަނީ" ޑރ. ޑީޑީ ވިދާޅުވިއެވެ.

މި އިންތިހާބީ އަހަރުގައި ރައީސް ޔާމީން އަމަލުކުރައްވަމުން ގެންދަވަނީ ދުނިޔޭގެ އެހެން ރައީސުން އަމަލުކުރައްވާ ގޮތާއި ހިލާފަށް ކަމަށް ޑރ. ޑީޑީ ސިފަކުރެއްވިއެވެ. އަދި ވިލާގެ ރިސޯޓުތަކުގައި ތިބި އެތައް ހާސް ރައްޔިތުން ތަކެއްގެ ނަފުރަތު މި ސަރުކާރަށް އަމާޒުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާސިމް އަށް ލިބޭ ކޮންމެ ގެއްލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބޭ ގެއްލުމެއްކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މިކަމުގެ ދިފާއުގައި ނިކުންނާނެ ކަމަށާއި ގާސިމްގެ ފަހަތްޕުޅުގައި އެ ޕާޓީތަކުން ތިބޭނެ ކަމަށެވެ.

ޑރ. ޑީޑީ އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގަމުންދާ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މުޅި ގައުމުގެ އިގްތިސާދުގެ ދިފާއުގައި ހުރިހާ ރައްޔިތުން ތެދުވާން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ކަފުން ކުރެވޭ ހިސާބަށް ދިޔުމުން މިހާރު އެމަނިކުފާނާއި އެކީ ތިއްބެވި މެމްބަރުންވެސް ނުތިއްބަވާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް